"އިސްލާމް ދީނުގެ ހިމާޔަތުގައި ދިވެހީން" މި ނަމުގައި މި މަހުގެ 23 ވަނަ ދުވަހު ކުރުމަށް ހަމަޖެހިފައިވާ މުޒާހަރާގެ ޕްރޮމޯޓް ކުރުމަށް ލޯންޗުކުރި ވެބްސައިޓް ބަޔަކު ރޭ ހެކްކޮށްފި އެވެ.

މުޒާހަރާގެ ވެބްސައިޓް "23ޑިސެމްބަރު ޑޮޓް ކޮމް" ހެކް ކުރުމަށް ފަހު އެ ސައިޓްގައި ވަނީ އިންޒާރުގެ މެސެޖްތަކެއް ލިޔެފަ އެވެ. އެގޮތުން "ކަލޭމެންނަށް ކޮން މުޒާހަރާއެއް ކުރެވޭނީ" "ނިކަން މުޒާހަރާކޮށްބަލަ" ކަލޭމެންނާ ދެކޮޅަށް "އަހަރެމެން ނުކުންނާނީ ކަތިވަޅި ހިފައިގެން" މިފަދަ މެސެޖްތައް ހިމަނާފައި ވެއެވެ.

ވެބްސައިޓް ހެކްކޮށްފައި ވަނީ މީގެ ކުރިން ޝާއިއުކުރި ބައެއް ލިޔުންތަކުގެ ސަބަބުން އެ މައްސަލަ ހޫނުވެފައި ވަނިކޮށެވެ. ވެބް ސައިޓްގައި އާންމުކުރި ބައެއް ޝިއާރުތަކުގައި، "އިސްލާމް ދީނަށް ގޮންޖަހާ މީހުން މަރާނެ" ކަމަށް ބުނެފައިވެ އެވެ. ނަމަވެސް ފަހުން ވަނީ އެ ލިޔުންތައް ވެބްސައިޓުން ނަގައިފަ އެވެ.

ލިޔުންތައް ޝާއިއުކުރި މައްސަލާގާއި މަދަނީ އިއްތިހާދުގެ ފަރާތުން މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވާ އަބްދުﷲ މުހައްމަދު ވިދާޅުވެފައި ވަނީ ލިޔުންތައް ވެބްސައިޓްގައި ޝާއިއުކޮށްފައި ވަނީ ޓެކްނިކަލް ޓީމަށް ބަލަންވާ ވަރަށް ބެލިފައި ނުވުމުން ކަމަށެވެ. އަދި ވިދާޅުވީ ވެބްސައިޓް ލޯންޗް ކުރުމަށް ފަހު ލިޔުންތަކުގައި މައްސަލަ ހުރިތޯ ބަލަމުން ދިޔައިރު ކޮމެޓީއަށް ނުފެންނަ ލިޔުންތައް ނެގި ކަމަށާއި އެއީ އެއްވެސް ފަރާތެއްގެ ޕްރެޝަރަކަށް ކުރި ކަމެއް ނޫން ކަމަށެވެ.

މިދިޔަ އާދީއްތަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗްގައި ވެބްސައިޓް އިފްތިތާހު ކޮށްދެއްވީ އަދާލާތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އެވެ.

ބޮޑު މުޒާހަރާގެ ވެބްސައިޓްގައި އާންމުކުރި އިންޒާރަށް އިޝާރާތް ކުރައްވާ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވެސް ރޭ ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ އެއްވެސް ދިވެއްސަކު ނުމެރޭނެ ކަމަށާއި ދިވެއްސަކު މަރާލެވޭނީ އެމަނިކުފާނު އަވަހާރަކޮށްލުމަށް ފަހުގައި ކަމަށެވެ.