ވޮޝިންގޓަން (ޑިސެމްބަރ 13) : އެމެރިކާގެ ރައީސް ބަރަކް ޙުސައިން އޮބާމާ ޢިރާޤުގެ ބޮޑުވަޒީރު ނޫރީއަލްމާލިކީ އާ ވައިޓް ހައުސްގައި ބައްދަލުކުރައްވައިފިއެވެ. ވައިޓް ހައުސްގެ ތަރްޖަމާން ވިދާޅުވާގޮތުން މާލިކީ ވޮޝިންގޓަނަށް ވަޑައިގެން މިއުޅުއްވަނީ 9 އަހަރުވަންދެން އެމެރިކާ ސިފައިން ޢިރާޤުގައި ހަނގުރާމަކުރުމަށްފަހު ދެޤައުމުގެ ގުޅުންތަކުގެ އައުސަފްޙާއެއް ފެއްޓެވުމަށެވެ.

އދ.ގެ ޗާޓަރަަށާއި ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޤަވާއިދަށް ގޮންޖެހުމަށްފަހު އެމެރިކާ ޢިރާޤަށްއަރައި ޢިރާޤު އިސްތިޢްމާރުކުރީ 2003 ވަނަ އަހަރުގައެވެ. މާލިކީ އެމެރިކާއަށް ވަޑައިގެން މިއުޅުއްވަނީ ޢިރާޤުން އެމެރިކާގެ އިސްތިޢްމާރީ ސިފައިން ފާބައި ނިމުމަށް އެންމެ 3 ހަފްތާއަށް ވެފައިވަނިކޮށެވެ.

މާލިކީގެ އަރިހުގައި އެމެރިކާއަށް ވަޑައިގެން އުޅުއްވާ ޢިރާޤުގެ މަސްއޫލުވެރިން ވިދާޅުވާގޮތުގައި މިދަތުރުފުޅުގެ ބޭނުމަކީ އެމެރިކާ ސިފައިން ޢިރާޤުން ބޭލުމަށްޓަކައި 2008 ވަނަ އަހަރު ދެޤައުމުގެ ސަރުކާރުން ސޮއިކުރި އެއްބަސްވުމުގެ ސްޓްރެޓީޖިކް ފްރޭމްވޯކް ކުރިޔަށްގެންދެވޭނެ ގޮތްތަކެއް ހޯދުމުގެ ގޮތުން އެމެރިކާގެ މަސްއޫލުވެރިންނާ މަޝްވަރާ ކުރެއްވުމެވެ.

މި އެއްބަސްވުމުގެ ސްޓްރެޓީޖިކް ފްރޭމްވޯކްގައި އެމެރިކާއާއި ޢިރާޤާ ދެމެދު މުސްތަޤްބަލްގައި އޮންނާނެ ގުޅުންތަކުގެ މައްޗަށް އިޝާރާތްކޮށްފައިވެއެވެ. މީގެތެރޭގައި ވިޔަފާރިއާއި ހަކަތައާއި ތަޢްލީމާއި ސައެންސްގެ ދާއިރާގެ ގުޅުންތަކުގެ ސިޔާސީ ގުޅުންތަކާއި ޢަސްކަރީ އަދި އަމްނާބެހޭ ގުޅުންތައް ހިމެނެއެވެ. މާލިކީގެ މިދަތުރުފުޅުގައި އޮބާމާގެ އިތުރުން ނައިބު ރައީސް ޖޯ ބައިޑެން އާއި ޚާރިޖީ ވަޒީރާ ހިލަރީ ކްލިންޓަންއާއި ކޮންގްރެސްގެ ބައެއް މެންބަރުން ހިމެނެއެވެ.
އެމެރިކާ ސިފައިން ޢިރާޤުން ބޭލުމަށްޓަކައި 2008 ވަނަ އަހަރު ދެޤައުމުގެ ސަރުކާރުން ސޮއިކުރި އެއްބަސްވުމުގެ ދަށުން މި ޑިސެމްބަރ މަހުގެ 31 ގައި އެމެރިކާ ސިފައިން ޢިރާޤުން ފާބައި ނިމޭނެއެވެ. އެއަށްފަހު ހަމައެކަނި ޢިރާޤުގެ ސިފައިން ތަމްރީންކުރުމަށް ޚާއްސަކޮށްގެން މަދުޢަދަދެއްގެ އެމެރިކާ ސިފައިން ޢިރާޤުގައި ބޭތިއްބުމާއި ނުބޭތިއްބުމާމެދު ދެޤައުމުން ނިންމާ އެންމެ ފަހުގެ ނިންމުމަށް އެއްބަސްވެވިފައެއް ނުވެއެވެ. (އަލްޖަޒީރާ)