19 Mar 2020, 10:50
ބެއިޖިން (މާޗް 19): ޗައިނާއިން އެއްވެސް މީހަކު އިއްޔެ ކޮރޯނާވައިރަހަށް ޕޮޒިޓިވް ނުވާ ކަމަށް އެގައުމުގެ ހެލްތު އޮފިޝަލުން މިއަދު ވިދާޅުވެއްޖެ އެވެ.
ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން ބުނި ގޮތުގައި އިއްޔެ އެގައުމުން 34 މީހަކު ވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު އެއީ ބޭރު ގައުމުތަކުން އެގައުމަށް ދިޔަ މީހުންނެވެ. އަދި ބަލި ޖެހިގެން އިއްޔެ އެގައުމުން މަރުވީ އަށް މީހުންނެވެ.
އެއީ މިދިޔަ ޑިސެމްބަރު މަހު ޗައިނާގައި އާ ބާވަތުގެ ކޮރޯނާވައިރަސް ފެތުރެން ފެށި ފަހުން އެގައުމުން އެއްވެސް މީހަކަށް ބަލި ނުޖެހޭ ފުރަތަމަ ދުވަހެވެ. އަދި ވައިރަސް ފުރަތަމަ ފެނުނު ހޫބެއި ޕްރޮވިންސުން އިއްޔެ އެއްވެސް މީހަކު ބަލި ނުވާކަންވެސް ހެލްތު ކޮމިޝަނުން ފާހަގަ ކުރި އެވެ.
ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާ ޗައިނާގައި މިހާތަނަށް ވައިރަސް ޖެހުނު މީހުންގެ އަދަދު 81،000އަށް ވުރެ އިތުރުވެފައިވާ އިރު އޭގެ ތެރެއިން 70،000އަށް ވުރެ ގިނަ މީހުން ބަލިން ރަނގަޅުވެފައިވާ ކަމަށް އެގައުމުން ބުންޏެވެ.
ކޮރޯނާވައިރަސް ޖެހިގެން ޗައިނާއިން މިހާތަނަށް 3،249 މީހަކު ވަނީ މަރުވެފަ އެވެ.
ޗައިނާގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން އެގައުމުން ހޫބެއިގެ 16 ސިޓީ ބަންދުކޮށް، އެހެން ސިޓީތަކުގައިވެސް މީހުން ދަތުރުފަތުރު ކުރުން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރި އެވެ. އަދި މިހާރު އެ ފިޔަވަޅުތައް ލުއި ކުރި ނަމަވެސް ޗައިނާއިން ވަނީ ބޭރު ގައުމުތަކުން ދާ މީހުންގެ ފަރާތުން ވައިރަސް ފެތުރުމުގެ ބިރު އޮތް ކަމަށް ބުނެފަ އެވެ. އަދި އެގައުމުގެ ވެރިރަށް ބެއިޖިންއަށް ބޭރު ގައުމުތަކުން ދާ އެންމެން ކަރަންޓީނުގައި 14 ދުވަސް ހޭދަ ކުރަން ޖެހޭނެ ކަމަށް ބުނެފަ އެވެ.
ކޮރޯނާވައިރަސް މިހާތަނަށް ދުނިޔޭގެ 157 ގައުމަކާއި ޓެރިޓަރީއަށް ފެތުރި، 218،000އަށް ވުރެ ގިނަ މީހުން ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި އޭގެ ސަބަބުން 8,810 މީހަކު ވަނީ މަރުވެފަ އެވެ.