ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގައި ރެފްރީންގެ ފަރުވާކުޑަކަމުގެ ޝަކުވާތައް މީޑިޔާގައި ދަނީ ފެތުރެމުންނެވެ. އަތުގައި ޖެހިފައި ގިނަ ގޯލްތައް ވަންނަމުންދާއިރު ބްރެޒިލްގެ ފަބިއާނޯ އެންމެ ފަހު މެޗުގައި ޖެހި ގޯލަކީ ވެސް އޭނާގެ އަތުން ދެ ފަހަރު ކޮންޓްރޯލް ކުރުމަށް ފަހު ޖެހި ގޯލެއް ކަމަށް ވީޑިއޯތަކުން ފެނެ އެވެ. ނަމަވެސް މި ލަނޑަށް ފަހު ވެސް އެ މެޗުގެ ރެފްރީގެ ފަރާތުން ފެނިގެން ދިޔައީ ހަމައެކަނި ހިނިތުންވުމެކެވެ. މީގެ އިތުރުން ވެސް އާޖެންޓީނާގެ ޑިމިޝެލް ގޯލަށް ފޮނުވާލި ބޯޅައަކީ އާޖެންޓީނާގެ މިލްޓޯ އަތުގައި ޖެހިފައިދިޔަ ބޯޅައެކެވެ. އަދި ރަނގަޅު ގޯލްތައް އޮފްސައިޑް ނުވަތަ ގޯލް ޖެހުމުގެ ކުރިން ފައުލް ކަމަށް ދައްކަމުން ދާއިރު މިކަމާ ފީފާ އިން ބުނަމުން ދަނީ ރެފްރީން ނިންމަމުންދާ ނިންމުންތައް ޖުމްލަ ގޮތެއްގައި ރަނގަޅު ކަމަށެވެ. މިއީ ފަހަރެއްގެ ވުވުޒޭލާގެ އަޑާއި ޖަބުލާނީ ބޯޅައިގެ ސަބަބުން ފީފާއަށް ކުރިމަތިވާ ޕްރެޝަރުގެ ސަބަބުން މިކަމަށް ފީފާއަށް ސަމާލުކަން ނުދޭތީވާ ކަމެއް ކަމަށް ވެސް ތަޖުރިބާކާރުން ބުނެ އެވެ.