18 Mar 2020, 15:20
އިލެކްޝަން ކޮމިޝަން(އީސީ)ގެ މެންބަރު ކަމަށް މިހާރު ވެސް އެ ކޮމިޝަނުގެ ނައިބް ރައީސް އަހްމަދު އަކްރުމް އައްޔަނު ކުރުމަށް ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
އަކްރަމް އެ މަގާމަށް އައްޔަނު ކުރުމަށް ފެންނަ ކަމަށް 72 މެންބަރުން ވަނީ ވޯޓު ދެއްވާފަ އެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެ އެވެ.
އީސީއަށް މެންބަރަކު އައްޔަނު ކުރުމަށް ފާސްކޮށްފައި މިވަނީ އެ ކޮމިޝަނުގެ ނައިބް ރައީސް އަކްރަމްގެ ދައުރު ހަމަވާތީ އެވެ.
އީސީގެ މެންބަރުކަމަށް ކުރިމަތިލެއްވުމަށް ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްކަން ދެއްވާ ތަރުތީބުން މަޖިލީހަށް ފޮނުއްވި ނަންތަކުގެ އެންމެ ކުރީގައި ހިމެނެނީ އަކުރަމްގެ ނަންފުޅެވެ. ދެން އެ ލިސްޓްގައި ހިމެނެނީ، އީސީގެ މެންބަރުކަން މީގެ ކުރިން ކުރެއްވި އަހުމަދު ފަޔާޒު އާއި އީސީގެ ލޯޔަރެއްގެ މަގާމު މީގެ ކުރިން އަދާކުރެއްވި ހަނީފާ ހާލިދު އަދި އަހުމަދު މަންސޫރުގެ ނަންފުޅެވެ.
އިލެކްޝަން ކޮމިޝަނުގައި މިހާރު ތިއްބަވަނީ އެ ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފާއި، ނައިބް ރައީސް އަހުމަދު އަކުރަމާއި، މެންބަރު ފުއާދު ތައުފީގާއި، މެންބަރު އިސްމާއީލް ހަބީބު އަދި މެންބަރު އަލީ ނަޝާތު އެވެ.