18 Mar 2020, 09:43
މިހާރު ފެތުރެމުން އަންނަ ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން، މާލޭ ސަރަހައްދާއި ރިސޯޓުތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރުމަށާއި އަދި ހުކުރު ނަމާދުގެ ޖަމާއަތް ނުބޭއްވުމަށް އިސްލާމިކް މިނިސްޓްރީއިން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ އެގޮތަށް ނިންމާފައިވަނީ ދީނީ އިލްމުވެރިންނާއި ފަތުވާ މަޖިލީހުގެ ބޭފުޅުންނާވެސް މަޝްވަރާކުރެއްވުމަށްފަހުގައި ކަމަށެވެ.
އޭނާ ވިދާޅުވީ މާލެ، ވިލިމާލެ، ހުޅުމާލެ އަދި ރާއްޖޭގެ ހުރިހާ ރިސޯޓުތަކެއްގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލުމަށް ނިންމާފައިވަނީ މިއަދުގެ މެންދުރު ނަމާދުން ފެށިގެން މި މަހުގެ 28 ވާ ހޮނިހިރު ދުވަހުގެ އަސުރު ނަމާދު ނިޔަލަށް ކަމަށެވެ. އަދި އެ މުއްދަތުގައި ހުކުރު ނަމާދު ކުރުންވެސް މެދުކަނޑާލުމަށް ނިންމާފައިވާ ކަމަށް ޒާހިރު ފާހަގަކުރެއްވި އެވެ.
"މިހާރު މިއޮތީ ބަލިމަޑުކަމެއް، މިއީ ގައިން ގަޔަށް އަރާ ބައްޔަކަށް ވާތީ ވީހާވެސް މީހުން އެއްތަނަކަށް ޖަމާވެ ކަންތައްތައް ހުރެއްޖެ ނަމަ ބަލި ފެތުރުމުގެ ފުރުސަތު އޮތީމަ އިލްމުވެރިންނާ މަޝްވަރާކުރުމަށްފަހު ލަފަޔާއެކު އެގޮތަށް ނިންމީ،" މިނިސްޓަރު ވިދާޅުވި އެވެ.
އެ މުއްދަތަށް މިސްކިތުގައި ޖަމާއަތަށް ނަމާދުކުރުން ހުއްޓާލި ނަމަވެސް މިސްކިތްތައް ބަންދު ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވަކިން ގޮސް މިސްކިތުގައި ނަމާދުކުރަން ބޭނުންވާނަމަ އެ ފުރުސަތު އޮންނާނެ ކަމަށާއި މިސްކިތް ސާފުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ އަތޮޅުތެރޭ ރަށްރަށުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓައި ނުލާނެ ކަމަށެވެ. އެހެން ނަމަވެސް އަތޮޅުތެރޭގެ ރަށެއް ކަރަންޓީނަށް ގެންގޮސްފިނަމަ އެ ރަށެއްގެ ހާލަތު ބަދަލުކުރުމާ ގުޅޭގޮތުން ގޮތެއް ނިންމާނެ ކަމަށް ޒާހިރު އިޝާރާތްކުރެއްވި އެވެ.
ކޮރޯނާވައިރަސްއާ ގުޅިގެން ވައިރަސް ކޮންޓްރޯލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދީނުގައި ކަނޑައަޅާފައިވާ އުސޫލުތަކަށް ބެލިޔަސް ފެންނާނެ އެއްވެސް ފަރާތަކަށް ގެއްލުން ލިބޭ ފަދަ ކަމެއް ނުކުރުމަށް ކީރިތި ރަސޫލާ އިރުޝާދު ދެއްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން، އާންމުންގެ ރައްކާތެރިކަމަށް އިސްލާމިކް މިނިސްޓްރީއިންވެސް މަސައްކަތްކުރައްވާނެ ކަމަށް މިނިސްޓަރު ޒާހިރު ވިދާޅުވި އެވެ.