18 Mar 2020, 17:19
ކޮރޯނާ އާއި ދެކޮޅަށް އަޅާ ފިޔަވަޅުތަކުގެ ދަށުން ގޭގައި އެކަހެރިވާން އަންގާ މީހުން އެގޮތަށް އަމަލު ނުކުރާނަމަ އެމީހުންގެ ނަން ހާމަކޮށް 5000 ރުފިޔާ އިން ޖޫރިމަނާކުރާނެ ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.
އެޗްޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޮރޯނާ ފެތުރުން ކޮންޓްރޯލުކޮށް އާންމު ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކޮރޯނާ ޖެހިފައިވާ މީހަކު ނުވަތަ އެ ބަލި ޖެހިދާނެފަދަ ހާލަތަކަށް ހުށަހެޅިފައިވާ މީހަކު، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ކަރަންޓީނު ކުރުމަށް ނުވަތަ އެކަހެރިވުމަށް އަންގަނީ ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް ކަމަށެވެ.
އެފަދަ އެންގުންތަކާ ހިލާފުވުމަކީ އާންމު ސިއްހަތަށް ނުރައްކާވާ ހާލަތަކަށް މުޖުތަމައުގެ އެހެން ފަރާތްތައް ހުށަހެޅިގެންދާނެ ކަމެއްކަމުގައި ވާތީއެއިން އެންގުމަކާ ހިލާފުވާ ކޮންމެ ފަރާތަކާމެދު އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނާ އެއްގޮތައްވާގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށެވެ.
އެގޮތުން އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ށ)ގެ ދަށުން 5000 ރުފިޔާ އަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކޮށް، އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ 82 ވަނަ މާއްދާއަށް ރިއާޔަތްކޮށް އެންގުންތަކާ ހިލާފުވާ މީހުންގެ ނަން ހާމަ ކުރާނެކަމަށް އެ އެންގުމުގައި ވެއެވެ.
ކޮރޯނާ އާ ގުޅިގެން ހޯމް އައިސޮލޭޝަން އަށް ދާން އަންގާ މީހުން އެ އެންގުމާ ހިލާފުވާނަމަ، 1676 އަށް ގުޅާ އެކަން ރިޕޯޓުކުރުމަށް ސަރުކާރުން ވަނީ އެނދިފައެވެ.
ރާއްޖެއިން މިހާތަނަށް ކޮރޯނާ ޖެހިފައިވާ 13 މީހަކު ފެނިފައިވާއިރު، އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން 30 ދުވަހުގެ މުއްދަތަށް ރާއްޖޭގައި ވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އިއުލާނުކޮށްފައެވެ.