19 Mar 2020, 17:06
ރާއްޖެއަށް އަދިވެސް ކޮރޯނާވައިރަސް، ކޮވިޑް19ގެ ނުރައްކާ އެބައޮތް ކަމަށާއި ނަމަވެސް އާންމުންގެ ތެރޭ ފެތުރުން ނުވަތަ "ކޮމިޔުނިޓީ ސްޕްރެޑެއް" އުޅޭ ކަމުގެ އެއްވެސް ނިޝާނެއް އަދި ނެތް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މެޑިކަލް އޮފިސާ ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
ކޮމިޔުނިޓީ ސްޕްރެޑަކީ، ބޭރުގެ ގައުމަކަށް ދަތުރުކޮށްފައި ނުވާ މުޖުތަމައުގެ އާންމު މީހުންގެ ގައިން ވައިރަސް ފެންނަމުން ދިޔުމެވެ. މިއީ، ވައިރަސް ޖެހޭ މީހުން ގިނަވެ، ކޮންޓްރޯލުން ނައްޓައިގެން ދާނެކަމުގެ ސިގުނަލެކެވެ.
ކޮރޯނާވައިރަސްއާ ގުޅިގެން ދަރުބާރުގޭގައި ގާއިމުކޮށްފައިވާ ނޭޝަނަލް އިމަޖެންސީ ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. ނަޒްލާ ވިދާޅުވީ، ޝައްކު ކުރެވޭ ކްރައިޓީރިއާއަށް ފެތޭ މީހުންނަށްވުރެ އިތުރަށް މިހާރު އެޗްޕީއޭއިން ޓެސްޓުކުރަމުންދާ ކަމަށާއި އޭގެ އިތުރުން ގައިންގައިން އަރާ ނޭވާލާ ނިޒާމްގެ ބަލިތައް އުޅޭ މިންވަރުވެސް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މިވަގުތު ކޮރޯނާވައިރަސް ކޮމިއުނިޓީ ސްޕްރެޑެއްގައި ފެތުރިދާނެ ކަމުގެ އަލާމާތެއް ނެތްކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
"މިވަގުތު އެއްވެސް އިންޑިކޭޝަނެއް ނެތް އިތުރަށް އެކަހަލަ ކަމެއް [ކޮމިއުނިޓީ ސްޕްރެޑެއް] އުޅޭ ކަމަކަށް. އަޅުގަނޑުމެންނަށް ފެނިފަ ހުރި ކޭސްތައްވެސް މިހުރީ ރާއްޖެއިން ބޭރުން އައި ކޭސްތަކާ ގުޅިގެން. އެކަމަކު މިވަގުތު ދަންނަވަން ފަސޭހައެއް ނޫން މިހާރު އޮތް ނުރައްކާ ދިޔައީއޭ،" ބަލި ފެތުރުން މިހާރު ކޮންޓްރޯލްކުރެވިފައިވާ ކަމަށް ގަބޫލު ކުރައްވަންތޯ ސުވާލުކުރުމުން ޑރ. ނަޒްލާ ވިދާޅުވިއެވެ.
މާރިޗް 19، 2020: ކޮވިޑް19 އާބެހޭގޮތުން ބާއްވަމުންދާ ސިލްސިލާ ބައްދަދުލުވުމުގެ ތެރެއިން - ސަން ފޮޓޯ/ އަހްމަދު ސައީދު
ޑރ. ނަޒްލާ ވިދާޅުވީ، އަދިވެސް ރާއްޖެއިން ބޭރުން މީހުން އަންނަ ކަމަށާއި ކަރަންޓީންގައި މީހުން ބައިތިއްބަމުންދާއިރު، އަދިވެސް ވައިރަހުގެ ނުރައްކާ އޮންނާނެ ކަމަށެވެ. އެހެންކަމުން އަދިވެސް ވަރަހުން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅައިގެން ދުވަސްކޮޅަކަށް ސަމާލުވާން ޖެހޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ރާއްޖެއިން ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ މިމަހު ހަތް ވަނަ ދުވަހުއެވެ އެފަހުން 14 ދުވަސްވެފައިވާއިރު، ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 13 ގައި މަޑު ޖެހިފައެވެ. އަދި އަލާމާތްތައް ފެންނަ މީހުނގެ ނިސްބަތުން މަދުވެ، ޓެސްޓުކުރަމުންދާ އެންމެންގެ ސާމްޕަލްތައް ދަނީ ނެގަޓިވްވަމުންނެވެ.
މިހާތަނަށް ފެނުނު ކޭސްތައް ފެނިފައިވަނީ ހަތަރު ރިސޯޓަކާއި އެއް ސަފާރީއަކުން ހުސް ބިދޭސީންނެވެ. މީހުން ދިރިއުޅޭ އެއްވެސް ރަށަކުން ވައިރަހަށް މީހަކު ޕޮޒިޓިވް ނުވެއެވެ.