އޮފީސްތައް ބަންދުވުމާ ގުޅިގެން ދަތުރުކުރާ މީހުންގެ އަދަދު ގިނަވަމުންދާތީ، ދަތުރުތައް މިވަގުތަށް މަޑުޖައްސާލާ، ރައްޔިތުން ގޭގައި ތިބުމަށް އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ކޮރޯނާގެ ހާލަތު އޮތް ގޮތާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ އޮފީސްތަކާއި ސްކޫލުތައް ބަންދު ކުރުމާއެކު މިދިޔަ ދެތިންދުވަހު ގިނަ ބަޔަކު އަތޮޅު ތެރެއަށް ފުރާތަން ފެންނަމުންދާ ކަމަށެވެ. އެކަމަކު، އެކަން ނުކުރުމަށް ނަޒްލާ އިރުޝާދު ދެއްވި އެވެ.

"އެހެންވިމާ އަޅުގަނޑުމެންގެ އެޑްވައިޒް އަކީ އެބޭފުޅަކު ހުންނެވި ތަނެއްގައި މަޑުކޮށްލައިގެން ހުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށް. ގިނަ މީހުން ފުރަން ދިޔުމަކީވެސް ހަމަ މީހުން އެއްވުން. އެހެންވީމާ އެއްވާ ތަންތަން މަދުކޮށްލާ، އެއްތަނުން އަނެއް ތަނަށް ދަތުރުކުރުން މަޑުޖައްސާލުމަކީ އެންމެ ރަނގަޅުގޮތް ކަމަށް އަޅުގަނޑުމެން ދެކެން،" ޑރ. ވިދާޅުވި އެވެ.

މީގެ ކުރިން ސަރުކާރުން ވަނީ މީހުން އެއްވެ، ކޮފީތަކަށް ނުދިޔުމަށް ވެސް އިލްތިމާސް ކޮށްފަ އެވެ.

ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އިއުލާނުކޮށް އެއް ހަފްތާ އަށް ސަރުކާރު ބަންދުކޮށްފައިވާއިރު، ސަރުކާރު މުވައްޒަފުން ޒަރޫރީ ބޭނުމަކަށް ނޫނީ ބޭރަށް ނިކުމެ ނޫޅުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.

ކޮރޯނާ ޖެހިފައިވާ 13 މީހަކު މިހާތަނަށް ރާއްޖެއިން ފެނިފައިވާއިރު ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް މާލެ ސަރަހައްދުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލާފައިވެ އެވެ.

މީގެ އިތުރުން ރާއްޖޭގެ އެއް ރިސޯޓުން އަނެއް ރިސޯޓަށް ދަތުރު ކުރުމާއި، ރަށް ރަށުން ރިސޯޓުތަކަށް އަދި ރިސޯޓުތަކުން ރަށްރަށަށް މީހުން ދަތުރުކުރުމާއި ރާއްޖޭގެ ގެސްޓްހައުސްތަކަށް ފަތުރުވެރިން ގެންދިޔުން ވަނީ މަނާކޮށްފަ އެވެ.