ޅ. ނައިފަރުގެ ޖުވެނައިލް ޖަމިއްޔާއިން ބޭންކް އޮފް މޯލްޑިވެސް (ބީއެމްއެލް) މައްޗަށް ދައުވާ ކުރުމުން އެ ޖަމިއްޔާއާއެކު ކުރަމުންދާ މުއާމަލާތްތައް ބީއެމްއެލް އިން ހުއްޓާލުމުން ޖުވެނައިލް ޖަމިއްޔާއިން ބީއެމްއެލް އާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ކުރަން ނިންމައިފި އެވެ.

ޖުވެނައިލް ޖަމިއްޔާގެ ވައިސް ޗެއާމަން މުހައްމަދު އަހުމަދު މިއަދު ވިދާޅުވީ ބޭންކާއި ކަސްޓަމަރަކާ ދޭތެރޭ ޖެހޭ މައްސަލައެއް ހައްލުކުރަން ޝަރީއަތަށް ދިއުމުގެ އިހްތިޔާރު ބީއެމްއެލްގެ ގަވާއިދުގައި ކަސްޓަމަރަށް ދީފައި ވަނިކޮށް ބޭންކުގައި ހުރި އެ ޖަމިއްޔާގެ ޑޮލަރުތަކެއް ދޫނުކޮށްގެން އެ ހޯދަން ކޯޓަށް ދިއުމުން ބޭންކިން މުއާމަލާތް ކަނޑާލަންޖެހޭ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

އަދި އެޖަމިއްޔާއަށް ދަތިކުރުމުގެ ގޮތުން ބޭންކުން މުއާމަލާތް ކަނޑާލިއިރުގައި އެ ސަރަހައްދުގައި އިތުރު ބޭންކަކުން ހިދުމަތް ނުދޭ ކަމަށާއި ބީއެމްއެލް އިން ޖުވެނައިލް އަށް އެ ހިދުމަތް ލިބޭނެ ގޮތެއް ހަދައިދޭން ޖެހޭނެ ކަމަށް ގަބުލުކުރާކަމަށް ވެސް މުހައްމަދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ހައްގެއް ހޯދަން ޝަރީއަތަށް ދިޔައީމަ މުއާމަލާތް ކަނޑާލަން ޖެހޭ ކަމަށް ގަބޫލެއް ނުކުރަން. ބޭންކުގެ ގަވާއިދުގައި ވެސް ބުނެފައި އޮވޭ ބޭންކު ހިނގަމުންދާނީ ރާއްޖޭގެ ގާނޫނޫ އަސާސީ އާއި އެއްގޮތަށް ކަމަށް،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޭންކުގެ މައްޗަށް ދައުވާކުރަން ނިންމާފައިވަނީ "މުދާ ގަންނަ ފަރާތާއި ހިދުމަތް ލިބިގަންނަ ފަރާތް ހިމާޔަތްކުރާ ގާނޫނޫ" ގެ ދެވަނަ މާއްދާއާއި ހިލާފުވެފައިވާތީ ކަމަށާއި މިހާރު ސިވިލް ކޯޓަށް އެ މައްސަލަ ވެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މުދާ ގަންނަ ފަރާތާއި ހިދުމަތް ލިބިގަންނަ ފަރާތް ހިމާޔަތްކުރާ ގާނޫނުގެ ބުނަނީ "އެހެން ގާނޫނަކުން ވަކި ގޮތެއް ކަނޑަނާޅާހާ ހިނދަކު، ވިޔަފާރިކުރާ ތަނަކުން އެތަނަކުން ވިއްކާ މުދަލެއްގެ ވިއްކުމުގައި، ނުވަތަ ހިދުމަތް ދޭ ފަރާތަކުން އެތަނަކުން ދޭ ހިދުމަތް ދިނުމުގައި ނަހަމަ ގޮތެއްގައި ވަކިފަރާތެއް ތަފާތުކޮށް ގެން ނުވާނެއެވެ. އަދި އެފަދަ ގޮތެއްގައި މުދަލެއް ވަކިފަރާތަކަށް ނުވިއްކައި ހިދުމަތް ވަކިފަރާތަކަށް ނުދިނުމަކީ ކުށެކެވެ."

މިއީ ޖުވެނައިލް އިން ބޭންކުގެ މައްޗަށް ދައުވާ ކުރާ ދެވަނަ ފަހަރެވެ. ފުރަތަމަ ފަހަރަށް ކޯޓުގައި ދައުވާ ކޮށްފައިވަނީ ބީއެމްއެލް ގައި އެ ޖަމިއްޔާއިން ހުޅުވާފައި ހުރި ޑޮލަރު އެކައުންޓަކުން ޑޮލަރު ނަގަން ދިއުމުން ފިޒިކަލް ކޭޝް ޖަމާ ނުކުރާތީ ކަމަށް ބުނެ އެކަމުގެ ލިޔުމެއް ވެސް ނުދީ އެކައުންޓުގައި ހުރި ފައިސާ ހިފަހައްޓާފައިވާތީ އެކައުންޓުގައި ހުރި ޑޮލަރު ދޫކޮށްދިނުމަށް އަމުރެއް ނެރެދިނުމަށް އެދިއެވެ.

ބީއެމްއެލް އިން އެ ޖަމިއްޔާ އާއެކު ކުރަމުން އައި ހުރިހާ މުއާމަލާތެއް ކަނޑާލަން ނިންމައި އެކަން ރަސްމީކޮށް އަންގާފައިވަނީ ޖުވެނައިލް އިން އެ މައްސަލައިގައި ނައިފަރު ކޯޓުގައި ދައުވާ ކުރުމުންނެވެ.