18 Mar 2020, 10:58
ލޯކަލް ކައުންސިލް އިންތިހާބު ލަސްކުރުމަށް އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ނަގައިފި އެވެ.
އެ ކޮމިޝަނުން ބުނީ އެ މައްސަލަ ނަގަން ނިންމީ، ގާނޫނުގައި ބުނާ މުއްދަތަށް ވުރެ އިންތިހާބު ލަސްކުރުމަށް، ރައްޔިތުންގެ މަޖިލީހުން ހައްލެއް ހޯދައިދޭނެ ކަމަށް ބުނެފައިވާތީ ކަމަށެވެ.
އަންނަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސް ކުރުމާ ގުޅޭ ގޮތުން އިލެކްޝަން ކޮމިޝަނާއެކު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ރޭ ވަނީ ބައްދަލުވުމެއް ބާއްވައިފައެވެ.
އެ ބައްދަލުވުމުގައި މެމްބަރުން ވިދާޅުވީ ކައުންސިލް އިންތިހާބު ފަސްކުރުމާ މެދު ގާނޫނީ ހައްލު ހޯދައިދެވޭނީ ހަމައެކަނި މަޖިލީހަށް ކަމަށާއި އެއީ ސުޕްރީމް ކޯޓަށް ކުރެވޭނެ ކަމެއް ކަމަށް ނޫން ކަމަށެވެ.
ކޮމިޓީގެ މެމްބަރުންގެ ވާހަކަތަކަށް އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ ތާއީދުކުރައްވައިފައެވެ.
އިންތިހާބު ލަސް ކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އީސީގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ، މުޅި އިންތިހާބު އެއްކޮށް ލަސްކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި އެކަމުގެ ސަބަބުން ދައުލަތައް ވެސް ބޮޑު ބުރައެއް އުފުލަން ޖެހޭނެ ކަމަށެވެ. އެއާ ހިލާފަށް މިހާރު ކުރިއަށް ގެންގޮސްފައިވާ ހިސާބުން މެދު ކަނޑާލައި އެހެން ތާރީހެއްގައި އިންތިހާބް ބޭއްވުމަށް އީސީގެ ހުރިހާ މެންބަރުން ވެސް އިއްތިފާގުވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.
އެހެންކަމުން ކޮމެޓީން ވަނީ ހާއްސަ ހާލަތެއް މެދުވެރިވެގެން އިންތިހާބެއް ފަސްކުރަން ޖެހިއްޖެ ހާލަތެއްގައި ގާނޫނީގޮތުން އަމަލުކުރާނެ ގޮތްތަކެއް ކަނޑައެޅުމަށްޓަކައި ކުރަންޖެހޭ ކަންކަން ފަށައިފައެވެ.
ކައުންސިލްތަކުގެ އިންތިހާބު ބާއްވަން ތާވަލުކޮށްފައި އޮތީ އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން އޭޕްރީލް 18 އަށް އިންތިހާބު ފަސްކުރި އެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ތާރީހަކީ ގާނޫނީ ގޮތުން އިންތިހާބު ފަސްކުރުމުގެ ބާރު އެ ކޮމިޝަނަށް ލިބިގެންވާ އެންމެ ފަހުގެ ތާރީހު ކަމަށެވެ.
ނަމަވެސް ހެލްތު ޕޮރޮޓެކްޝަން އެޖެންސީން ރާއްޖޭގެ ސިއްހީ ހާލަތު އާންމު ހާލަތަކަށް އައިސްފި ކަމަށް އިއުލާން ކުރާ ދުވަހުން ފެށިގެން އިންތިހާބުގެ ވޯޓުލުން ބޭއްވުމަށް އެކަށީގެންވާ މުއްދަތެއް ދިނުމަށް ލޯކަލް ކައުންސިލް އިންތިހާބު މުއްދަތެއް ނެތްގޮތަށް ފަސްކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހައިކޯޓަށް ވެސް މައްސަލައެއް ހުށަހެޅިއެވެ.
އެންމެފަހުން ހައިކޯޓަށް ހުށަހެޅި އަނބުރާ ގެނެސް ދެން މައްސަލަ ހުށަހެޅީ ސުޕްރީމް ކޯޓަށެވެ.