18 Mar 2020, 15:29
މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކާއި ރާއްޖޭގެ ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ވަބާއާ ގުޅިގެން، މިއަދުގެ ބަންގިވެސް މާލޭގައި ތަފާތުކޮށް ގޮވައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއަދު ގޮވި ބަންގީގައި އަރަބިން ގޮވުމުގެ އިތުރަަށް އިތުރު ބައެއް އަރަބިން ކިޔައި އޭގެ މާނަ ދިވެހިންވެސް ވަނީ ބަންގީގެ ގޮތުގައި އިއްވާފައި ކަމަށެވެ.
އަލަަށް އިތުރުކުރިބައިގައި ބުނަނީ ގޭގައި ތިބެގެން ނަމާދުކުރުމަށެވެ.
އާންމުކޮށް ގޮވަމުން އައި، ބަންގިއާ ތަފާތު ބަންގިއެއް ގްރޭޓާ މާލޭ ސަރަހައްދުތަކުގެ މިސްކިތްތަކުގަ އެވެ.
މިނިސްޓްރީއިން ބުނީ، އަތޮޅުތަކުގެ ރަށްތައް ބަންދުކުރަން ޖެހިއްޖެނަމަ އެގޮތަށް ރަށްރަށުގެ މިސްކިތްތަކުގައިވެސް ބަންގި ގޮވާނެ އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ނިންމާފައި ވަނީ، މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މި މަހުގެ 28 ވާ ހޮނިހިރު ދުވަހާ ހަމަޔަށް ހުއްޓާލުމަށެވެ. އަދި ހުކުރު ނަމާދުވެސް އެ މުއްދަތު ނުކުރަން ވަނީ ނިންމައިފަ އެވެ.
ކޮރޯނާވައިރަހާ ގުޅިގެން މީހުން އުޅޭ ތަންތަނަށް އެއްވެ ނޫޅުމަށް ސަރުކާރުން ދަނީ ގޮވާލަމުންނެވެ. އޭގެ އިތުރުން ސަރުކާރުވެސް މިހާރުވަނީ ވަގުތީ ގޮތުން، ބަންދުކޮށް ސްކޫލްތައްވެސް ބަންދުކޮށްފަ އެވެ.
މިހާތަނަށް ރާއްޖެއިން 13 މީހަކު ކޮރޯނާވައިރަސް ޖެހިފައިވާއިރު، އޭގެ ތެރޭގައި މުޅިންވެސް ހިމެނެނީ ބިދޭސީންނެވެ. އެއީ އިޓަލީގެ ނުވަ މީހަކާއި ދެކުނު އެފްރިކާ މީހަކާއި އިނގިރޭސިވިލާތުގެ މީހަކާއި ޖަރުމަނު މީހެއްގެ އިތުރުން ތުރުކީ މީހެކެވެ.