ރައްޔިތުންގެ މަޖިލީހުގެ ކައުންސިލް ޖެނެރަލްގެ މަގާމަށް އައްޔަން ކުރެއްވުމަށް ތިން ބޭފުޅެއްގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

ރައީސްގެ މޭޒުން ހުށަހަޅުއްވާ ކަމެއްގެ ގޮތުގައި، މަޖިލީހުގެ ރައީސް އަބުދުﷲ ޝާޙިދު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި ތިން ބޭފުޅުންނަކީ އަލްއުސްތާޒާ ފާތުމަތު ފިއުޒާ އާއި އަލްއުސްތާޒާ އަރާނާ ނަޢީމް އަލްއުސްތަޒާ އުއްމު ކުލްސުމް އަބޫބަކުރެވެ.

އެ ނަންފުޅުތަށް މަޖިލީހަށް ހުށަހަޅުއްވަމުން ޝާހިދު ވިދާޅުވީ ކައުންސިލް ޖެނެރަލްގެ މަގާމުގައި އެންމެ ފަހުން ހުންނެވި، ޑރ.އަހްމަދު އަބުދުﷲ ދީދީ، މިދިއަ އަހަރުގެ އޯގަސްޓް މަހުގެ 10 ވަނަ ދުވަހު ދައުލަތުގެ އެހެން މުއައްސަސާއަކަށް ބަދަލުވެ ވަޑައިގެންނެވުމާ ގުޅިގެން، މިހާތަނަށް ވެސް އެ މަގާމަށް ބޭފުޅަކު ހަމަޖެހިފައި ނުވަނީ ގަވާއިދުގައިވާ އަދަދަށް ބޭފުޅުން ކުރިމަތި ލައްވާފައި ނުވުމާއި، މަގާމަށް އެކަށީގެންވާ ބޭފުޅަކު ކުރިމަތި ލައްވާފައި ނުވާތީ ކަމަށެވެ.

ޝާހިދު ވިދާޅުވީ މަޖިލީހަށް ހުށަހެޅުއްވި ތިން ނަންފުޅަކީ އެކަމަށް ކުރިމަތި ލެއްވި ފަސް ބޭފުޅުންގެ ތެރެއިން ތިން ބޭފުޅުން ކަމަށެވެ.

"މިހާތަނަށް ފަސް ފަހަރު އިއްލާން ކުރެވިފައިވޭ. މިފަހަރުމީ ހަ ވަނަ ފަހަރު. މިފަހަރު ކުރި އިއްލާނަށް އިޖާބަ ދެއްވާފައިވަނީ ފަސް ބޭފުޅަކު. ގަވާއިދުގައިވަނީ ތިން ބޭފުޅެއްގެ ނަންފުޅު މަޖިލީހަށް ހުށަހަޅުއްވަންވާނެ ކަމަށް. މިގޮތުން ތިން ނަންފުޅެއް އިހުތިޔާރު ކުރުމުގައި ކުރިން ވެސް އަމަލު ކުރަމުންއައި އުސޫލުން މިކަމުގައި ތިން ބޭފުޅެއްގެ މަޝްވަރާ އާއި ލަފާ ހޯދިން. އެއީ ކަނޑިތީމު ދާއިރާގެ މެންބަރު މުހައްމަދު ހުސެއިން، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހް، އަދި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު،" ޝާހިދު ވިދާޅުވި އެވެ.

މިއަދު ހުށަހެޅުއްވެވި ތިން ނަން ފުޅަށް މިއަދު ވޯޓަށް އައްސަވާނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.