18 Mar 2020, 08:46
ކޮރޯނާވައިރަހުގެ ބަލިމަޑުކަން، ކޮވިޑް-19އާ ގުޅިގެން ރައްޔިތުންގެ ރައްކަލަކަށްޓަކައި މިވަގުތަށް ބަންދުކުރެވެން ހުރި ވިޔަފާރިތައް ބަންދުކޮށް ދިނުމަށް ސަރުކާރުން އިލްތިމާސްކޮށްފި އެވެ.
ވަޒީރުންގެ މަޖިލީހުން ވަނީ ބުރާސްފަތިދުވަހުން ފެށިގެން އެއް ހަފްތާގެ މުއްދަތަށް ސަރުކާރު އޮފީސްތައް ބަންދުކުރުމަށް ނިންމާފަ އެވެ.
ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަުވުމުގައި އެކަމާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒް ވިދާޅުވީ، ސަރުކާރުގެ އެ ނިންމުމަކީ، ބަލި ފެތުރުނަ ނުދިނުމަށް "ޝޯޝަލް ޑިސްޓެންސިން" މީހުން އެއްތަނަކަށް އެއްވުން ވީހާވެސް މަދުކުރުމަށްޓަކައި ނިންމި ނިންމުމެއް ކަމަށެވެ. އެވިސްނުމުގައި ހުރިހާ އެންމެވެސް މަސައްކަތްކުރުމަށް ސަރުކާރުން އެދޭ ކަމަށް މަބްރޫކު ވިދާޅުވި އެވެ.
"އެ ވިސްނުމުގައި މިކަން ޕްރެކްޓިސްކުރަމް ކުރެވުނު ވަރަކަށް ހުރިހާ އެންމެންވެސް، އެއީ އަމިއްލަ ކުންފުނިތައްވިއަސް ވެސް، އަމިއްލަ ފަރުދެއްވިއަސް، އެހެން އޯގަނައިޒޭޝަނެއް ވިއަސް، [އެގޮތަށް އަމަލުކުރުން]،" މަބްރޫކު ވިދާޅުވި އެވެ.
މަބްރޫކު ވިދާޅުވީ، ސޯޝަލް ޑިސްޓެންސިން އަކީ މުހިންމު ކަމެއް ކަމަށާއި ނަމަވެސް އެއާއެކު އިންސާނީ ޒަރޫޒީ ބޭނުންތައް ފުރިހަމަވުމަކީވެސް މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ފެނާއި ކަރަންޓާއި އިންޓަނެޓް ފަދަ ހިދުމަތްތަކާއި ކާބޯތަކެތި ލިބުން ފަދަ ޒަރުޒީ ހިދުމަތްތަކަކީ އެންމެންނަށްވެސް ބޭނުންވާނެ ކަންތައްތައް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
"މި އަސާސީ ބޭނުންތަކަށް މާލެ އެއްކޮށް ހުޓުމަކަށް ގެނެވޭ ހާލަތެއް އަޅުގަނޑުމެންނަށް ނާންނާނެ. އެންމެން ގޭގައި މަޑުކޮށްފިއްޔާ އެއްކަމެއްވެސް ނުވެ ހުންނާނީ. އެ. އެހާލަތަކަށް މާލެވެސް ދުނިޔޭގެ އެހެން ސިޓީތައް ވެސް ނުގެނެވޭނެ،" މަބްރޫކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެދެކަމަކީ ބެލެންސެއް ގެންގުޅެން ޖެހޭ ކަމެއް ކަމަށެވެ. އެގޮތުން ގޭގައި ތިބެން ޖެހޭނީ ކިހާވަރަކަށްތޯ އަދި މަސައްކަތުގައި އުޅޭނީ ކިހާވަރަކަށް ވެސް ނިންމަން ޖެހޭ ކަމަށެވެ. މިސާލެއްގެ ގޮތުގައި މަބްރޫކު ނެންގެވީ އަމިއްލަ ވިޔަފާރިތަކެވެ. އަމިއްލަ ވިޔަފާރިތައް ހުއްޓާލައިފި ނަމަ، މާލޭގައި އެއްވެސް ފިހާރައެއް ނުހުޅުވާނެ ނޫންތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
"އަޅުގަނޑުމެންގެ ވިސްނުމަކީ ބަންދުކުރެވެން ހުރި ވިޔަފާރިތައް ބަންދުކޮށްލަދިނުން. އެއީ ޒަރޫރީ ބޭނުންތަކަށް ފުށުނާރާ ކަމެއް ވާނަމަ އެކަން ކޮށްލަ ދިނުން،" މަބްރޫކު ވިދާޅުވި އެވެ.
މަބްރޫކު ވިދާޅުވީ، ޒަރޫޒީ ބޭނުންތައް ފުއްދުމައްޓަކައި ސިޓީއެއް ހިނގަ ހިނގާ އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ.
ރާއްޖެއިން ކޮރޯނާވައިރަސް ޖެހިފައިވާ 13 މީހަކު ފެނިފައިވާއިރު، އަދި ގިނަ ގައުމުތަކުގައި ހަލުވިކަމާއެކު ބަލި ފެތުރެމުން އަންނާތީ ރާއްޖެ މުޅިން ލޮކްޑައުން ކުރަން ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ. ނަމަވެސް ސަރުކާރުން ބުނެފައިވަނީ އަދި އެހާލަތު ނާންނަ ކަމަށާއި އެހާލަތު އައުމުން އެފިޔަވަޅު ވެސް އަޅާނެ ކަމަށެވެ.
ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިންގާ ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތަކަށް ޓޫރިސްޓުން ގެނައުމުން އިއްޔެ ވަނީ މަނާކޮށްފަ އެވެ. އޭގެ އިތުން ޖިމްތައްވެސް ބަންދުކުރުމަށް ވަނީ ނިންމާފަ އެވެ.