ރާއްޖެއިން ރަޝިޔާއަށް ދަތުރުކުރި ދިވެހި ކިޔަވާކުދިންތަކެއްގެ ގައިން ކޮރޯނާވައިރަސް، ކޮވިޑް-19 ގެ އަލާމާތްތަކެއް ފެނިގެން އެ ގައުމުގައި ކަރަންޓީނުކޮށްފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ރަޝިޔާގައި ކަރަންޓީނު ކޮށްފައި ވަނީ ތިން ދިވެހިން ކަމަށެވެ.

ތިން މީހުން ވެސް ކަރަންޓީނުކޮށްފައި ވަނީ އެމީހުންގެ ގައިގައި ބަލީގެ އަލާމާތް ހުރިކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކަށް ފެންނާތީ ކަމަށާއި އެމީހުން ކަރަންޓީނު ކޮށްފައި ވަނީ ފަސް ދުވަހުގެ މުއްދަތަކަށް ކަމަށެވެ.

މަބްރޫކް ވިދާޅުވީ އެ ތިން ދަރިވަރުންގެ ހާލުވެސް ރަނގަޅު ކަމަށާއި ފޮރިން މިނިސްޓްރީ އާއި ޖަރުމަނުގައި ހުންނަ އެމްބަސީން އެކުދިންގެ ހާލު ބަލަމުން އަންނަ ކަމަށެވެ.

ރަޝިޔާ އަކީ ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން މަތީ ތައުލީމު ހާސިލް ކުރަމުން އަންނަ ގައުމެކެވެ.