"އިސްލާމް ދީނުގެ ހިމާޔަތުގައި ދިވެހީން" މިނަމުގައި މަދަނީ އިއްތިހާދާއި އިދިކޮޅު ސިޔާސީ ޕާޓީތައް ގުޅިގެން މިމަހުގެ 23 ވަނަ ދުވަހަށް އިއުލާންކޮށްފައިވާ ބޮޑު މުޒާހަރާގެ ބައިވެރިންނާއި ދެކޮޅަށް ނުކުންނާނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާއެކު ފެހިގޭ ކުރިމަތީގައި ރޭ އެމްޑީޕީން ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މާރިޔާ އަހުމަދު ދީދީ ވިދާޅުވީ މުޒާހަރާ ކުރަން އުޅޭ މީހުން އުޅެނީ މީހުން މަރާ ރާއްޖެ ފަސާދަ ކުރަން ކަމަށެވެ. އެ މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް އެ ޕާޓީން އެ ދުވަހު ނުކުންނާނެ ކަމަށެވެ.

"އެކި އެކި ހުއްޖަތް ދައްކައިގެން އެމީހުން [އެ އުޅެނީ] މީހުން މަރާ މުޅި ރާއްޖޭގެ ފަސާދަ ފަތުރަން. [އެކަމާ ދެކޮޅަށް] އަޅުގަނޑުމެން ކެރިގެން ނުކުންނާނަން. އަޅުގަނޑުމެން ނުތިބޭނަން ގޭގޭގައެއް. އަޅުގަނޑުމެންގެ ކުދިން ހަލާކު ކުރާތަން ބަލާކަށް،" މާރިޔާ ވިދާޅުވިއެވެ. "އަޅުގަނޑުމެން މިފަހަރު މި ނުކުންނަނީ ފިސާރި ކެރިގެން އަޅުގަނޑުމެން ދާނީ ހަމަ ސީދާ އެމީހުންނާ ދިމާލަށް، އެނގިދާނެތާ! އަޅުގަނޑުމެން އެދުވަހު ރައްދު ދޭނަމޭ! އަޅުގަނޑުމެން ނުކުމެ އަޅުގަނޑުމެން އެމީހުންނަށް ސީދާ ފެނި ދިމާކޮށްފަ އަޅުގަނޑުމެން [ގެއަށް] ވަންނާނީ. އަޅުގަނޑުމެން މޭ ފަހަތަށް ޖެހޭނެ އެއްވެސް ގޮތެއް ނޯންނާނެ،"

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވެސް ވިދާޅުވީ މުޒާހަރާއާ ދެކޮޅަށް އެޕާޓީން ނުކުތުން ނޫން އެހެން ގޮތެއް ނޯންނާނެ ކަމަށެވެ.

"މިފަހަރަކު ނޯންނާނެ އެހެން ގޮތެއް. ކެރެންޏާ ނުކުމޭ،" މޫސާ މަނިކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދީން ހިމާޔަތްކުރުމުގެ ނަމުގައި ރާއްޖޭގައި މުޒާހަރާ ކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި ނޯންނާނެ ކަމަށާއި، އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދީފައި ވަނީ ސިޔާސީ ކަންކަމުގައި ކަމަށެވެ.

"އިސްލާމީ ދައުލަތެއްގައި، އިސްލާމީ ވެރިކަމެއްގައި ދީން ހިމާޔަތް ކުރުމުގެ ނަމުގައި ކުރެވޭނެ މުޒާހަރާއެއް ގާނޫނު އަސާސީގައެއް ނެތް. އެއްވެ އުޅުމުގަ އާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދީފައި އޮތީ ސިޔާސީ ކަންކަމުގައި،" މޫސާ މަނިކު ވިދާޅުވި އެވެ.

ލިޔުމާ ގުޅޭ ވީޑިއޯ:

http://www.youtube.com/watch?v=WBjd5tZIPaA

http://www.youtube.com/watch?v=uopeSCMcLyQ