ކޮރޯނާވައިރަސް ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރުވެރިކަން އޮތުމުން އެކަން ހުއްޓުވުމުގެ އަޅާ ފިޔަވަޅުތަކުގެ ތެރެއިން މުޅި މާލެ ލޮކްޑައުންއަކަށް ގެންނަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ސަރުކާރުން މިރޭ ދޮގުކޮށްފި އެވެ.

އެމަޖެންސީ ރެސްޕޮންސް ސެންޓަރުގެ ފަރާތުން ތަރުޖަމާނު މުހައްމަދު މަރުބޫރުކް އަޒީޒް މިރޭ ވިދާޅުވީ މާލެ ލޮކްޑައުން ކުރުމުގެ ވިސްނުމެއް ސަރުކާރުގެ އަދި ނެތް ކަމަށާއި އެފަދަ ކަމެއް ކުރުމަށް ތައްޔާރުވެސް ވަމުން ނުދާ ކަމަށެވެ.

"ވާހަކަ އެބަދެކެވޭ، މާދަމާއިން ފެށިގެން މުޅި މާލެ ލޮކްޑައުން އަކަށް ދަނީއޭ. ފިހާރަތައް ބަންދު ކުރަން އުޅޭނީއޭ. އެއީ ހަމަ ސީދާ ދޮގެއް. އެކަހަލަ ވާހަކައެއް ދެއްކިފައިވެސް ނެތް. އެކަހަލަ ކަމެއް ފިޔަވަޅެއް އެޅުމަށް ރޭވިފައިވެސް ނެތް،" މަބުރޫކް ވިދާޅުވި އެވެ.

އެފަދަ ދޮގު ވާހަކަތައް ފެތުރެމުން ދާތީ، އާންމުން ގިނަ އަދަދަކަށް މުދާ ގަނެ، ގޭގައި ފޮރުވާކަން ފާހަގަ ކުރައްވައި މަބުރޫކް ވިދާޅުވީ އެކަން އެގޮތަށް ނުކުރުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. އަދި ހާސްވާން ޖެހޭ އެއްވެސް ހާލަތެއް ނެތް ކަމަށާއި އާންމުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ކާބޯތަކެތީގެ ބާވަތްތައް ހުސްނުވެ ރާއްޖެއިން ލިބެން ހުންނާނެކަން ސަރުކާރުން ކަށަވަރުކޮށްދޭ ކަމަށް ވެސް މަބުރޫކް ވިދާޅުވި އެވެ.

"އެގޮތަށް ގަތީމަ، ކުއްލި ކުއްލިއަށް އެއްޗެހި ރަށްރަށުން ހުސްވެ، އޭގެ އަނެއް ދުވަހު ފޮނުވޭވަރު ވަނީ. ރާއްޖެއަށް މިހާރު ދިވެހިންނަށް އަސާސީ ބޭނުންތަކަށް ބޭނުންވާމިންވަރަށް ތަކެތި ހުރި ކަމުގެ ޔަގީންކަން އަޅުގަނޑުމެންނަށް އެބަ އޮތް،" މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު އިތުރަށް ވިދާޅުވީ، ސަރުކާރުން މިހާރު ރާއްޖޭގެ މައި އިމްޕޯޓަރުންނާ ބައްދަލުކޮށް، އިކޮނޮމިކް މިނިސްޓްރީން މަޝްވަރާތައް ފަށާފައިވާ ކަމަށެވެ. އެގޮތުން، މުދާ އައުމުގައި ކޮންމެވެސް ވަރެއްގެ ލަސްތަކެއް އުޅޭ ކަމަށް އިމްޕޯޓަރުން ފާހަގަކޮށްފައިވާ ކަމަށާއި ނަމަވެސް އޯޑަރުކުރުމުގައި ވެގެން އެއްޗެހި އައުމުގައި ދައްޗެއް ނެތް ކަމަށް އެފަރާތްތަކުން ބުނެފައިވާ ކަމަށެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، މި ދުވަސްވަރު ކާޑާއި އެހެނިހެން މުދާ ގަނޑުކޮށް ގަނެގެން ގޭގައި ގުދަން ކުރުން ނުހުއްޓައިފިނަމަ ދެން ކާޑު ވިއްކާނީ އައިޑީ ކާޑަކަށް ވަކި ރޭޓެއް ކަނޑައަޅައިގެންނެވެ. ކާޑު ލިބުމުގައި އެއްވެސް ދަތިކަމެއް ނެތުމާއެކު ކާޑު ގަނެގެން ގޭގައި ގުދަން ކުރުމަކީ ބޭކާރު ކަމެއް އޭނާ ވަނީ ވިދާޅުވެފައެވެ.

މިހާނަށް ރާއްޖެއިން ކޮރޯނާއަށް ޕޮޒިޓިވްވެފައި ވަނީ 13 ބިދޭސީންނެވެ.