19 Mar 2020, 10:12
ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން ސިއްހީ ކުއްލި ނުރައްކާ އިއުލާނުކޮށް އަދި އެއް ހަފްތާގެ މުއްދަތަށް ސަރުކާރު ބަންދުކޮށްފައިވާ އިރު، ބޭނުމެއް ނެތި މަގުމަތީގަ އާއި އާންމު ތަންތަނުގައި އުޅޭ މީހުންނަށް ނަސޭހަތްދީ ގެއަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން ދާނެކަމަށް ފުލުހުން ބުނެފި އެވެ.
މިއަދުން ފެށިގެން އެއް ހަފްތާގެ މުއްދަތަށް ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައިވާ އިރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިއްޔެ ވަނީ ސިވިލް ސާވިސްގެ މުވައްޒަފުން ބޭރުތެރެއަށް ނުކުމެ ނޫޅުމަށް އިލްތިމާސްކޮށްފަ އެވެ.
ކޮރޯނާވައިރަސްއާ ގުޅިގެން ދަރުބާރުގޭގައި ގާއިމްކޮށްފައިވާ ނޭޝަނަލް އިމަޖެންސީ ރެސްޕޮންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފުލުހުންގެ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ އެންމެން އެއް ތަނަކަށް އެއްވެ އުޅުމުން ވައިރަސް ފެތުރުމުގެ ބިރު އޮންނަ ކަމަށެވެ. އެހެންކަމުން، އާންމުން އެއްތަނަކަށް އެއްވެ އުޅުމުން ދުރުހެލިކޮށް، ސޯޝަލް ޑިސްޓެންސިންއަށް ބާރު އެޅުމުގެ ގޮތުން، ފުލުހުން ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މާލޭގައި ކޮންމެހެން ޒަރުރީ ނޫން ބޭނުމެއްގައި މަގުތަކުގައި އުޅޭ މީހުންނަށް ނަސޭހަތްތެރިވެ، އެމީހުންނަށް ކިޔައިދޭން، މި މަސައްކަތުގައި ފުލުހުންނާއި ހުރިހާ ސްޓޭކް ހޯލްޑާސް ކުރަމުންދާ މަސައްކަތުގައި އެއްބާރުންދީ ގޭގައި މަޑުކުރުމަށް،" ނަވީން ވިދަޅުވި އެވެ.
އޭނާ އިލްތިމާސްކުރެއްވީ، ވައިރަހުން ރައްކާތެރިވުމުގެ ގޮތުން ކަމާބެހޭ ފަރާތްތަކުން އަންގާ އެންގުންތަކާއި އަޅާ ފިޔަވަޅުތަކަށް ހުރިހާ އާންމުން ވެސް ބޯލަބައި އެއްބާރުލުން ދިނުމަށެވެ.
ކޮރޯނާވައިރަހާ ގުޅިގެން ފުލުހުންގެ މުއައްސަސާއިން ކުރާ އެހެނިހެން ކަންކަން ހާމަކުރައްވަމުން ނަވީން ވިދާޅުވީ، ކަރަންޓީން އާއި އައިސޯލޭޝަން މަރުކަޒުތަކުގެ ސެކިއުރިޓީ ބެލެހެއްޓުމާއި ކޮންޓެކްޓް ޓްރޭސިން ހެދުމާއި، ގްރޭޓާ މާލޭ އޭރިއާގެ ފުރާ ދުއްވާ އުޅަނދުތައް މޮނީޓާކުރަމުން އަންނަ ކަމަށެވެ.
"މީގެ އިތުރުން ޑައިރެކްޓާ ޖެނެރަލް ޕަބްލިކް ހެލްތްގެ އަމުރުތަކާާ ހިލާފުވާ މީހުންނާމެދު ފިޔަވަޅު އަޅައި، އެމީހުންގެ މައްސަލަތައް ދަނީ ބެލެމުން،" ނަވީން ވިދާޅުވި އެވެ.
އެ އެންގުންތަކާ ހިލާފުވެެގެން، ދެ މައްސަލައެއް ހުށަހެޅިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ވިދާޅުވީ، ރާއްޖޭގެ އެހެން ރަށްތަކުގައިވެސް ކޮރޯނާވައިރަހާ ގުޅިގެން ފުލުހުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން އެޗްޕީއޭގެ އެންގުންތައް ތަންފީޒުކޮށް، އެ އެންގުންތަކާ ހިލާފުވާ މީހުންގެ މައްސަލަތައްވެސް ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން ރަށްރަށުގައި ވެސް އާންމު ތަންތަނަށް އެއްވާ މީހުންނަށްވެސް ނަސޭހަތްދީ ގެއަށް ފޮނުވާލެވޭނެ ކަމަށް ފައިރޫޝް ވިދާޅުވި އެވެ.
"ރަށްރަށުގައި މައިޒާންތަކާއި ހިތް ފަސޭހަ ޖޯލިތަކުގައި އާންމުކޮށް މީހުން މާ ގިނަވެއްޖިއްޔާ އަޅުގަނޑުމެން އެމީހުންނަށް ނަސޭހަތްދީ، ފޮނުވާލުމުގެ މަސައްކަތްވެސް މިއަދުން ފެށީގެން ކުރިއަށް ދޭނެ،" ފައިރޫޝް ވިދާޅުވި އެވެ.
މިހާތަނަށް ރާއްޖޭގެ ހަތަރު ރިސޯޓަކާއި ސަފާރީއަކުން 13 ބިދޭސީން ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. މީހުން ދިރިއުޅޭ އެއްވެސް ރަށަކުން ވައިރަސް ފެނިފައެއް ނުވެ އެވެ. ޖުމްލަ 463 ސާމްޕަލް ނެގުނު އިރު، 450 ސާމްމަލް ވައިރަހަށް ނެގެޓިވް އެވެ. މިހާނަތަށް ނަތީޖާ ނުލިބެނީ، 35 ސާމްޕަލްއެކެވެ.