18 Mar 2020, 15:17
ކޮވިޑް19 އާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން މުރާޖައާކުރަންޖެހޭ މުސާރަތަކުން 20 ޕަސެންޓު ކުޑަކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފަސްކޮށްފިއެވެ.
މިއަދު މަޖިލީހުން ފާސްކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރައިގެ އިނާޔަތްތަކުގެ ތެރެއިން އަސާސީ މުސާރައިގެ ގޮތުގައި 30،000 ރުފިޔާ އަދި އެއަށްވުރެ މަތިން މުސާރަ ކަނޑައެޅިފައިވާ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރައިން މާޗު އަދި އޭޕްރީލް މަހަށްވާ އަސާސީ މުސާރައިން 20 ޕަސެންޓު އުނިކުރުމަށެވެ.
އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް އާއި ކޯޓުތަކުގެ ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކާ ކޮމިޝަންތަކުގެ އަދި ރައްޔިތުންގެ މަޖިލިސް މެމްބަރުންގެ މުސާރަ ހިމެނެއެވެ.
މި ބަދަލުތައް ކޮންމެ މަހަކު އެއް ފަހަރު ރިވިއުކުރަން ވެސް ވަނީ ފާސްކޮށްފައެވެ. މާލިއްޔަތު ކޮމިޓީން ފޮނުވި ރިޕޯޓު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ 74 މެމްބަރުންގެ ވޯޓުންނެވެ.
ކޮރޯނާވައިރަހުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ވެސް ދަށްވެ، ދައުލަތުގެ އާމްދަނީއިން 6.9 ބިލިއަން ރުފިޔާ މަދުވާތީ ހަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ މުސާރައިން 20 ޕަސެންޓް އުނިކުރަން ކެބިނެޓުން ފާސްކުރީ އިއްޔެއެވެ.
މެންބަރުންގެ މުސާރައިގެ 20 ޕަސެންޓު އުނިކުރުމުގެ މަސައްކަތް ފެށީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީންނެވެ. އެގޮތުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ވަނީ މެމްބަރުންގެ މުސާރައިން 20 އިންސައްތަ އުނިކޮށްދިނުމަށް މަޖިލީހުގެ ރައީސް ނަޝީދު މެދުވެރިކޮށް މާލިއްޔަތު ކޮމިޓީއަށް ހުށަހެޅިއެވެ.
ރައްޔިންތުންގެ މަޖިލީހުގެ މެމްބަރެއްގެ މުސާރައަކީ މަހަކު 42،500 ރުފިޔާއެވެ. މުސާރައިގެ 20 ޕަސަންޓަކީ، 8،500 އެވެ. މަޖިލީހުގެ 87 މުސާރައިގެ 20 ޕަސަންޓަކީ ޖުމްލަ 739،500 ރުފިޔާއެވެ.
މުސާރައިގެ އިތުރަށް މެމްބަރުންނަށް 40،000 ރުފިޔާއާ ހަމައަށް އެލަވަންސްވެސް ލިބެއެވެ. އެއީ 20،000 ރުފިޔާގެ ލިވިންގް އެލަވަންސާއި ކޮމިޓީ އެލަވަންސްގެ ގޮތުގައި 20،000 ރުފިޔާއެވެ. އޭގެ ތެރެއިން ކޮމިޓީ އެލަވަންސަކީ މެމްބަރުގެ ކޮމިޓީ ހާޒިރީއަށް ބަލާފައި ދޭ އެލަވަންސެކެވެ.
ރައްޔިންތުންގެ މަޖިލީހުގެ ގަވައިދުގެ 272 މާއްދާގައި ބުނެފައިވަނީ، މެންބަރެއްގެ މުސާރައާއި އިނާޔަތްތައް ކެނޑުމަށް ގޮތެއް ނިންމުމުގައި ގާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މަޖިލީހުގެ ތިންބައިކުޅަ ދެބައި ގެ އަގްލަބިއްޔަތުން ފާސްކުރަންވާނެ ކަމަށެވެ.