ހާއްސަކޮށް ޕަބްލިކް ކުންފުނިތަކުގެ ހިއްސާދާރުންގެ ހައްގުތައް ހޯދައިދީ އެ މީހުންގެ ފަރާތުން ވަކާލާތު ކުރުމަށް ރަޖިސްޓްރީ ކުރަން ހުށަހެޅި "މޯލްޑިވިއަން ޝެއާހޯލްޑާސް އެސޯސިއޭޝަން"، އެ ނަމުގައި ރަޖިސްޓްރީކޮށްދެވެން ނެތް ކަމަށް ބުނެ، ހޯމް މިނިސްޓްރީ އިން ދެކޮޅު ހަދައިފި އެވެ.

އެ ޖަމިއްޔާ ރަޖިސްޓްރީ ކުރުމަށް ހުށަހެޅި ފުވައްމުލަކު ފިނޮޅު، އަހުމަދު ވަސީމާއި މ. ގައްދަޑުގޭ އަހުމަދު އަބްދުﷲ ލުތުފީ އަށް ހޯމް މިނިސްޓްރީ އިން ދީފައިވާ ޖަވާބުގައި ބުނެފައި ވަނީ އެ މިނިސްޓްރީ އަށް ރަޖިސްޓްރީ ކުރަން ހުށަހަޅާ ޖަމިއްޔާތަކުގެ ނަމާއި މަގުސަދާ ގުޅެން ޖެހޭ ކަމަށާއި ނަމަވެސް މޯލްޑިވިއަން ޝެއާހޯލްޑާސް އެސޯސިއޭޝަންގެ ނަމާއި މަގުސަދު ނުގުޅޭ ކަމަށެވެ.

ހޯމް މިނިސްޓްރީގެ ރަޖިސްޓްރާ މުހަންމަދު މާހިރު އިއްޔެ ވިދާޅުވީ އެ ޖަމިއްޔާ ރަޖިސްޓްރީ ނުކޮށްދީ ވަނީ ނަމުގެ މައްސަލައަކުން ކަމަށާއި ނަން ނުވަތަ މަގުސަދު ބަދަލުކުރުމުން ރަޖިސްޓްރީކޮށްދޭނެ ކަމަށެވެ. އަދި އޭނާ ވިދާޅުވީ އެ ޖަމިއްޔާ ރަޖިސްޓްރީ ކުރަން ހުށަހެޅި ފަރާތްތަކުން ހުށަހެޅި މަގުސަދުގައި އޮންނަނީ ޕަބްލިކް ކުންފުންނިތަކުގެ ހިއްސާދާރުންގެ ފަރާތުން ވާހަކަ ދެއްކުން ކަމަށާއި މޯލްޑިވިއަން ޝެއާހޯލްޑާސްއޭ ބުނުމުން ދިވެހި ހުރިހާ ކުންފުނިތައް އެ އޭގައި ޝާމިލުވާ ކަމަށެވެ.

ނަމަވެސް އެ ޖިމިއްޔާ ރަޖިސްޓްރީ ކުރަން ހުށަހެޅި ފަރާތުން ހޯމް މިނިސްޓްރީ އަށް ލިއުމުން ހުށަހަޅާފައި ވަނީ އެފަދަ ޖަމިއްޔާތަކަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ހިންގާ ޖަމިއްޔާތައް ކަމަށާއި އިނގިރޭސިވިލާތް، އެމެރިކާ، އޮސްޓްރޭލިއާ، އަދި ނިއުޒިލޭންޑް ފަދަ ގައުމުތަކުގައި ވެސް އެފަދަ ޖަމިއްޔާތައް ހިންގާ ކަމަށެވެ.

އެ ޖަމިއްޔާތަކަށް ބަލާ އިރު، "ޔޫކޭ ޝެއާހޯލްޑާސް އެސޯސިއޭޝަން، އެމެރިކަން ޝެއާހޯލްޑާސް ޑޮޓް އޯގް، އޮސްޓްރޭލިއަން ޝެއާހޯލްޑާސް އެސޯސިއޭޝަން، އަދި ނިއުޒީލެންޑް ޝެއާހޯލްޑާސް އެސޯސިއޭޝަން" ހިމެނޭ ކަމަށެވެ.
އެ ގައުމުތަކުގެ އެ ޖަމިއްޔާތަކުގެ މަގުސަދަށް ބަލާއިރު، އާންމުން އަދި ހިއްސާދާރުންގެ މެދުގައި ހިއްސާގެ ވިޔަފާރި އާ މެދު އިތުބާރު އުފެއްދުމާއި ހިއްސާދާރުންގެ ހައްގުތައް ހިމާޔަތްކޮށް ދިނުމަށް މަސައްކަތް ކުރުމާއި ޕަބްލިކް ކުންފުނިތައް މޮނިޓާ ކުރުމާއި ކޯޕަރޭޓިވް ގަވާނާސް ކޯޑާއެއްގޮތަށް އަމަލުކުރުމަށް ބާރުއެޅުން ހިމެނޭ ކަމަށް "މޯލްޑިވިއަން ޝެއާހޯލްޑާސް އެސޯސިއޭޝަން"، ރަޖިސްޓްރީ ކުރަން ހުށަހެޅުއްވި ބޭފުޅުން ވިދާޅުވި އެވެ.

"މޯލްޑިވިއަން ޝެއާހޯލްޑާސް އެސޯސިއޭޝަން"، ނަމުގެ މައްސަލައެއްގައި ރަޖިސްޓްރީކޮށްދިނުމަށް ދެކޮޅު ހަދާ އިރު، އާ ޖަމިއްޔާ ރަޖިސްޓްރީ ކުރަން ހުށަހެޅުއްވި ބޭފުޅުން ވިދާޅުވީ މޯލްޑިވިއަން ޑިޓެއިނީ ނެޓްވޯކް، މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް ފަދަ ޖަމިއްޔާތަކަކީ ހަމަ އެއް އުސޫލަކުން ބެލިދާނެ ނަންތަކެއް ކަމަށެވެ. އަދި "އެކްޓިވިސްޓް އެސޯސިއޭޝަން" ފަދަ ނަންތައްތަކީ އެ ނޫން ނަޒަރަކުން ބެލިދާނެ ނަމެއް ކަމަށެވެ.