ނިއުދިއްލީ (18 2020): ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި އިންޑިއާއިން ކުރާ މަސައްކަތްތައް މިހާރަށްވުރެ ހަލުއި ކުރުމަށާ އަދި އެމަސައްކަތްތައް އިތުރަށް ފުޅާކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން އިންޑިއާއަށާ އަދި ދެކުނު އިރުމަތީ އޭޝިއާގެ އެހެން ގައުމުތަކަށް ގޮވާލައިފިއެވެ.

ނިއުދިއްލީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑަބްލިއުއެޗްއޯއިން ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދަށް ކަނޑައަޅާފައިވާ ސަރަހައްދީ ޑައިރެކްޓާ ޕޫނަމް ކިތްރަޕާލް ސިންހް ވިދާޅުވީ ކޮވިޑް-19 އަށް ޝައްކު ކުރެވޭ ޙާލަތްތައް ޓެސްޓުކުރުމާއި ކަރަންޓީނު ކުރުމާއި ކަރަންޓީނު ކުރެވޭ ފަރާތްތަކާ މީގެއިތުރުން ގޭގައި އެކަހެރިކޮށްގެން ފަރުވާ ދިނުމުގެ ކަންތައް ބަލައި މޮނިޓާ ކުރުން މިހާރަށްވުރެ ހަރުދަނާ ކުރުމަށް އިންޑިއާގެ ސިއްޙަތާބެހޭ އިދާރާތަކަށް ޑަބްލިއުއެޗްއޯ އިން އިރުޝާދު ދޭކަމުގައެވެ. މީގެއިތުރުން ދެކުނު އިރުމަތީ އޭޝިއާގެ އެހެން ގައުމުތަކުންވެސް މިކަމަށް އިތުރަށް ސަމާލުކަން ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އިންޑިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 152 އަށް އަރާފައިވާއިރު މަރުވި މީހުންގެ އަދަދުވަނީ ތިނަކަށް އަރާފައެވެ. އަދި އިންޑިއާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 14 މީހަކު ވަނީ އެއްކޮށް ރަނގަނޅުވެސް ވެފައެވެ. ނަމަވެސް އިންޑިއާގެ ބޮޑު ބަޔަކީ ތޮއްޖެހިގެން ސްލަމްސް ތަކުގައި ވަރަށް ދަތި ހާލުގައި ސިއްޙީގޮތުން ރައްކާތެރި ނޫން މާހައުލުތަކުގައި ދިރިއުޅޭ ބަޔަކަށްވާތީ ކޮވިޑް-19 ގެ ގިނަ ހާލަތްތަކެއް ރިޕޯޓްނުކުރެވި އަދި ދެނެނުގަނެވި އިންޑިއާގެ ބައެއް ސްޓޭޓްތަކުގައި ހުރެދާނެކަމުގެ ބިރުވަނީ ހީވެފައެވެ. މިކަމުގެ ކަންބޮޑުވުން އިންޑިއާގެ ސިއްޙަތާބެހޭ ތަޖްރިބާކާރުންނާ ހަވާލާދީ އެގައުމުގެ މީޑިއާ އިންވެސް ގެންދަނީ ފާޅުކުރަމުންނެވެ.

އިންޑިއާގައި ކޮވިޑް-19 ފެތުރެމުންދާ ވަރު އެހާ ހަލުއިނޫންނަމަވެސް މިހާލަތުގައި ފަރުވާ ކުޑަކޮށްލައިފިނަމަ ފަހުން ނުރައްކާ ބޮޑުވާނެކަމަށް އިންޑިއާގެ ސިއްޙަތާބެހޭ ތަޖްރިބާކާރުން ވިދާޅުވެއެވެ. އެހެންކަމުން އިންޑިއާގެ ސިއްޙަތާބެހޭ ގިނަ ތަޖްރިބާކާރުން އިލްތިމާސް ކުރައްވަނީ އިންޑިއާ ލޮކްޑައުން އަކަށް ދިޔުމަށެވެ. އަދި އިންޑިއާގެ އެތެރޭގެ ދަތުރުފަތުރު ހުއްޓާލުމަށްވެސް އެގައުމުގެ ސިއްޙަތާބެހޭ ގިނަ ތަޖްރިބާކާރުން ގެންދަނީ ގޮވާލައްވަމުންނެވެ.

މިކަމާބެހޭގޮތުން އިންޑިއާގެ ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ޑަބްލިއު.އެޗް.އޯއިން ދެކުނު އިރުމަތީ އޭޝިއާގެ ސަރަހައްދީ ޑައިރެކްޓާ ޕޫނަމް ކިތްރަޕާލް ސިންހް ވިދާޅުވީ އިންޑިއާ ލޮކްޑައުން އަކަށް ދިޔުމާބެހޭގޮތުން ގޮތެއް ނިންމާނީ އެގައުމުގެ ސަރުކާރުން ކަމުގައެވެ. އަދި ބަލަންޖެހޭ ހުރިހާ ކަމަކަށް ބަލައި ރިޢާޔަތް ކުރުމަށްފަހު އެކަމާބެހޭގޮތުން އިންޑިއާ ސަރުކާރުން އަވަހަށް ނިންމާނެކަމަށް އުންމީދުކުރައްވާ ކަމަށްވެސް ޑަބްލިއު.އެޗް.އޯ ގެ މަސްއޫލުވެރިއާ ވިދާޅުވިއެވެ.

އިންޑިއާގެ އާންމު ދަތުރުފަތުގެނިޒާމަކީ ރޭލުންކުރާ ދަތުރުތައް ކަމަށްވިޔަސް އަދި އެއީ ބަސްތަކުން ކުރާ ދަތުރުތައް ކަމަށްވިޔަސް އެއީ އާދަޔާ ޚިލާފަށް ތޮއްޖެހުން ބޮޑު ގައިގޯޅިކޮށް ކުރާ ދަތުރުތަކެކެވެ. އެހެންކަމުން މިގޮތަށްކުރާ އިންޑިއާގެ އެތެރޭގެ ދަތުރުފަތުރު ނުހުއްޓުވައިފިނަމަ ކޮވިޑް-19 އިންޑިއާގައި ފެތުރިގެންދާނެކަމުގެ ބިރުބޮޑުކަމަށް ނުސީދާގޮތެއްގައި ޑަބްލިއު.އެޗް.އޯގެ މަސްއޫލުވެރިއާވަނީ އިޝާރާތް ކުރައްވާފައެވެ.

ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުން ތިބި އިންޑިއާގެ ސްޓޭޓްތަކުގެ ތެރޭގައި ކަރުނާޓަކާ، ޓެލަންގަނާ، މަހާރާޝްޓްރާ، ޕޮންޑިޗެރީ ހިމެނެއެވެ. އަދި އިންޑިއާ ލަޑަކް ގައި ތިބި ސިފައިންގެ ބައެއް މީހުންވެސްވަނީ ކޮވިޑް-19އަށް ޕޮޒިޓިވް ވެފައެވެ.

ދެކުނު އިރުމަތީ އޭޝިއާއަށް ބަލާއިރު ކޮވިޑް-19 ގެ ހާލަތްތައް އެސަރަހައްދުގެ 11 ގައުމަކުން ފެނިފައިވެއެވެ. މީގެތެރެއިން ކޮވިޑް-19 ގެ ހާލަތްތައް އެންމެ ގިނައީ މެލޭޝިއާގައެވެ. ދެން ތައިލެންޑާއި އިންޑޮނީޝިއާގައެވެ. (ނޫސްއެޖެންސީތައް)