13 Dec 2011, 00:33
ރާއްޖެއަށް ދިމާވި އިގްތިސޯތީ ހާއްސަ ހާލަތާ ގުޅިގެން 2009 ވަނަ އަހަރު ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިން އުނިކުރި ފައިސާ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ހިމެނުމަށާއި އަސާސީ ޕެންޝަނުގެ ގޮތުގައި އުމުރުން ދުވަސްވީ މީހުންނަށް ދެމުންދާ 2000ރ. ފައިސާއަށް 20 ޕަސެންޓް ބޮޑު ކުރުމަށް ބަޖެޓް ކޮމެޓީއަށް ޑީއާރްޕީން ހުށަހަޅައިފި އެވެ.
އަންނަ އަހަރުގެ ބަޖެޓް ދިރާސާ ކުރާ ކޮމެޓީގެ މިރޭގެ ބައްދަލުވުމަށް ޑީއާރްޕީގެ ފަރާތުން ދައުލަތުގެ ބަޖެޓަށް ހަ ކަމެއް ހުށަހެޅި އެވެ. ހުށަހެޅުންތައް އިއްވައިދެމުން ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ރައީސް ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ކައުންސިލްތަކުގެ މަސްއޫލިއްޔަތުތައް އަދާ ކުރުމަށް ދައުލަތުގެ ބަޖެޓްގައި ހިމަނާފައިވާ ފައިސާގެ އިތުރަށް 500 މިލިއަން ރުފިޔާ ކަނޑައެޅުމަށް ހުށަހަޅާ ކަމަށެވެ. އަދި އެ ފައިސާ ކައުންސިލްތަކަށް ކަނޑައަޅަން ޖެހޭނީ ބަޖެޓްގައި ތަފްސީލެއް ނެތި ހިމަނާފައިވާ ފައިސާގެ ތެރެއިން ކަމަށް ޑރ. މައުސޫމް ވިދާޅުވި އެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ކައުންސިލްތައް ހިންގުމަށް 1.1 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
"ލޯކަލް ކައުންސިލްތަކުން 2012 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓްތައް 2012 ވަނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް އަލުން ދިރާސާކޮށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނުގެ ދަށުން ލޯކަލް ކައުންސިލްތަކުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާ ކުރުމަށް ކައުންސިލްތަކަށް ފައިސާ ދޫކުރުމަށްޓަކައި މިހާރު ކައުންސިލްތަކަށް ކަނޑައަޅާފައިވާ ބަޖެޓްގެ އިތުރަށް 500 މިލިރަން ރުފިޔާ ބަޖެޓްގައި ކަނޑައެޅުމަށް ހުށަހަޅަން،" މައުސޫމް ވިދާޅުވި އެވެ.
ކައުންސިލްތަކުގެ ދަށުން ހިންގާ ޕްރީ ސްކޫލްތަކަށް ކަނޑައަޅާފައިވާ ފައިސާ އިތުރު ކުރުމަށް ވެސް ޑރ. މައުސޫމް ހުށަހެޅުއްވި އެވެ. ތަރައްގީގެ ޕްރޮގްރާމްތަކަށް ކޮންމެ ކައުންސިލްތަކަށް ވަކި އަދަދަކަށް ފައިސާ ހިމެނުމަށާއި ސިއްހީ ދާއިރާއަށް ބަޖެޓްގައި ޖަހާފައިވާ ފައިސާ އިތުރު ކުރުމަށް ވެސް މައުސޫލް ހުށަހެޅުއްވި އެވެ.
އަސާސީ ޕެންޝަނުގެ ގޮތުގައި އުމުރުން ދުވަސްވީ މީހުންނަށް ދެމުންދާ 2000ރ. ބޮޑު ކުރުމަށް ހުށަހަޅާ ސަބަބެއް ކަމަށް މައުސޫމް ވިދާޅުވީ ދިރިއުޅުމުގެ ހަރަދު މައްޗަށް ގޮސްފައިވާ މިންވަރަށް ބަލައި މުސްކުޅިންނަށްދޭ އަސާސީ ޕެންޝަނުގެ ފައިސާ ބޮޑު ކުރަންޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ޕެންޝަނާބެހޭ ގާނޫނުގެ 11 ވަނަ މާއްދާގެ (ކ)ގެ ދަށުން ދިރިއުޅުމުގެ ހަރަދުތައް މައްޗަށްދާ އަހަރަކު އެއްފަހަރު މުތާލިއާ ކުރަންޖެހޭތީ ދިރިއުޅުމުގެ ހަރަދު ޖުމްލަ ފަސް ޕަސެންޓް މަތިވެއްޖެ ހާލަތެއްގައި އަސާސީ ޕެންޝަންގެ ފައިސާ އަދަދު އިތުރު ކުރަންޖެހޭނެ ކަމަށެވެ.
މިރޭގެ ބައްދަލުވުމުގައި އިނދިކޮޅު މެންބަރުން ކަނބޮޑުވުން ފާޅު ކުރެއްވީ ބަޖެޓްގައި ތަފްސީލެއް ނެތި އެހެނިހެން ކަން ކަމަށް ފައިސާ ބަޖެޓްގައި ޖަހާފައި ވާތީ އެވެ. ޕީޕީއެމްގެ މެންބަރުންނާއި ޑީއާރްޕީގެ މެންބަރުންގެ އިއްތިފާގުވި އެ މައްސަލާގައި ޑރ. މައުސޫމް ހުށަހެޅުއްވީ ތަފްސީލެއް ނެތި އެހެނިހެން ނަމުގައި ޖަހާފައިވާ ފައިސާ ބަޖެޓުން އުނިކުރުމަށެވެ.
މިރޭގެ ބައްދަލުވުމުގައި އިތުރު ހުށަހެޅުންތަކެއް ހުށަހެޅުއްވީ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދެވެ. އޭނާ ވިދާޅުވީ ޔޫޓުލިޓީސް ކުންފުނިތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޭއިރު، ރައްޔިތުންގެ އަމިއްލަ ހަރަދުގައި ހިންގާ ކުންފުނިތަކަށް ވެސް ސަބްސިޑީގެ ގޮތުގައި ފައިސާ ދޭންޖެހޭނެ ކަމަށެވެ.
މިރޭ ހުށަހެޅުއްވި ހުށަހެޅުންތަކުގެ އިރަށް ހުށަޅާ ކަންތަތަކަށް ވޯޓަށް އަހާނީ މާދަމާ މެންދަރުފަހު ބާއްވާ ބަޖެޓް ކޮމެޓީގެ ބައްދަލުވުމުގަ އެވެ.