ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވި މީހަކާ ޑައިރެކްޓް ކޮންޓެކްޓްވި ތިން ދިވެއްސަކު އެކަހެރިކޮށް، ޓެސްޓުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން މިރޭ ކުރި ޓްވީޓެއްގައި ބުނީ، ވައިރަހަށް ޕޮޒިޓިވްވެފައިވާ ފަރާތަކާ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ތިން ދިވެއްސެއްގެ ފުށުން ކޮރޯނާވައިރަހަށް ޝައްކުކުރެވޭ އަލާމާތްތައް ފެނުމުން، ސާމްޕަލް ނަގައި، ޓެސްޓްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އެ 3 މީހުންވެސް އެކަހެރިކޮށް، މިހާރު ތިބީ ހޯމް އައިސޮލޭޝަންގައި،" އެޗްޕީއޭ އިން ބުނެފައިވެއެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލެއް އެޗްޕީއޭ އިން ހާމައެއް ނުކުރެއެވެ.

ތިން ދިވެއްސެއް އެކަހެރިކޮށް ޓެސްޓުހެދުމުގެ މަސައްކަތް ކުރަމުންދާއިރު، ރާއްޖެއިން ބޭރުން އައި ހަތް ދިވެއްސަކު ވައިރަހުގެ އަލާމާތްތައް ފެނިގެން ޓެސްޓު ކުރުމަށް ސާމްޕަލް ނަގާފައިވާ ކަން މިރޭ ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އެގޮތުން އޭގެ ތެރެއިން ފަސް މީހުންނަކީ އިންޑިއާ އިން އައި މީހުންނެވެ. އަނެއް ދެމީހުންނަނަކީ، ސްރީލަންކާއިން އައި މީހުންނެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، 334 ސާމްލްއެއް ނަގައި، 286 މީހަކު ވައިރަހަށް ނެގެޓިވްވެފައިވާ ކަމަށެވެ. ނަތީޖާ ނުލިބެނީ 25 ސާމްޕަލްއެއްގެ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

ރާއްޖޭގެ ހަތަރު ރިސޯޓަކާއި ސަފާރީއަކުން މިހާތަނަށް ވައިރަހަށް ޕޮޒިޓިވްވެފައިވަނީ 13 ބިދެސީންނެވެ. އެ އެންމެގެ ހާލުވެސް ރަނގަޅުކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.