13 Dec 2011, 11:29
ލޯބިވެރިޔާ އުޅޭ ގެއަށް ވަގަށް ވަދެ، ކޮޓަރީގައި ތަޅުލައިގެން އޮއްވާ ފަޅާއެރުމުން މާރާމާރީ ހިންގައި ފިލަން އުޅުނު ޒުވާނަކު ފުލުހުންނާ ހަވާލުކޮށްފި އެވެ.
ފުލުސް މީޑިޔާ އޮފިޝަލަކު މިއަދު ވިދާޅުވީ ރޭ ހިނގި އެ ހާދިސާގައި ހައްޔަރުކުރި ޒުވާނާއާ ސުވާލު ކުރުމަށްފަހު ދޫކޮށްލާފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ޒުވާން ފިރިހެން ކުއްޖާ އޭނާގެ ލޯބިވެރިޔާ އުޅޭ ގެއަށް ވަގަށް ވެދެ ކޮޓަރި ތަޅުލައިގެން ލޯބިވެރިޔާ ގާތުގައި އޮއްވާ ފަޅާއެރީ ރޭ ދަންވަރު އެވެ. ގަލޮޅު ސަހަރާ ކައިރީގައި ހުންނަ އެ ގެއަށް ޒުވާނާ ވަދެ، ލޯބިވެރިޔާ ގާތުގައި އޮއްވާ ފަޅާއެރުމުން އޭނާ ވަނީ ގޭގެ ވެރިންނާ ކުރިމަތިލައި މާރާމާރީ ވެސް ހިންގާފަ އެވެ.
މަންޒަރު ދުށް މީހަކު ބުނީ ޒުވާނާ ވަގަށް ވަދެ އޮއްވާ ފެނުމާއެކު އެކަމާ ނުރުހި، މާރާމާރީ ހިންގި ކަމަށާއި ރުޅި އައިސް ޒުވާބު ކުރަމުން ގޮސް ގޭތެރޭގައި އިން އޭނާގެ "ބިޓަ"ށް ވެސް ހަމަލާ ދިން ކަމަށެވެ.
ލޯބިވެރިޔާ ގާތަށް ވަދެ އޮއްވާ ފެނުނު ޒުވާނާ ފިލަން އުޅުނު މަންޒަރު ސަން އޮންލައިންގެ ނޫސްވެރިންނަށް ވެސް ރޭ ފެނުނެވެ. އޭނާ ފިލަން އުޅެނިކޮށް ފުލުހުން އޭނާ ހުއްޓުވައި ހައްޔަރުކުރީ ސަހަރާ މަގުގައި ހުންނަ ރައުންޑު ވަން ބުކް ޝޮޕް ކައިރިނެވެ. ފުލުހުން އޭނާ ހައްޔަރު ކުރަން މަސައްކަތް ކުރި އިރު އެހެން ބަޔަކު އޭނާ ފިލުވަން ވެސް މަސައްކަތްކޮށްފައި ވެއެވެ. އަދި އެސަރަހައްދަށް އެއްވެފައިވާ މީހުންތަކުގެ ތެރޭގައި ހުރެ، އަންހެން ކުއްޖާގެ މަންމަ ހަޅޭއްލެވި މަންޒަރު ވެސް ފެނުނެވެ: "މީސްމީހުންގެ ގެއަށް، ޅަ ދަރިން ކައިރިއަށް ވަދެގެން ތިހެނެއް ނޫޅެވޭނެ. ހުއްދަނެތި ވަގަށް ގެއަށް ވަދެ ކޮޓަރީގައި ތަޅުލައިގެން މީހުންގެ ދަރިންނަކަށް އަނިޔާއެއް ނުކުރެވޭނެ،"
މައިންބަފައިނަށް، ނޭނގި ލޯބިވެރިއެއްގެ ކޮޓަރިއަށް ވަން މީހަކު، އަހަރު ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިދިއަ އަހަރު ހުކުމް ކުރި އެވެ. އެ ހުކުމް ކުރީ ޖިންސީ ނިޔަތެއްގައި ކުޑަކުއްޖެއްގެ ކޮޓަރިއަށް ވަން ކަން ސާބިތުވާތީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ހާއްސަ އުސޫލަކުން އަމަލު ކުރުމުގެ ގާނޫނުގެ ދަށުންނެވެ.