ތޫނިސް (ޑިސެމްބަރ 13) :ތޫނިސްގައި ރައީސް ކަމަށް އެޤައުމުގެ ކޮންގްރެސް ފޯރ ދަ ރިޕަބްލިކް ޕާޓީގެ ޒަޢީމް ޑރ. މުންސިފުލްމަރްޒޫޤީ އިންތިޚާބުކޮށްފިއެވެ. އުމުރުން 66 އަހަރުގެ މެޑިކަލް ޑޮކްޓަރެއް ކަމަށްވާ މަރްޒޫޤީއަކީ ކުރީގެ ރައީސް ޒައިނުލްޢާބިދީން ބިންޢަލީގެ ދުވަސްވަރު އޭނާގެ ވެރިކަން ބަދަލުކުރުމަށް މަސައްކަތްކުރެއްވި ވަތަނީ ޚިޔާލުގެ އިދިކޮޅު ލީޑަރެކެވެ.

މަރްޒޫޤީ ދިގުމުއްދަތެއްގައި އުޅުއްވަމުން ގެންދަވާފައިވަނީ ޤައުމުން ބޭރުގައެވެ. ޚާއްސަކޮށް އަވަށްޓެރި ފަރަންސޭސިވިލާތުގައެވެ. މަރްޒޫޤީ ރައީސް ކަމަށް އިންތިޚާބުކުރުމަށް ބޭއްވި ޕާލަމެންޓްގެ ޖަލްސާއަށް 217 މެންބަރުންގެ ތެރެއިން 202 މެންބަރުން ހާޒިރުވިއިރު އޭނާއާ އެއްކޮޅަށް 153 މެންބަރުން ވޯޓު ދެއްވިއެވެ.
އިދިކޮޅަށް ވޯޓުދެއްވީ އެންމެ 3 މެންބަރުންނެވެ. ބާކީތިބި 46 މެންބަރުން ވަކިކޮޅަކަށް ވޯޓެއް ނުދެއްވައެވެ.
ޑރ. މަރްޒޫޤީއަކީ ތޫނިސްގެ ކުރީގެ ރައީސް ޒައިނުލްޢާބިދީން ބިންޢަލީގެ ވެރިކަން ރައްޔިތުންގެ އުތުރިއެރުމެއްގައި މިދިޔަ ޖަނަވަރީމަހު ވައްޓާލުމަށްފަހު ތޫނިސްގައި އިންތިޚާބުކުރި ފުރަތަމަ ރައީސެވެ.

ތޫނިސްއަށް ޑިމޮކްރެޓިކް އިސްލާޙްތައް ގެނައުމަށްޓަކައި އިސްލާހްކުރި އެޤައުމުގެ ދަސްތޫރުގައިވާގޮތުން އެޤައުމުގެ ވެރިކަމުގެ ނިޒާމަކީ ބަރުލަމާނީ ނިޒާމެކެވެ. އެހެންކަމުން ޤައުމުގެ ވެރިކަމުގެ ޙަޤީޤީ ބާރުތައް އޮންނާނީ ބޮޑުވަޒީރުގެ އަތްޕުޅުގައެވެ. ދާދިފަހުންބޭއްވި ތޫނިސްގެ ޕާލަމެންޓްރީ އިންތިޚާބުގައި އެއްޕާޓީއަކުން އެންމެ ގިނަގޮނޑި ކާމިޔާބު ކޮށްފައިވަނީ އެޤައުމުގެ އިސްލާމީ ޚިޔާލުގެ ޕާޓީކަމަށްވާ ނަހްޒާ ޕާޓީންނެވެ.

އެޕާޓީއާއި އެޕާޓީއާއެކު ކޯލިޝަން ހަދާފައިވާ ވާތުފިޔައިގެ ދެޕާޓީއެކު ޕާލަމެންޓްގެ 52% ގެ އައްލަބިއްޔަތެއް ލިބިފައިވެއެވެ. އެހެންކަމުން ބޮޑުވަޒީރު ނުވަތަ ތޫނިސްގެ އައު ސަރުކާރުގެ ވެރިއަކަށް ވެވަޑައިގަންނަވާނެ ކަމަށް ބެލެވިފައިވަނީ އިސްލާމީ ޚިޔާލުގެ ޕާޓީކަމަށްވާ ނަހްޒާ ޕާޓީގެ ޒަޢީމް ރާޝިދުލްޣައްނޫޝީއެވެ.

ޑރ. މަރްޒޫޤީ ރައީސްކަމުގެ ހުވާކުރެއްވުމާއެކު ބޮޑުވަޒީރެއްގެ ގޮތުން ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ނަހްޒާ ޕާޓީގެ ޒަޢީމް ޣައްނޫޝީއާ ޙަވާލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ޚަބަރުލިބެއެވެ. (އަލްޖަޒީރާ)