ކޮވިޑް19 އާ ގުޅިގެން ރާއްޖެއަށް ދަތުރުކުރުން މަނާ ނުކުރާ ސަރައްހައްދުތަކުން އަންނަ ދިވެހިން ގޭގައި އެކަހެރިވާން ޖެހޭ ގޮތަށް ހަދައިފިއެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ މިހާރު ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައި ވާތީ، ޑިރެކްޓާ ޖެނެރަލް އަށް ލިބިދޭ ބާރުގެ ދަށުން ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން 18 މާޗު ދުވަހުގެ ރޭ 00:00 އިން ފެށިގެން ވަކި ގޮތެއް އަންގަންދެން ކޮވިޑް19 އާ ގުޅިގެން މިހާތަނަށް ރާއްޖެއަށް އެތެރެވުން މަނާކޮށްފައިވާ ގައުމުތައް ނުވަތަ ސަރަހައްދުތައް ފިޔަވައި އެހެނިހެން ގައުމުތަކުން އަންނަ ދިވެހީން 14 ދުވަހުގެ މުއްދަތަކަށް ގޭގައި އެކަހެރި ކުރަން ނުވަތަ ހޯމް އައިސޮލޭޝަން އަށް ދާން ވަނީ ނިންމައިފައެވެ.

ރާއްޖެއަށް ފަތުރުވެރިން އައުން މަނާކޮށްފައި ވަނީ ޗައިނާ، އިރާން، އިޓަލީ، ސްޕެއިން، މެލޭޝިޔާ އަދި އިނގެރޭސިވިލާތުންނެވެ. މީގެ އިތުރުން ކޮރެއާގެ ދެ ސަރަހައްދަކުންނާއި، ޖަރުމަން އަދި ފްރާންސްގެ ބައެއް ސިޓީތަކުން ވެސް މީހުން އައުން ވަނީ މަނާކޮށްފައެވެ.

ފްރާންސްއިން މީހުން އައުން މަނާކުރީ ދެ ސަރަހައްދަކުންނެވެ. އެއީ އެގައުމުގެ ދެ އެޑްމިނިސްޓްރޭޓިވް ރީޖަން ކަމުގައިވާ މެދުތެރޭގެ އިލް ޑޮ ފްރޮންސް (ޕެރިސް ރީޖަން)އާއި އިރު އުތުރުގެ ގްރޯންޑް އެސްޓް ރީޖަންއެވެ.

ޖަރުމަނުން މީހުން މަނާކުރީ ތިން ސްޓޭޓަކުންނެވެ. އެއީ ބެވޭރިއާ، ނޯތު ރައިން-ވެސްޓްފޭލިއާ އަދި ބެޑެން-ވަރޓެމްބާގެވެ. ޖަރުމަނުގެ ބައެއް ބޮޑެތި ސިޓީތައްވެސް މި ސްޓޭޓުތަކުގައި ހިމެނެއެވެ. އެގޮތުން ނޯތު ރައިން-ވެސްޓްފޭލިއާ ސްޓޭޓުގައި ކޮލޯން ސިޓީ، ޑުސެލްޑޯފް ސިޓީ އަދި ޑޯޓްމުންޑް ސިޓީ ހިމެނެއެވެ. އަދި ޖަރުމަނުގެ ސިޓީއެއް ކަމުގައިވާ މިއުނިކް ހިމެނެނީ ބެވޭރިއާ ސްޓޭޓުގައެވެ.

ކޮރޯނާ އާއި ދެކޮޅަށް އަޅާ ފިޔަވަޅުތަކުގެ ދަށުން ގޭގައި އެކަހެރިވާން އަންގާ މީހުން އެގޮތަށް އަމަލު ނުކުރާނަމަ އެމީހުންގެ ނަން ހާމަކޮށް 5000 ރުފިޔާ އިން ޖޫރިމަނާކުރާނެ ކަމަށް އެޗްޕީއޭއިން މިއަދު ވަނީ ބުނެފައެވެ.

އެޗްޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޮރޯނާ ފެތުރުން ކޮންޓްރޯލުކޮށް އާންމު ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކޮރޯނާ ޖެހިފައިވާ މީހަކު ނުވަތަ އެ ބަލި ޖެހިދާނެފަދަ ހާލަތަކަށް ހުށަހެޅިފައިވާ މީހަކު، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ކަރަންޓީނު ކުރުމަށް ނުވަތަ އެކަހެރިވުމަށް އަންގަނީ ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް ކަމަށެވެ.

އެފަދަ އެންގުންތަކާ ހިލާފުވުމަކީ އާންމު ސިއްހަތަށް ނުރައްކާވާ ހާލަތަކަށް މުޖުތަމައުގެ އެހެން ފަރާތްތައް ހުށަހެޅިގެންދާނެ ކަމެއްކަމުގައި ވާތީއެއިން އެންގުމަކާ ހިލާފުވާ ކޮންމެ ފަރާތަކާމެދު އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނާ އެއްގޮތައްވާގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށެވެ.