18 Mar 2020, 21:42
ކޮރޯނާވައިރަސްގެ ބަލިމަޑުކަމާ ގުޅިގެން އެކަހެރި ކުރާ ފަރާތްތައް ބޭތިއްބުމަށް، ކ. ބޮޑުފިނޮޅުގައި ހިންގަމުން ދިޔަ ފަން އައިލެންޑް ރިސޯޓް އެންޑް ސްޕާ ވެސް ހާއްސަކޮށްފި އެވެ.
ކޮރޯނާވައިރަސްގެ އަލާމާތްތައް ފެންނަ މީހުން ޓެސްޓްހަދައި ބަލި ނެތްކަން ކަށަވަރު ކުރެވެންދެން އެ މީހުން އަންނަނީ އެކަހެރިކުރަމުންނެވެ.
ކޮރޯނާވައިރަސްގެ ބަލިމަޑުކަމާ ގުޅިގެން ގާއިމްކޮށްފައިވާ އެމަޖެންސީ ރެސްޕޮންސް ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ކޮރޯނާވައިރަސްއާ ގުޅިގެން އެކަހެރި ކުރާ މީހުންގެ ކަންކަމަށް އެ ރަށް ބޭނުން ކުރަން މިހާރު އޮތީ ލިބިފައި ކަމަށެވެ.
އެއީ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލިޑަރު ގާސިމް އިބްރާހިމްގެ ވިލާ ހޮޓަލްސް އެންޑް ރިސޯޓްސްގެ ރަށެކެވެ. ކޮރޯނާވައިރަހާ އެކު އެ ކުންފުނިން ވަނީ، ޕެރަޑައިސް އައިލެންޑް ރިސޯޓް ފިޔަވާ އެ ކުންފުނީގެ ހުރިހާ ރިސޯޓެއް ވަގުތީ ގޮތުން ބަންދު ކުރަން ނިންމައިފަ އެވެ.
ހުޅުލޭގައި ހުންނަ، ހުޅުލޭ އައިލެންޑް (އެޗްއައިއެޗް) ވެސް މިފަހުން ވަނީ، ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރަން ފަށައިފަ އެވެ.
މިހާރުވެސް ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ތިން ރަށަކާއި ހޮޓަލެއް ބޭނުން ކުރަމުން އާދެ އެވެ. އެއީ އެޗްއައިއެޗްގެ އިތުރުން ފަރުކޮޅުފުށީ، ވިލިވަރު، ވެލިދޫ އައިލެންޑް ރިސޯޓެވެ.
ވިލިވަރުގެ ޖާގަ ބޮޑުކުރުމަށް ފެސް ދޭއް ގެ މަސައްކަތް މިހާރު ދަނީ ކުރަމުންެވެ. އެގޮތުން އެރަށުގެ ޖާގަ 100އަށް އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ހާމަކޮށްފަ އެވެ.
ކަރަންޓީން/އައިސޮލޭޝަން މަރުކަޒުތައް:
ވިލިވަރު - 25 (ކަރަންޓީން)
- ހުޅުލޭ އައިލެންޑް ހޮޓެލް - 57 (ކަރަންޓީން)
- ފަރުކޮޅުފުށި - 15 (އައިސޮލޭޝަން)
- ދަރުމަވަންތަ ހޮސްޕިތަލް - 2 (އައިސޮލޭޝަން)
- ވެލިދޫ - 0
ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، ކޮރޯނާވައިރަސް ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ 1،000 އެނދު މާލެ ސަރަހައްދުގައި ގާއިމް ކުރާނެ އެވެ. އަދި ސަރުކާރުން ވަނީ 20 އަތޮޅެއްގައި ކަރަންޓީނު މަރުކަޒުތައް ގާއިމްކޮށްފަ އެވެ. އެއީ، 641 ޖާގަ އެވެ.
މިހާތަނަށް ކޮރޯނާވައިރަހަށް ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ 13 ބިދޭސީންނެވެ. އެއީ ހަތަރު ރިސޯޓަކާއި އެއް ސަފާރީއަކުންނެވެ. މީހުން ދިރިއުޅޭ އެއްވެސް ރަށަކުން އެއްވެސް މީހެއް ވައިރަހަށް ޕޮޒިޓިވްވެފައި ނުވެއެވެ.