ކޮރޯނާވައިރަހުގެ ބަލިމަޑުކަން، ކޮވިޑް-19އާ ގުޅިގެން މިހާރު ގޭގައި ތިބެގެން ފުލުހުންނަށް އޮންލައިންކޮށް މައްސަލަ ހުށަހެޅޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ކޮރޯނާވައިރަސްއާ ގުޅިގެން ދަރުބާރުގޭގައި ގައިމްކޮށްފައިވާ ނޭޝަނަލް އިމަޖެންސީ ރެސްޕޮންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ، މައްސަލައެއް ހުށަހެޅުމަށްޓަކައި ފުލުހުންގެ މައި އިދާރާއަށް ހާޒިރުވުމުގެ ބަދަލުގައި އޮންލައިންކޮށް ފޯމްއެއް ފުރައިގެން އްސަލަ ހުށަހެޅޭނެ ކަމަށެވެ. އެ ފޯމް މިއަދުގެ ވަގުތެއްގައި ފުލުހުންގެ ވެބްސައިޓުގައި އާންމުކުރާނެ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

"އެންމެ ބޮޑު ބޭނުމަކީ، ވީހާވެސް މަދުން ފުލުހުންގެ އިދާރާއަށްވެސް މީހުން އައުން މަދުކުރުމަށް ފުލުހުންގެ މަސައްކަތް ބައްޓަން ކުރުން،" ރިޔާޒު ވިދާޅުވި އެވެ.

19 މާރިޗް، 2020: ކޮވިޑް19އާ ބެހޭގޮތުން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ސަންފޮޓޯ/ އަހްމަދު ސައީދު

މައްސަލައެއް ހުށަހެޅުން އާންމު އުސޫލުގެ ދަށުން އެ މީހެއްގެ ބަޔާން ފުލުހުން ނަގާ ކަމަށާއި ނަމަވެސް އޮންލައިންކޮށް ފުރިހަމަ ކުރާ ފޯމަކީ، މިވަގުތަށް އެމީހެއްގެ ބަޔާނުގެ ގޮތުގައި ބަލާނެ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

"ކޮންމެހެން ފުލުހުންގެ އިދާރާއަށް ހާޒިރުވާން ޖެހޭ ފަދަ ހާއްސަ ހާލަތެއްގައި ނޫނިއްޔާ، އޮންލައިންކޮށް މައްސަލަ ހުށަހެޅުމަށް އަޅުގަނޑުމެން ދަންނަވަން،" ރިޔާޒު ވިދާޅުވި އެވެ.

ކޮރޯނާވައިރަސްއާ ގުޅިގެން މިއަދުން ފެށީގެން މަގުބޫލު ސަބަބެއް ނެތި މަގުމަތީގައި އުޅޭ މީހުންނަށް ނަސޭހަތްދީ ގެއަށް ފޮނުވާލުމުގެ މަސައްކަތް ވެސް ފުލުހުން ވަނީ ފަށައިފަ އެވެ. އޭގެ އިތުރުން ރާއްޖޭގެ އެހެން ރަށްތަކުުގައިވެސް އެކި އެކި މައިޒާންތަކާއި ޖޯލިތަކުގައި މާ ގިނައިން މީހުން ތިބޭ ނަމަ، އެމީހުންނަށްވެސް ނަސޭހަތްދީ ފޮނުވާލެވޭނެ ކަމަށް ފުލުހުން މިއަދު ވަނީ ހާމަކޮށްފަ އެވެ.

އޮންލައިންކޮށް، މައްސަލަ ހުށަހެޅޭނެ އިންތިޒާމް ގާއިމްކުރި އިރު، ބައެއް ކުންފުނިތަކާއި އޮފީސްތަކުންވެސް ވަނީ ބައެއް ހިދުމަތްތައް ގޭގައި ތިބެގެން ލިބޭނެ އިންތިޒާމް ހަމަޖައްސާފަ އެވެ.

މިހާތަނަށް ރާއްޖޭގެ ހަތަރު ރިސޯޓަކާއި ސަފާރީއަކުން 13 ބިދޭސީން ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. މީހުން ދިރިއުޅޭ އެއްވެސް ރަށަކުން އަދި ވައިރަސް ފެނިފައެއް ނުވެ އެވެ. ޖުމްލަ 463 ސާމްޕަލް ނެގުނު އިރު، 450 ސާމްމަލް ވައިރަހަށް ނެގެޓިވް އެވެ. މިހާނަތަށް ނަތީޖާ ނުލިބެނީ، 35 ސާމްޕަލްއެކެވެ.