ކޮރޯނާވައިރަހަށް ރާއްޖެއިން ޕޮޒިޓިވްވި 13 މީހުންގެ ތެރޭގައި ހިމެނޭ އުމުރުން 70 އަހަރުގެ މީހަގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރު، ޑރ. މޫސާ މުރާދު ވިދާޅުވެއްޖެ އެވެ.

ކޮރޯނާވައިރަހާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުރާދު ވިދާޅުވީ އެ ބަލިމީހާގެ އޮކްސިޖަން ނުހިފަހައްޓާތީ، އޭނާ އަށް އޮކްސިޖަން ދޭން ޖެހުނު ނަމަވެސް، އެކަން މިހާރު ރަނގަޅުވެ، އޭނާގެ ހަށިގަނޑަށް ބޭނުންވާ އޮކްސިޖަން އުފައްދާ ކަމަށެވެ.

ކޮރޯނާ އަށް ޕޮޒިޓިވްވެގެން ސޭންޑީސް ބަތަލާ ރިސޯޓުން ކަރަންޓީނުކުރި ދެމަފިރިންގެ ތެރެއިން އެކަކުގެ ހާލު ގާތުން މޮނިޓާ ކުރަން ޖެހޭތީ އެ ދެމަފިރިން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށް، ފިރިހެންމީހާ އަށްފަރުވާދޭންފެށީ މިމަހުގެ 10 ވަނަ ދުވަހުއެވެ.

ޑރ. މުރާދު ވިދާޅުވީ ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ވާކީ ތިބި މީހުންގެ ހާލުވެސް ރަނގަޅު ކަމަށާއި ރޯގާގެ އަލަމާތްތައް މިހާރު ނުފެންނަ ކަމަށެވެ.

"އަޅުގަނޑުމެން މަޑުކޮށްގެން މިތިބެނީ ޕްރޮޓޮކޯލްގައި އޮންނަ ގޮތަށް ޓެސްޓު ހަދައި ރެޒަލްޓް ނެގެޓިވް ވަންދެން،" ޑރ. ވިދާޅުވިއެވެ.

ކޮރޯނާ އަށް ޕޮޒިޓިވްވި ބާކީ 11 މީހުން ތިބީ ފަރުކޮޅުފުށީގައެވެ.

ކޮރޮނާ އަށް ޝައްކުވެގެން އިތުރު ތިން މީހެއްގެ ސާމްޕަލް ނަގައި ޓެސްޓު ކުރާކަން ސަރުކާރުން މިއަދު ހާމަކުރިއެވެ. ސަރުކާރުގެ ފަރާތުން ކޮރޯނާ އާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ކަނޑައަޅާފައި ހުންނަވާ ތަރުޖަމާނު މަބްރޫކް އަޒީޒު މިއަދު ވިދާޅުވީ ސ. މަރަދޫ އިން ދެ މީހަކާޢި ތ. ގުރައިދޫ އިން މީހަކު ޓެސްޓު ކުރާކަމަށެވެ. އޭގެ ތެރޭ ހިމެނެނީ މެލޭޝިއާ އިން އައި މީހެއްގެ އިތުރުން އިންޑިއާ އިން އައި ދެމީހެކެވެ.