24 Jun 2010, 10:05
14:30
ޕެރަގުއާއީގެ އިތުބާރު ޑިފެންޑަރ އެންޓޮލިން އަލްކަރޭޒް އަށް ލިބިފައިވާ އަނިޔާ ރަނގަޅު ނަމަ ނިއުޒިލެންޑާ ދެކޮޅަށް މިރޭ ނެރޭނީ ސްލޮވޭކިޔާއާ ދެކޮޅަށް ނިކުތް ފުރަތަމަ އެގާރަ ކަމަށް ޕެރަގުއާއީގެ ކޯޗް ބުނެފި އެވެ.
ޕެރަގުއާއީގެ އިތުބާރު ޑިފެންޑަރ އެންޓޮލިން އަލްކަރޭޒް އަށް ލިބިފައިވާ އަނިޔާ ރަނގަޅު ނަމަ ނިއުޒިލެންޑާ ދެކޮޅަށް މިރޭ ނެރޭނީ ސްލޮވޭކިޔާއާ ދެކޮޅަށް ނިކުތް ފުރަތަމަ އެގާރަ ކަމަށް ޕެރަގުއާއީގެ ކޯޗް ބުނެފި އެވެ.
މެންޗެސްޓަރ ސިޓީއަށް ކުޅޭ ޕެރަގުއާއީގެ ހަލުވި ފޯވަޑް ސެންޓަރ ކްރޫޒް އަށް މިރޭގެ ފުރަތަމަ އެގާރައިން ޖާގަ ލިބުމުގެ ފުރުސަތު ބޮޑުއިރު ނިއުޒިލެންޑްގެ ގޯލް މިރޭ ބަލަހައްޓާނީ ބައިނަލްއަޤްވާމީ ހަތުރު މެޗުން ސަސްޕެންޑްކޮށްފައިވާ އެއް ނަންބަރ ކީޕަރު ގްލެން މޮސް ކަމަށް ބެލެވެ އެވެ.
މި ދެޓީމު އެންމެ ފަހުން ބައްދަލުކޮށްފައި ވަނީ 1995 ވަނަ އަހަރު ޗިލީގައި ކުޅުނު އެކުވެރިކަމުގެ މެޗެއްގަ އެވެ. މިމެޗް ތިނެއް ދޭކުން ކާމިޔާބުކޮށްފައި ވަނީ ޕެރަގުއާއީ. ޕެރަގުއާއީން ވަނީ އެޓީމު އެންމެ ފަހުން ކުޅުނު ތޭރަ މެޗުގައި ވެސް ބައިކޮށްޅަށް ގޯލެއް ވަނަ ބުދީ ހިފަހައްޓާލާފަ އެވެ. އެހެންކަމުން މިރޭގެ މެޗަށް އެޓީމު ނިކުންނާނީ މިރެކޯޑް ދެމެހެއްޓުމަށެވެ.
މިފަހަރުގެ ވޯލްޑްކަޕް ކޮލިފައިންގައި ޕެރަގުއާއީ ވަނީ ފުޓްބޯޅައިގެ ގަދަ ބާރު ކަމުގައިވާ ދުނިޔޭގެ އެއްވަނަ ބްރެޒިލް އާއި މިފަހަރުގެ ވޯލްޑްކަޕްގައި ރަގަޅު ނަތީޖާ އެއް ހޯދަމުން އަންނަ އާޖެންޓީނާ ވެސް ބަލިކޮށްފަ އެވެ.
އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ ތަށި ދިފާއުކުރަން ބޭނުންނަމަ ޖެހޭނީ މިރޭ މޮޅުވާނެ އެވެ. މިރޭ މާލޭގަޑިން 7 ޖަހާއިރު ކުޅޭ މި މެޗަށް ސްލޮވޭކިޔާއާ ދެކޮޅަށް ނިކުންނައިރު އިޓަލީގެ ކުޅުންތެރިންނާއި ކޯޗާ މައްސަލަ ޖެހިފައިވާ ކަމަށް މީޑިޔާގައި ވަނީ ތާފާތު ވާހަކަތައް ފެތުރިފަ އެވެ. އިއްޔެ ބޭއްވި ފަރިތަކުރުންތަކަށް ފަހު ކޯޗު ވަނީ ކުޅުންތެރިން އެކުވެރިކުރުވުމަށް ވަރަށް ގިނަ ވާހަކަތައް ދައްކައިފަ އެވެ.
މިރޭގެ މެޗުގައި އިޓަލީގެ ކޯޗަށް ލިބިގެންދާނެ އެންމެ ބޯޑު ހިތްހަމަޖެހުމަކީ ތަޖުރިބާކާރު، އޭސީމިލާންގެ މިޑްފީލްޑަރ އަދި ނިމިގެންދިޔަ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާ ޕިރުލޯ އަށް ކުޅެވޭކަމެވެ.
މި ދެ ޓީމު އެންމެ ފަހުން 1998 ވަނަ އަހަރު ސިސިލީގައި ކުޅުނު މެޗު އިޓަލީ ކާމިޔާބުކޮށްފައި ވަނީ ތިނެއް ސުމަކުންނެވެ.
މިރޭ ދެން އެންމެ ފޯރިގަދަވާނެ ކަމަށް ބެލެވެނީ ޖަޕާނާއި ޑެންމާކް ބައްދަލުކުރާ މެޗެވެ. މިމެޗަށް ޖަޕާންގެ ކޯޗް ތަކަޝީ އޮކާޑާ ނެރޭނީ އެންމެ ފަހުން ހޮލެންޑާ ދެކޮޅަށް ނެރުނު ފުރަތަމަ އެގާރަ ކަމަށް ބެލެވެ އެވެ.
އާސެނަލްގެ ސްޓްރައިކަރ ނިކޮލްސް ބެންޓްނަ އަށް އަނިޔާ ލިބިގެން ހުރެ ފާއިތުވި ދެ މެޗަށް ނިކުތް ނަމަވެސް މިރޭގެ މެޗުން އޭނާ ފެނުން ދުރުކަމަށް ތަޖުރިބާކާރުން ބުނެ އެވެ. އަދި ޑެންމާކްގެ ޑިފެންސް ލައިން ބަލަހައްޓަމުން އަންނަ ސިމަން ކެޖަރ ސަސްޕެންޑްކޮށްފައިވުމުން މިރޭ ކޯޗް ނެރޭނެ ކަމަށް ބެލެވެނީ ޕާ ކޯލްޑްރޮޕް އެވެ.
ބާރަ ފަހަރު ވޯލްޑްކަޕްގައި ވާދަކޮށްފައިވާއިރު އެންމެ ނުވަ ގޯލް ޖަހާފައިވާ ޖަޕާން މިރޭގެ މެޗަށް ނިކުންނައިރު އެމީހުން ވަނީ އެންމެ ފަހުން ކުޅުނު ހަ މެޗުގައި ވެސް ބަލިވެފަ އެވެ. މިރޭ ޖަޕާން އަށް ދިމާވާނެ އެންމެ ބޮޑު އެއް މައްސަލައަކަށް ވާނީ ޑެންމާކް ކުޅުންތެރިން އިސްކޮޅުން ދިގުވުންކަން ތަޖުރިބާކާރުން ބުނެ އެވެ.
މި ދެ ޓީމު އެންމެ ފަހުން ބައްދަލުކޮށްފައި ވަނީ 1971 ވަނަ އަހަރެވެ. ތިނެއް ދޭކުން މިމެޗް ޑެންމާކް ކާމިޔާބުކޮށްފައި ވާއިރު މިހާރުގެ އެޓީމުގެ ކޯޗް ވަނީ އެމެޗުގައި އޭނާ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ކުޅުނު ހަތްދިހަ އެއް މެޗުގެ ރެކޯޑެއް ވެސް ޤާއިމްކޮށްފަ އެވެ.
މުބާރާތުން ކަޓާފައިވާ ކެމަރޫނާއި ހޮލެންޑް ބައްދަލުކުރާ މެޗަށް ނިކުންނައިރު މިރޭ ކެމެރޫން ޓީމުން ފެނިގެން ދާނީ މިފަހަރުގެ ވޯލްޑްކަޕްގައި ފުރުސަތެއް ދީފައިނުވާ ކުޅުންތެރިން ކަމަށް ބެލެވެ އެވެ. ބައެއް މީޑީޔާ ރިޕޯޓްތައް ބުނާ ގޮތުން ހޮލެންޑުން ނިކުންނާނީ އެޓީމުން އެންމެ ފަހުން ޖަޕާނާ ދެކޮޅަށް ނެރުނު ފުރުތަމަ އެގާރަ އެވެ. މެޗާ ކުރިމަތިލާއިރު ހޮލެންޑަށް ގަދަ ސޯޅަ ޔަޤީންވެފައިވުމުން މުހިއްމު ކުޅުންތެރިންތަކަކަށް ކޯޗް މާވިކް ރެސްޓް ދޭނެކަމަށް ބެލެވެ އެވެ. އަދި އަނިޔާގެ ސަބަބުން ދެމެޗުގައި ނުކުޅެ ބެންޗްގައި އިންނަން ޖެހުނު ރޮބިން މިމެޗުން ފެނުމުގެ ފުރުސަތު ވެސް ބޮޑެވެ.
މި ދެ ޓީމު މިހާތަނަށް ދެ ފަހަރު ބައްދަލުކޮށްފައި ވާއިރު 1998 ވަނަ ވަނީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. އަދި 2006 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗު ކާމިޔާބުކޮށްފައި ވަނީ ހޮލެންޑެވެ. މިމެޗް ހޮލެންޑް ކާމިޔާބުކޮށްފައި ވަނީ އެކެއް ސުމަކުންނެވެ.
މިފަހަރުގެ ވޯލްޑްކަޕްގެ ގަދަ ސޯޅައަށް މިހާރު ވަނީ ހަ ޓީމެއް ދަތުރުކޮށްފަ އެވެ. މިގޮތުން އިންގްލެންޑް ނިކުންނާނީ ތިން ފަހަރު ވޯލްޑްކަޕް ކާމިޔާބުކޮށްފައިވާ ޖާމަނީ އާއި ދެކޮޅަށެވެ. ގާނާ ނިކުންނާނީ މިދިޔަ އަހަރުގެ ކޮންފަޑަރޭޝަން ކަޕްގެ ރަނަރަޕް ޓީމު ކަމުގައިވާ އެމެރިކާއާ އެވެ.
ހޮނިހިރު ދުވަހު އުރުގުއާއި ނިކުންނާނީ ސައުތު ކޮރެޔާ އާއި ދެކޮޅަށެވެ. މި މުބާރާތުގެ އެއްވެސް މެޗަކުން ބަލިނުވެ ސަތޭކަ ޕަސެންޓް ރެކޯޑަކާއެކީ ގަދަ ސޯޅައިން ޖާގަ ހޯދާފައިވާ އާޖެންޓީނާ ނިކުންނާނީ މެކްސިކޯ އާއި ދެކޮޅަށެވެ. އެންމެ ފަހުން ބޭއްވި ވޯލްޑްކަޕްގައި ވެސް މި ދެޓީމު ވަނީ ގަދަ ސޯޅައިގައި ބައްދަލުކޮށްފަ އެވެ. އެ މެޗު ކާމިޔާބުކޮށްފައި ވަނީ އާޖެންޓީނާ އެވެ.