13 Dec 2011, 10:24
ދެވަނަ ފުރުސަތުގެ ޕްރޮގްރާމްގެ ދަށުން 12 ކުށްވެރިއަކު އިއްޔެ ދޫކޮށްލައިފި އެވެ.
ދެވަނަ ފުރުސަތުގެ އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އިއްޔެ ދޫކޮށްލި 12 ގައިދީންގެ ތެރޭގައި ހިމެނެނީ ކޮން ކުށްތަކެއްގައި ޖަލަށް ލާފައިތިބި ބައެއްކަން ވިދާޅުވާން އެނގިވަޑައި ނުގަންނަވާ ކަމަށެވެ.
"އާއްމުކޮށް ދޫކޮށްލަނީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ހުކުމްގައި ތިބޭ ކުށްވެރިން،" އެ އޮފިޝަލު ވިދާޅުވި އެވެ.
އިއްޔެ ގައިދީން މިނިވަން ކޮށްފައި ވަނީ ރައީސުލް ޖުމްހޫރިއްޔާ އިއުލާންކުރައްވާފައިވާ ދެވަނަ ފުރުސަތު ޕްރޮގްރާމްގެ ހަތްވަނަ ބެޗްގަ އެވެ. ދެ ވަނަ ފުރުސަތުގެ ދަށުން މިހާތަނަށް 300 އަށް ވުރެ ގިނަ ގައިދީން ވަނީ މިނިވަން ކޮށްފަ އެވެ.
ދެ ވަނަ ފުރުސަތުގެ ދަށުން ކުށްވެރިން މުޖުތަމައަށް ދޫކުރާ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. އެ ކޮމިޝަނުން ކުރިން ބުނެފައި ވަނީ ދެ ވަނަ ފުރުސަތުގެ ދަށުން ކުށްވެރިން މުޖުތަމައަށް ދޫކުރާ މައްސަލައިގައި އެ ކޮމިޝަނުން ކުރަމުންދާ ތަހުގީގަށް ޑީޕީއާރްއެސް އާއި ހޯމް މިނިސްޓްރީން އެއްބާރުލުން ނުދޭ ކަމަށެވެ.