ވިލާގެ ޕެރަޑައިސް އައިލެންޑް ރިސޯޓުގައި މަސައްކަތްކުރާ އަށް ދިވެއްސަކާއި ދެ ބިދޭސީއެއްގެ ގައިން ކޮރޯނާގެ އަލާމާތްތައް ފެނި، އެ މީހުން އެކަހެރިކޮށް ރަށް މޮނީޓާ ކުރަން ފަށައިފި އެވެ.

ކޮރޯނާގެ ހާލަތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސަރުކާރުގެ ފަރާތުން ކަނޑައާޅާފައި ހުންނަވާ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ ޕެރަޑައިސް އައިލެންޑް ރިސޯޓުން އަށް ދިވެހިންނާއި ދެ ބިދޭސިންގެ ފަރާތުން ކޮރޯނާގެ އަލާމާތްތައް ފެންނާތީ އެ ރިސޯޓް މޮނީޓަރިންގެ ހާލަތަށް ގެންދެވިފައިވާ ކަމަށެވެ.

ވިލާގެ ރިސޯޓެއް ކަމަށްވާ ޕެރައިޑައިސް އައިލެންޑް ރިސޯޓު މޮނީޓަރިންގެ ހާލަތަށް ގެންދިޔައިރު، އެ ކުންފުނީގެ އެހެން ރިސޯޓުތައް ބަންދުކުރަން ވަނީ ނިންމައިފަ އެވެ. ކޮރޯނާގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު މަދުވެ، އާމްދަނީ ދަށަށް ދިޔުމާއެކު، ވިލާ އިން ނިންމީ ޕެރެޑައިޒް އައިލެންޑް ރިސޯޓު ފިޔަވާ އެހެން ހުރިހާ ޕްރޮޕަޓީއެއް ވަގުތީގޮތުން ބަންދުކުރުމަށެވެ.

ވިލާ ގްރޫޕުން ހިންގާ ރިސޯޓުތަކަކީ ޕެރެޑައިޒް އައިލެންޑް ރިސޯޓު (ކ. ލަންކަންފިނޮޅު)ގެ އިތުރުން ފަން އައިލެންޑް ރިސޯޓު (ކ. ބޮޑުފިނޮޅު)، ހޮލިޑޭ އައިލެންޑް ރިސޯޓު (އދ. ދިއްފުށި)، ރޯޔަލް އައިލެންޑް ރިސޯޓު (ބ. ހޮރުބަދޫ) އަދި ރާއްޖޭގެ އެންމެ ބޮޑު އެއް ރިސޯޓު ކަމުގައިވާ ސަން އައިލެންޑް ރިސޯޓު (އދ. ނަލަގުރައިދޫ)އެވެ.

އެހެން ރިސޯޓުތަކުގެ އޮޕަރޭޝަން ހުއްޓާލާނީ މިވަގުތު އެތަންތަނުގައި ތިބި ފަތުރުވެރިން އަނބުރާ ދިއުމުންނެވެ. އެނގިފައިވާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި އެހެން ރިސޯޓުތަކަށް ބުކިންގް ހަދާފައިވާ ހުރިހާ ފަތުރުވެރިންގެ ބުކިންތައް ޕެރެޑައިސްއަށް ބަދަލުކުރުމަށް އެ ކުންފުނިން ވަނީ ނިންމާފަ އެވެ.

ރާއްޖެއިން މިހާތަނަށް ކޮރޯނާ ޖެހިފައިވާ 13 މީހަކު ފެނިފައިވެ އެވެ.