18 Mar 2020, 13:52
ކޮރޯނާވައިރަހުގެ ބަލިމަޑުކަން، ކޯވިޑް19 އާ ގުޅިގެން އިގްތިސާދަށް ލިބެމުންދާ ގެއްލުން ކުޑަކުރުމަށް ބޭންކުތަކުން ވިޔަފާރީ ކުރުމުގެ ބަދަލުގައި ލޯންތަކުގެ އިންޓަރެސްޓް ކުޑަކޮށް ބަނގުރޫޓްވަމުންދާ ވިޔަފާރީތަކަށް އެހީތެރިވާން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވީ، މި ދަނޑިވަޅަކީ ހުރިހާ ފަރާތްތަކުން މަސައްކަތްތައް ހުއްޓާލާފައި ގެއަށް ވަންނަން ޖެހޭ ވަގުތު ނޫން ކަމަށާއި އެ މީހަކަށް ވެވުނު ވަރަކުން މަސައްކަތްތައް ކޮށް އާމްދަނީ އިތުރުކުރެވޭނެ މަގުތައް ފަހިކުރަން ޖެހޭ ކަމަށެވެ.
"ބެންކް އިންޓްރެސްޓް ޒީރޯއަށް އެބަ ގެންނަން ޖެހޭ. މިވަގުތު ވެސް ބޭންކުން އުޅެނީ ނާޖާއިޒު ފައިދާ ނަގަން މީސް މީހުނަށް ގުޅައިގެން 18 ޕަސެންޓުން ލޯނު ނަގަން އެދެމުން ދަނީ. ބޭންކުން ނުޖެހޭނެ މިވަގުތަކު ވިޔަފާރީ ކުރާކަށެއް. ކުލިތައް ވެސް ކުޑަކުރަން އެބަ ޖެހޭ،" ބޮންޑޭ ވިދާޅުވި އެވެ.
މަސްވެރިންނާއި ދަނޑުވެރި ވެސް އެ މީހުންގެ މަސައްކަތްތައް އިތުރު 'ބޫސްޓެއް' ލައި ކުރަން ޖެހޭކަން ފާހަގަކޮށް ބޮންޑޭ ވިދާޅުވީ ރާއްޖޭގެ ކަނޑުތައް މަސްވެރިންނަށް ހުޅުވާލައި ހުރިހާ ސަރަހައްދުތަކަށް މަސްކިރޭނެ އިންތިޒާމްތައް ވެސް ހަމަޖައްސައި ދޭން ޖެހޭ ކަމަށެވެ.
"ބޭންކުތަކުން މިވަގުތު ވިޔަފާރިވެރިންގެ ބޮލުގައި ބޮޑެތި ލޯނުތައް ނާޅުވާށޭ. އަދި ޕެކޭޖުތަކުގެ އިތުރުން އެ ބޭފުޅުންނަށް މިވަގުތު ސަރުކާރުން ދޭން ޖެހޭ އެހީތެރިކަމަކީ އެބޭފުޅުންގެ ލޯނު އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި އެ ބޭފުޅުންނަށް ފައިސާގެ އިނާޔާތްތަކާއި އެއްޗެހި ޕްރޮވައިޑްކޮށްދީގެން އެބޭފުޅުން ސަސްޓެއިން ކުރެވޭނެ ގޮތްތަކެއް ކަނޑައަޅައިދިނުމޭ،" ފެލިދޫ ދާއިރާގެ މެންބަރު ފަޒުލް ރަޝީދު ވިދާޅުވި އެވެ.
މިއީ ސަރުކާރަށް ވެސް ނުހަނަ އުނދަގޫ ވަގުތެއް ކަން ފާހަގަކޮށް މަކުނުދޫ ދާއިރާގެ މުހައްމަދު ރާއީ ވިދާޅުވީ، ސަރުކާރުން ކަންކަން ކުރަން ވަގުތު ނަގާނެ ކަމަށް ގަބޫލު ކުރަން ޖެހޭ ކަމަށާއި އެކަމަށް ހުރިހާ ފަރާތްތަކުން ވެސް އެއްބާރުލުން ދޭން ޖެހޭ ކަމަށެވެ.
"މި ވަގުތު ސަރުކާރުން އެބަ ޖެހޭ ބައެއް ކަންތައްތަކަށް ވަރަށް ހަރުދަނާކޮށް ވިސްނަން. އަޅުގަނޑުމެންގެ ދަނޑުވެރިންނަށް އަޅުގަނޑުމެންގެ މަސްވެރިންނަށް ރިސޯޓުތަކުގައި މަސައްކަތް ކުރާ ބޭފުޅުންނަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް އަޅުގަނޑުގެ އެދުމަކީ ނަމަނަމަ މި ދެންނެވި ފަރާތްތަކަށް އިހާނެތިކަމެއް ދެރަވާނެ ކަމެއް އަންނާނެ ގޮތަކަށް ސަރުކާރުން ކަންތައް ނުކުރައްޗޭ. އެ ބޭފުޅުންނަށް އަޅާލައްޗޭ،" މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވި އެވެ.