18 Mar 2020, 21:54
ރާއްޖެ އެތެރެކުރާ ސާޖިކަލް މާސްކާއި ސެނިޓައިޒާއިން ނަގަމުން އައި، ކަސްޓަމަސް ޑިއުޓީ އާއި ޕްރޮސެސިން ފީ އެކީ މާފުކޮށް ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.
މީގެ ކުރިން، ސާޖިކަލް މާސްކުން ނަގަމުން އައީ، 15 ޕަސެންޓް ޑިއުޓީ އެވެ. އަދި ސެނިޓައިޒާއިން ނަގަމުން އައީ، 10 ޕަސެންޓް ޑިއުޓީ އެވެ.
ރައީސްގެ ނިންމުން ހާމަކުރަމުން ކަސްޓްމަސްއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، މިއަދުން ފެށިގެން އަމިއްލަ ފަރާތްތަކާއި ވިޔަފާރިތަކުން ރާއްޖެއަށް އެތެރެ ކުރާ ސެނިޓައިޒާ އަދި ސާޖިކަލް މާސްކުން އިމްޕޯޓް ޑިއުޓީ އަދި ކަސްޓަމަށް ނަގާ ޕްރޮސެސިން ފީ މާފު ކުރަން ރައީސް ނިންމަވާފައިވާ ކަމަށެވެ.
"ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނު"ގެ އަށް ވަނަ މާއްދާގެ ހ. އަދި ށ. ގައިވާ ގޮތުން، މުޅި ރާއްޖޭގެ ރައްޔިތުންގެ މަންފާއަށް ޓަކައި ނުވަތަ ވަކި ރަށެއްގެ މަންފާއަށް ޓަކައި ރާއްޖެ އެތެރެކުރާ ތަކެތިން ޑިއުޓީ މާފުކުރުމުގެ ބާރު ވަކި ހާއްސަ ހާލަތްތަކެއްގައި ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެ އެވެ.
ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ އެކު، ސާޖިކަލް މާސްކާއި ސެނިޓައިޒާގެ ޑިމާންޑް ރާއްޖޭގައިވެސް ވަނީ ބޮޑުވެފަ އެވެ. އަދި އެތަކެތިން ލިބުން ދަތިވެ އަގުވެސް ވަނީ ބޮޑުވެފަ އެވެ.