މިދުވަސްކޮޅު އެންމެ ރަނގަޅީ ހަމަ ގޭގައި ތިބުމެވެ. ކޮންމެހެން ދާންޖެހިގެން ނޫނީ ބޭރަށް ނުދިއުމެވެ. ތޮއްޖެހިފައިވާ މާލޭގެ ކުދިކުދި ތަންތަންކޮޅުގައި މިހެން މާ ގިނަދުވަހު އުޅުމަކީ ފަސޭހަ ކަމެއް ނޫނެވެ. ގޭގައި މަޑުކުރަންޖެހުމުގެ އިތުރަށް އަނެއްކަމަކީ ޚަރަދުބަރަދު ވެސް މާބޮޑަށް ތާށިވުމެވެ. މިހުރިހާ ނުތަނަސްވަސްކަމާއި އެކީގައިވެސް އުފާވެރި ވަގުތުކޮޅެއް ގޭގައި ހޭދަކުރާނީ ކިހިނެއްބާއެވެ؟

ކޮރޯނާވައިރަހުގެ ހޭލުންތެރިކަމުގެ މެސެޖުތަކާއެކު ދެން މިދުވަސްވަރު ސޯޝަލް މީޑިއާ ގުގުމާލާފައިވަނީ 'ހެލްޕް ފްލެޓަން ދަ ކާރވް' ގެ ޕޯސްޓްތަކުންނެވެ. އެންމެންވެސް ގޭގައި ތިބުމަށް ހިތްވަރުދީ އެބަަޔަކު ގޭގައި ތިބެގެން ކުރާ ކަންކަމުގެ ފޮޓޯތަކާއި ޕޯސްޓްތަކުން ފީޑްތައް ފުރާލައެވެ.

1. ކައްކަނީ ކައްކަނީ ހަމަ ކައްކަނީ!

އެންމެ ގިނަބަޔަކު މިދުވަސްވަރު ގޭގައި ތިބެގެން ކުރާ ކަމަކީ މިއީއެވެ. ކުދިވެރިން ގޮވައިގެން ނަމަވެސް، ނުވަތަ ދެމަފިރިން އެކުގައި ވިޔަސް، މީރު ކާއެއްޗެއް ތައްޔާރުކޮށްލަނީ އެވެ. ހާއްސަކޮށް ތަފާތު އެކި ބާވަތްތަކުގެ ކުކީސްއާއި ފޮނި ކާއެއްޗިއްސަކީ ގޭގައި ގިނަ ބަޔަކާއި އެކީގައި ތައްޔާރުކޮށްލަން މަޖާ އަދި ފަސޭހަ ރެސިޕީސް އެވެ. ކުދިންވެސް ވެސް ފޫހިފިލާ، ސްކްރީންޓައިމް މަދުކޮށް، އާ ހުނަރެއް ދަސްކުރުމަށް މިއީ ރަނގަޅު ވަގުތެއްތާއެވެ. މިފަދައިން ތަފާތު ރެސިޕީސް ތަޖުރިބާ ކުރާއިރު، ދުޅަހެޔޮ، ހަށިގަނޑުގެ އިމިއުން ސިސްޓަމް ވަރުގަދަ ކޮށްދޭނޭ ރެސިޕީތަކެއް ތަޖުރިބާކޮށްލުން ރަނގަޅުވާނެ އެވެ. ބޭނުންނަމަ އިންގެސް އެކި ރަހަތަކުގެ ރެސިޕީސް ލިބެން ހުންނާނެ އެވެ.

2. ބޯޑް ގޭމްސް

ރޯދަމަހާއި ބޮޑު ޗުއްޓީގައި ކުޅެން ގޭގެ އެކިތަންތަނުގައި ފޮރުވާފައި ހުރި ބޯޑްގޭމްސްތައް ނަގައިގެން ކުޅެލުމަށްވެސް މިއީ ހަމަ ރަނގަޅު ވަގުތެކެވެ. ސްކްރެބްލްއާއި މޮނޮޕޮލީ ނުވަތަ އުނޯ ކަހަލަ އެކި ގޭމްތައް ގިނަ މެންބަރުންނާއި އެކީގައި ކުޅެވޭއިރު ކެރަމް އަކީވެސް ވަރަށް ފޯރީގައި އެއްބަޔަކު ކުޅޭ ކުޅިވަރެކެވެ. ގިނަ ގޭގޭގައި ފޯރި ނަގައިގެން ކެރަމް ކުޅެނީ ރޯދަމަހުއެވެ. އެކަމަކު ރޯދައާ ދިމާލަށް ދާން މި އޮތް ކުޑަ ދުވަސްކޮޅުގައި ކެރަމް ބޯޑު ނަގައިގެން އެންމެންނާއެކު ޕްރެކްޓިސްކޮށްލަންވީއެވެ.

3. ރޯދައަށް ގޭތެރެ ސާފުކޮށްލަމާ!

މިކަމާއި މެދު ރަނގަޅަށް ވިސްނާލާނަމަ ރޯދަމަހަށް ބާކީއޮތީ މަހެއްހާ ދުވަހެވެ. އަހަރެމެންނަކީ އަބަދުވެސް ރޯދަމަހަށް ގޭތެރެ ސާފުކޮށް ކުދިކުދި ބަދަލުތައް ގެންނަ ބައެކެވެ. އެހެންކަމުން އެ މަސައްކަތް ފަށައިގަންނަން މިއީ ވަރަށް ރަނގަޅު ވަގުތަކަށް ވާނެއެވެ. ގޭތެރޭގައި ހުރި ބޭނުންނުކުރާ އެއްޗެހި ވަކިކޮށް، ބަދިގެ ތެރެ ސާފުކޮށް، ފުނިޖެހިފައި ހުރި އެއްޗެހި ތަރުތީބުކުރަން ފަށާށެވެ. ރޯދަ މަސް ފެށެން ވާއިރަށް އިރާދަކުރެއްވިއްޔާ މި ބަލިމަޑުކަމުންވެސް ލުޔެއް ލިބި، އޭރަށްވާއިރަށް އޮންނާނީ މަސައްކަތްވެސް ލުއިވެފައެވެ.

4. ނުބެލި ހުރި ރީތި ފިލްމާއި ސީރީޒްއަށްވެސް ވަގުތުކޮޅެއް!

އަހަރެމެންގެ ބުރަ ދިރިއުޅުން ކުޑަކޮށް މަޑުޖައްސާލަން ލިބިފައިމިވާ މި ވަގުތުކޮޅުގައި މިއީވެސް ކުރެވިދާނެ ކަމެކެވެ. ބައިސްކޯފު މެދުވެރިކޮށް ދިވެހި އެހާރާއި މިހާރުގެ ފިލްމްތައް ބަލާލެވޭއިރު، ނެޓްފްލިކްސްގެ އެންމެ ޓްރެންޑިން ސީރީޒްތައްވެސް ބަލަންވީއެވެ. ބައިސްކޯފަށް މިފަހުން އައި ފިލްމްތަކުގެ ތެރޭގައި 'ބޮސް'، ފޯޓީ ޕްލަސް، ކާކު، ނޭނގި ހުއްޓާ އަދި ދައުވަތު ހިމެނެއެވެ.

5. އަޅުކަމަށް ނަމަނަމަ ފަރުވާކުޑަނުކުރާތި!

މިފަދަ ކޮންމެ ވަގުތަކީވެސް އެތަށް ފިލާވަޅުތަކަކާއި އިބްރަތްތަކެއް އަހަރެމެންނަށް ދަސްކޮށްދޭ އަދި އަންގައިދޭ ދުވަސްތަކެކެވެ. ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުންނާއި، ނުތަނަވަސް ވަގުތު ތަކުގައި މާތްﷲ އަށް ޚާލިސް ހިތަކުން އަޅުކަން އަދާކޮށް، މަަދަދަށް އެދި ދެންނެވުމަށް އަންގަވާފައިވާ އިރު، މިއީ މިވަގުތުގައި ކުރުން އެންމެ އައުލާކަން ބޮޑު އެއްކަމެވެ. އެހެންކަމުން ނަމާދުކުރުމަށް ހޭދަކުރާ ވަގުތު އިތުރުކޮށް ގުރުއާން ކިޔަވާ ހެޔޮ ދުއާތަކާއި ޒިކުރުތައް ކުރުމަށް ވަގުތު ހުސްކުރާށެވެ.

6. ކުޑަޔަސް ބޮޑަސް ފޮތްކިޔަންވީ!

ތެދަށް ބުނާނަމަ ތާއަބަދުމެ ކޮރޯނާގެ ވާހަކަތައް އެކި ނޫސްތަކުންނާއި ސޯޝަލް މީޑިއާއިން ބަލައި ފޮލޯކުރުމަކީ މީހާ ވަރަށް ބޮޑަށް ހާސްކޮށްލާނޭ ކަމެކެވެ. އެހެންކަމުން މިކަންކަމުން ތަންކޮޅެއް އެކަހެރިވެ، ވާހަކަ ފޮތެއް ނުވަތަ މައުލޫމާތު ދެނިވި އެހެން ފޮތެއް ނަމަވެސް ކިޔާލުމަކީ މީހާގެ ސިކުނޑި ތާޒާވެ، އުފެއްދުންތެރިކަން އިތުރުކޮށްދީ ހިތްހަމަޖައްސުވައިދޭނެ ކަމެއްވެސް މެއެވެ. ބޭނުންނަމަ އޮންލައިންކޮށްވެސް ކިޔޭނެ އެތަށް ވާހަކައެއް މިހާރު އެބަހުއްޓެވެ. ހަމައެޔާއެކު އަނެއްކާވެސް ބައިސްކޯފު އެޕުން އޯޑިއޯ ބުކްސް އަޑުއަހާލެވެންވެސް ހުންނާނެއެވެ.