މޯލްޑިވްސް ރެޑްކްރެސެންޓުގެ ނަމުގައި އޮޮޅުވާލައިގެން ޒާތީ މައުލޫމާތު ހޯދާ މައްސަލަ ފެންމަތިވެއްޖެ އެވެ.

ދިވެހި ރެޑްކްރެސެންޓުން މިއަދު ކުރި ޓްވީޓެއްގައި ބުނީ މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް ބަލިމަޑުކަމާ ގުޅިގެން އެމްއާރުސީގެ ނަމުގައި މީހުންނަށް ގުޅައި، ގޭގައި ދިރިއުޅޭ މީހުންގެ އަމިއްލަ ޒާތީ މައުލޫމާތު ހޯދަން އެކި ސުވާލުކުރާ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށެވެ.

"އެމްއާރުސީއިން އެއްވެސް ފަރާތަކަށް ގުޅާ ގޭގައި އުޅޭ މީހުންގެ މައުލޫމާތާއި ގޭބީސީގެ މައުލޫމާތު ހޯދަން މަސައްކަތެއް ނުކުރާނެ،" އެމްއާރުސީ އިން ބުންޏެވެ.

މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން އެމްއާރުސީ އިން ދަނީ ސަރުކާރުގެ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންނެވެ. އެގޮތުން ބައްޔާ ގުޅިގެން އެކަހެރި ކުރާ މީހުންނަށް ސައިކޯ ސޯޝަލް ސަޕޯޓް އަންނަނީ ދެމުންނެވެ.

މިފަހުން ފުލުހުން ވެސް ބުނެފައި ވަނީ، މި ދަނޑިވަޅުގެ ނާޖާއިޒު ފައިދާ ނަގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ ކަންތައްތަކެއް ބަޔަކު ހިންގަމުން ގެންދާ ކަމަށެވެ. އަދި އެކަމަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ރާއްޖެއިން މިހާތަނަށް ވައިރަހަށް 13 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ.