ހާއްސަ ހާލަތެއް މެދުވެރިވެގެން އިންތިހާބެއް ފަސް ކުރަން ޖެހިއްޖެ ހާލަތެއްގައި ގާނޫނީގޮތުން އަމަލުކުރާނެ ގޮތްތަކެއް ކަނޑައެޅުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފަށައިފި އެވެ.

ކޮމިޓީން އެ ގޮތަށް ނިންމާފައިވަނީ، އަންނަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސް ކުރުމާ ގުޅޭ ގޮތުން އިލެކްޝަން ކޮމިޝަނާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ.

އެ ބައްދަލުވުމުގައި ކޮމިޓީގެ މެންބަރުން ފާހަގަކުރިގޮތުގައި ކައުންސިލް އިންތިހާބު ފަސްކުރުމާ މެދު ގާނޫނީ ހައްލު ހޯދައިދެވޭނީ ހަމައެކަނި މަޖިލީހަށެވެ. އަދި އެއީ ސުޕްރީމް ކޯޓަށް ކުރެވޭނެ ކަމެއް ކަމަށް މެމްބަރުން ދެކެވަޑައިނުގަންނަވަ އެވެ.

ކޮމިޓީގެ މެމްބަރުންގެ ވާހަކަތަކަށް އިލެކްޝަންސް ކޮމިޝަނުން ވެސް ތާއީދު ކުރި އެވެ.

އެ ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ، އިންތިހާބު ފަސް ކުރުމާ ގުޅޭ ގޮތުން އަވަސް ގާނޫނީ ފަރުވާއެއް ހޯދައިދެވޭނީ މަޖިލީހަށް ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ކޯޓަށް ހުށަހެޅީ އެއީ މީގެ ކުރިން ވެސް އަމަލުކުރަމުން އައި ގޮތަށްވެފައި ގައުމީ ލަފާ ދޭ ކޮމެޓީން ވެސް އެގޮތަށް ލަފާ ލިބިފައި އޮތުމުން ކަމަށް ޝަރީފް ވިދާޅުވި އެވެ.

"އަޅުގަނޑުގެ މީގެ ރިޒަވޭޝަން އަކީ އިންތިހާބް ލަސްކުރުމުގެ ގާނޫނުގައި ބުނާ ތާރީހައްވުރެން އިންތިހާބު ލަސްކުރުމުގެ ދޮރު އާންމުކޮށް އިލެކްޝަން ކޮމިޝަނަށް ހުޅުވޭ ގޮތަށް ނުބައިންދަވާށޭ،" ޝަރީފް ވިދާޅުވި އެވެ.

އެގޮތައް ޝަރީފް އެދިވަޑައިގަތީ އިންތިހާބެއް ފަސް ކުރުމުން އިލެކްޝަން ކޮމިޝަނަށް އަމާޒުވާ ފާޑުކިޔުންތަކުން ސަލާމާތްވުމަށް ކަން ފާހަގަކުރެއްވި އެވެ.

އިންތިހާބު ލަސް ކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، މުޅި އިންތިހާބު އެއްކޮށް ލަސްކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި އެކަމުގެ ސަބަބުން ދައުލަތައް ވެސް ބޮޑު ބުރައެއް އުފުލަން ޖެހޭނެ ކަމަށެވެ. އެއާ ހިލާފަށް މިހާރު ކުރިއަށް ގެންގޮސްފައިވާ ހިސާބުން މެދު ކަނޑާލައި އެހެން ތާރީހެއްގައި އިންތިހާބް ބޭއްވުމަށް އީސީގެ ހުރިހާ މެންބަރުން ވެސް އިއްތިފާގުވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"ތިރީސް ދުވަހުގެ ތެރޭގައި އަޅުގަނޑުމެނަށް އިންތިހާބު ބޭއްވޭނެ ކަމުގެ ޔަގީންކަން އިއްޒަތްތެރި މަޖިލީހަށް އަޅުގަނޑުމެން އަރުވަން،" ޝަރީފް ވިދާޅުވި އެވެ.

އެހެން ނަމަވެސް އެއީ މިހާރު ކުރިއަށް ގޮސްފައިވާ ހިސާބުން މެދުކަނޑާލުމަށްފަހު އަލުން އެހެން ތާރީހެއްގައި އިންތިހާބު ބާއްވާ ނަމަ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބު ފަސްކޮށްދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނުން ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނެގުމަށްފަހު، އެ މައްސަލަ މިހާރު ވަނީ ސުޕްރީމު ކޯޓަށް ހުށަހަޅައިފަ އެވެ.