ވޮޝިންޓަން (19 މާޗް 2020): ކޮރޯނާވައިރަހުގެ ބަލިމަޑުކަން، ކޮވިޑް-19 އާ ކުރިމަތި ލުމަށްޓަކައި އެމެރިކާގެ ކޮންގްރެސް އިން ފާސްކުރި 100 ބިލިޔަން ޑޮލަރުގެ އިމަޖެންސީ ޕްލޭންގައި ރައީސް ޑޮނަލްޑް ޓްރަމްޕް ސޮއިކުރައްވައިފި އެވެ.

ވައިޓް ހައުސް އިން ބުނީ ޓްރަމްޕް ސޮއިކުރެއްވި ކޮރޯނާ އިމާޖެންސީ ބަޖެޓްގެ ދަށުން ފައިސާ ހަރަދު ކުރާނީ ކޮރޯނާވައިރަހުގެ ސަބަބުން ގޭގައި ތިބެން ޖެހިފައިވާ އެމެރިކާގެ ޕްރައިވެޓް ސެކްޓަރުގެ މުވައްޒަފުންނަށް މުސާރަ ދިނުމަށާއި ބަނގުރޫޓުވާ ކުންފުނިތަކަށް ބަދަލުދިނުމަށެވެ.

ކޮރޯނާވައިރަހުގެ ސަބަބުން އެމެރިކާގެ އެއާލައިންތަކާއި އެއްގަމު ދަތުރުފަތުރުގެ ކުންފުނިތައްވަނީ ބަނގުރޫޓް ވުމުގެ މަގުމަތީގަ އެވެ. މީގެއިތުރުން އެމެރިކާގެ ފަތުރުވެރިކަމުގެ ދާއިރާގެ ކުންފުނިތަކާއި ހޮޓާ ރެސްޓޯރެންޓްތައް ހިންގާ ކުންފުނިތަކާއި ހޮލީވުޑްގެ ކުންފުނިތައްވެސް ކޮރޯނާ ވައިރަހުގެ ސަބަބުން ބަނގުރޫޓް ވާނެކަމަށްވަނީ ބެލެވިފަ އެވެ.

ކޮރޯނާވައިރަސް އާ ގުޅިގެން އެމެރިކާގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާއިރު އެމެރިކާ އެއްކޮށް ލޮކް ޑައުން ކުރުމާމެދުވެސް ވައިޓް ހައުސް އިން ގެންދަނީ ވިސްނަމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވްވި އެމެރިކާގެ ކޮންގްރެސްގެ ދެ މެންބަރުން ކަމަށްވާ މާރިއޯ ޑަޔާޒް ބަލާޓް އަށާއި ބެން މާކް އެޑަމްޒް

އަނެއްކޮޅުން އެމެރިކާގައި ހަލުއިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް މިހާރުވަނީ ކޮންގްރެސް އަށް ވެސް ވަދެފަ އެވެ. ކޮންގްރެސްގެ ތިރިގެ ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓެޓިވް އިންވަނީ ހައުސްގެ ދެ މެންބަރުން ކަމަށްވާ މާރިއޯ ޑަޔާޒް ބާލާޓް އަށާއި ބެން މާކް އެޑަމްޒް، ކޮރޯނާވައިރަހަށް ޕޮޒިޓިވްވިކަން އިޢުލާނުކޮށްފަ އެވެ.

އެއަށްފަހު އެދެބޭފުޅުންވެސް ވަނީ ޓްވީޓް ކުރައްވައި އެކަން ކަށަވަރުކޮށް ދެއްވާފަ އެވެ. އެ ދެބޭފުޅުންގެ ތެރެއިން މެރިއޯ ޑަޔާޒް ބާލާޓް އަކީ އެމެރިކާގައި ވެރިކަންކުރާ ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ މެންބަރެކެވެ. ބެން މާކް އެޑަމްޒް އަކީ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ މެންބަރެކެވެ. މި ދެބޭފުޅުންވެސް ތިއްބަވަނީ ޑޮކްޓަރުންގެ ބެއްލެވުމުގެ ދަށުން ގޭގައި އަމިއްލައަށް އެކަހެރިވެ ވަޑައިގެންނެވެ.

ކޮރޯނާ ވައިރަސް ޑިޒީސް ކޮންގްރެސް އަށް ވަދެފައިވާއިރު އެމެރިކާގެ އެންމެ ހައްސާސް ވުޒާރާ ކަމަށްވާ ދިފާއީ ވުޒާރާ (ޕެންޓަގަން) ގެ ގިނަ މުވައްޒަފުންތަކަކަށްވަނީ އެރޯގާ ޖެހިފަ އެވެ. ޕެންޓަގަން ގެ މުވައްޒަފުންގެ ތެރެއިން 89 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު އޭގެތެރެއިން 49 މީހުންނަކީ އެވުޒާރާގެ އެކިޑިވިޝަންތަކުގައި މަސައްކަތްކުރާ އަސްކަރީންނެވެ. އަނެއް 40 މީހުންނަކީ އެވުޒާރާގެ އެކިޑިވިޝަންތަކުގައި މަސައްކަތްކުރާ މަދަނީންނެވެ.

އެމެރިކާގެ ހުރިހާ ސްޓޭޓްތަކަކަށް ކޮރޯނާވައިރަސް މިހާރު ފެތުރިފައިވާއިރު އެމެރިކާގައި އެ ރޯގާ ޖެހިފައިވަނީ 7323 މީހުންނަށެވެ. މީގެތެރެއިން 115 މީހުން ވަނީ މަރުވެފަ އެވެ.

ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެނުނު ޗައިނާއިން އެވައިރަސް މިހާރު ކޮންޓްރޯލް ކޮށްފައިވާއިރު ފާއިތުވި ދެ ދުވަހު ޗައިނާގެ ވޫހާން ސިޓީން އެއްވެސް މީހަކު އެވައިރަސް އަށް ޕޮޒިޓިވް ވެފައެއް ނުވެ އެވެ.

ކޮރޯނާވައިރަސް މިހާރު އެންމެ ބާރަށް ފެތުރެމުންދަނީ ޔޫރަޕާއި އީރާނާއި އެމެރިކާ އަދި ގަލްފުގެ އަރަބި ގައުމުތަކުގަ އެވެ. ވަކި ގައުމުތަކަށް ބަލާއިރު ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރެމުންދަނީ އިޓަލީއާއި އީރާންގަ އެވެ. އަދި އެންމެ ގިނައިން އެރޯގާގައި މީހުން މަރުވަނީވެސް އެދެގައުމުންނެވެ --(ނޫސްއެޖެންސީތައް)