18 Mar 2020, 17:34
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެމެރިކާއިން ރާއްޖެ އަންނަ ހުރިހާ ދިވެހިން ވެސް ސަރުކާރުން ކަނޑައަޅާ ތަނެއްގައި ކަރަންޓީނުކުރަން ސަރުކާރުން ނިންމައިފިއެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ 18 މާޗު ދުވަހުގެ ދަންވަރު 00:00 އިން ފެށިގެން ވަކި ގޮތެއް އަންގަންދެން އެމެރިކާއިން އަންނަ ދިވެހީން ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހަށް ކަރަންޓީނު ކުރާނެ ކަމަށެވެ.
އެމެރިކާގައި ވެސް މިހާރު ހަލުވިކަމާއެކު ކޮރޮނާ ވައިރަސް އަންނަނީ ފެތުރެމުންނެވެ. މިހާތަނަށް އެގައުމުގެ 6،400 އަށް ވުރެ ގިނަ މީހުން ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އަދި 114 މީހަކު ވަނީ މަރުވެފައެވެ.
ރާއްޖެއަށް ފަތުރުވެރިން އައުން މަނާކުރި ގައުމުތަކުގެ ތެރޭގައި އެމެރިކާ ނުހިމެނެއެވެ.
އެންމެ ފުރަތަމަ ރާއްޖެއަށް މީހުން އައުން މަނާކުރީ ބަލި ފެނުނު ޗައިނާ އިންނެވެ. އޭގެ ފަހުން އިރާންއާއި ކޮރެއާގެ ދެ ސަރައްހަދަކުންވެސް މީހުން އައުން މަނާކުރިއެވެ. އަދި އިޓަލީ އާއި ސްޕެއިން އިން ވެސް މީހުން އައުން ވަނީ މަނާކޮށްފައެވެ.
އޭގެ އިތުރުން ޖަރުމަން އަދި ފްރާންސްގެ ބައެއް ސިޓީތަކުން ވެސް މީހުން އައުން ވަނީ މަނާކޮށްފައެވެ. އަދި އިއްޔެ ވަނީ މެލޭޝިޔާ އާއި އިނގެރޭސިވިލާތުން ވެސް މީހުން އައުން މަނާކޮށްފައެވެ.
އެ ގައުމުތަކުން ފަތުރުވެރިން އައުން މަނާކުރި ނަމަވެސް، ރާއްޖެ އަންނަން ބޭނުންވާ ދިވެހިންނަށް އާދެވޭނެ ކަމަށާއި، ރާއްޖެ އައުމަށްފަހު ކޮންމެ މީހަކުވެސް 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަން ޖެހޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.