18 Mar 2020, 14:12
ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފުލޫ ކްލިނިކެއް ހުޅުވައިފި އެވެ.
އިއްޔެ ހުޅުވި އެ ކްލިނިކަށް ވަކިން ހާއްސަ ކުރެވިފައިވާ ސަރަހައްދަކަށް ވަކި ދޮރަކުން މެހެމާނުން ގެންގޮސްދެވޭނެ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.
އެގޮތުން މިހާރު ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ އަދި ރާއްޖެއިން ވެސް ފެނިފައިވާ ކޮރޯނާވައިރަހާ ގުޅިގެން ޓްރީ ޓޮޕް ހޮސްޕިޓަލަށް ޒިޔާރަތް ކުރާ ހުރިހާ ފަރާތްތަކަށް ސްކްރީނިންގް ޕޮލިސީއެއްވެސް ފަށާއިފައިވާ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.
ސްކްރީންގައި ހުން ނުވަތަ ރޯގާގެ އަލާމާތްތައް ހުންނަ ފަރާތްތައް ޑޮކްޓަރަށް ދެއްކުމަށް ފްލޫ ކްލިނިކަށް ވަކިން ހާއްސަ ކުރެވިފައިވާ ސަރަހައްދަކަށް ވަކި ދޮރަކުން ގެންގޮސްދޭއިރު އެ ބަދަލުގެ ސަބަބުން ބަލިމީހުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ވަރުގަދަކޮށް ބަލިފެތުރުމުގެ ފުރުސަތު ކުޑަ ކުރެވޭނެ ކަމަށް ވެސް ޓްރީ ޓޮޕުން ވަނީ ބުނެފަ އެވެ.
ފްލޫ ކްލިނިކުން ބަލި މީހުންގެ އަލާމާތްތަށް އިތުރަށް ތަހުލީލުކޮށް އެކަށީގެންވާ ފަރުވާ ދެވޭނެ އެވެ. މިގޮތުން އާންމު ފްލޫތަކުގެ ވެކްސިނޭޝަން ބޭނުންވާ ފަރާތްތަކަށް ވެކްސިން ރިކޮމެންޑް ކުރެވޭނެ އެވެ. ފްލޫ ވެކްސިނޭޝަނަކީ ދާއިމަށް ފަރުވާ ބޭނުންވާ ބަލި މީހުންނަށާއި ހުރިހާ އުމުރު ފުރައެއްގެ މީހުންވެސް ރޯގާޖެހިގެން ބަލިވުމުން ދުރުކޮށްދިނުމަށް އެހީވެދޭ ވެކްސިންއެކެވެ. ފްލޫ ކްލިނިކުން ބެލުމަށް ފަހު ބަލިމީހާ އިމަޖެންސީއަށް ނުވަތަ ފަރުވާއާއި ގުޅޭ ޑިޕާޓްމަންޓަކަށް ގެންގޮސްދެވޭނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.
ޓްރީ ޓޮޕްގެ ފްލޫ ކްލިނިން ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ހުރިހާ ދުވަހަކު ހެނދުނު 0900 އިން ހަވީރު 1830 އަށެވެ. އެކަމާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު 3351610 އެ ހޮސްޕިޓަލްގެ ނަންބަރަށް ގުޅުމުން ލިބޭނެ އެވެ.