13 Dec 2011, 11:40
ރާއްޖޭގެ ގާނޫނުއަސާސީ އަކީ ޝައިތާނީ ގާނޫނު އަސާސީއެއްކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ޕާލަމެންޓްރީ ޔޫނިއަން އޮފް ދި އޯއައިސީ މެންބަރު ސްޓޭޓް (ޕީޔޫއައިސީ) ގައި ބައިވެރި ވުމާމެދު ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީގެ ލަފާފުޅަކަށް އެދިވަޑައިގެން ފޮނުވާފައިވާ މައްސަލަ ދިރާސާ ކުރެއްވުމަށްފަހު އާއްމު ކޮމިޓީން ހުށަހެޅި ރިޕޯޓަށް ވާހަކަފުޅު ދައްކަވަމުން މުއްތަފާ ވިދާޅުވީ، ލާދީނީ އުސޫލުތަކާއި ލާދީނީ ކަންތައްތައް ރާއްޖެއަށް އިންޕޯޓް ކޮށް އެފަދަ ސަގާފަތެއް ރާއްޖޭގައި އުފައްދަން ފުރުސަތު ލިބުނީ ޝައިތާނީ ގާނޫނުއަސާސީން ކަމަށެވެ.
"މި ޝައިތާނީ ގާނޫނު އަސާސީ މުޅި ގައުމުގެ ހަލާކަކީ. ލާދީނީ ކަންކަން ގެނަސް އަޅުގަނޑުމެންގެ ސަގާފަތް ހަލާކުކޮށްލަން ޖާގަ ލިބުނީ މި ގާނޫނުއަސާސީން. ގައުމުގައި ތަޅާފޮޅުން އިތުރުވެ އިންސާނީ ހައްގުތަކޭ ކިޔައިފަ ފާޑުފާޑުގެ ކަންތައްތައް ގެނައީ މީގެން ލިބިފައިވާ ޖާގައަކުން. ރާއްޖޭގައި އޮންނާނީ އިސްލާމީ މަސްދަރެއްކަމަށް ގާނޫނުއަސާސީގެ 10 ވަނަ މާއްދާގައި އެބޮތް. އެންމެ ފޮޅުވަތެއް އެއީ ދެން ބާކީ އޮތް ހުރިހާ އެއްޗަކީ ލާދީނީ އުސޫލުތަކަށް ތަބާވުމަށް ޖާގަދީފައިވާ ކަންކަން،" މުސްތަފާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދައްކަންޖެހޭ ވާހަކައަކީ، ވީހާ އަވަހަކަށް ރާއްޖެ އަލުން އަނބުރާ ކުރިން އޮތް މަގާމަށް ރާއްޖެ ގެންދަން ގާނޫނުއަސާސީ އަވަހަށް ބަދަލު ކުރުމުގެ ވާހަކަ ކަމަށެވެ. އަދި މިހާރުގެ ގަނޫނުއަސާސީ އޮތްހާ ހިނދަކު މި ގައުމުގައި ސުލްހަވެރިކަމާއި މަސްލަހަތު ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރިޕޯޓްގެ ބަހުސްގައި މުސްތަފާގެ ވާހަކައަށް ރައްދު ދެއްވައި ފަރެސް މާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްތަލިބު ވާހަކަ ދެއްކެވި އެވެ. ވިދާޅުވީ ގާނޫނުއަސާސީ ހަލާކުކޮށްލުމަށް މަސައްކަތް ކުރަނީ މި ގައުމުގައި އެހެންދީންތަކަށް ފުރުސަތުދީ ފައްޅި އަޅަން ކަމަށެވެ. އަދި މިހާރުގެ ގާނޫނުއަސާސީ އޮއްވައި އެކަން ކުރެވެންނެތް ކަމަށާއި ގާނޫނު އަސާސީއަކީ ގައުމަށް ލިބިފައިވާ ވަރަށްބޮޑު ހިމާޔަތެއް ކަމަށެވެ.
މުއްތަލިބު ވިދާޅުވީ ދިމާވެގެންއުޅޭ މައްސަލައަކީ ދީން ގަބޫލު ނުކުރާ މީހުންގެ ގޮތުގައި ނުކުމެ އުޅޭ ބައެއްގެ ހިމާޔަތުގައި ސަރުކާރުން މަސައްކަތް ކުރަންޖެހުން ކަމަށެވެ. އަދި އެ މީހުންނަކީ އިސްލާމްދީން ހަލާކުކޮށްލުމަށް ފާޅުގައި މަސައްކަތް ކުރަމުންދާ ބައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
" މިހާރު ދިމާވެގެން އުޅޭ އެންމެ ބޮޑު މައްސަލައަކީ ގަނޫނުއަސާސީގައި ދިވެހި ރައްޔިތަކަށް ވެވޭނީ ހަމައެކަނި މުސްލިމަކަށް ކަމަށް އޮތް ނަމަވެސް ދީން ދޫކޮށްލައިގެން އުޅޭ ބަޔަކު ނުވަތަ ސަރުކާރު ތެރޭގައި ހިމެނޭ ބައެއްގެ އެއްބަނޑު އެއްބަފާ މީހުންނާއި ގާތްމީހުން ދީން ގަބޫލު ނުކުރާ މީހުންގެ ގޮތުގައި ނުކުމެ އެމީހުންގެ ހިމާޔަތުގައި ސަރުކާރުން މަސައްކަތް ކުރަންޖެހުން. ކާފަރުން ރާއްޖޭގެ ރައްޔިތުންނަށް ވުމަކަށް ރައްޔިތުންނެއް ނޭދޭ،" މުއްތަލިބު ވިދާޅުވި އެވެ.