ބޭރުގައުމުތަކުން ރާއްޖެ އައި މީހުންގެ ތެރެއިން، ކޮރޯނާވައިރަސް، ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނުނު ގިނަ މީހުން މިފަހުން އަސްފައި ވަނީ އިންޑިއާއިންކަން ސަރުކާރުން މިރޭ ހާމަކޮށްފި އެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަ ދައްކަވަމުން ސަރުކާރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ، ވައިރަހުން އަރައިގަތުމަށްޓަކައި އިތުރު ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގެ ގޮތުން، ކިރިޔާވެސް ވައިރަހަށް ޝައްކުކުރެވޭ އަލާމާތްތައް ފެންނަ މީހެއް ނަމަ ޓެސްޓުކުރަން ފަށާފައިވާ ކަަމަށެވެ.

އެގޮތުން ބޭރު ގައުމުތަކަށް ދަތުރުކޮށްފައި އައި ހަތް ދިވެއްސަކު ވައިރަހަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިގެން، ޓެސްޓް ހެދުމަށް ސާމްޕަލް ނަގައި ގޭގައި އެކަހެރިކޮށްފައިވާ ކަމަށެވެ.

މަބްރޫކު ވަނީ އެ ހަތް މީހުން އައި ގައުމުތައްވެސް ހާމަކުރައްވާފަ އެވެ. ހަތް މީހުންގެ ތެރެއިން ފަސް މީހަކު އައިސްފައިވަނީ މިހާރު ހަލުވިކަމާއެކު ވައިރަސް ފެތުރެމުން އަންނަ އިންޑިއާއިންނެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ޓްރިވިންޑްރަމް އިން އައި ދެމީހަކާއި ކޮޗިން އިން އައި ދެ މީހަކު އަދި ބެންގަލޫރުން އައި މީހެކެވެ. ބާކީ ތިބި ދެ މީހުން އައީ ލަންކާއިން ކަމަށް މަބްރޫކު ވިދާޅުވި އެެވެ.

ޝައްކުވާ ހަތް ކޭސްއެއްގެ ތަފްސީލް:

  • ސ ހިތަދޫ - ކޮޗިން އިން އައި މީހެއް.

  • ރ. ފައިނު - ކޮޗިން އިން އައި މީހެއް.
  • ދ. ކުޑަހުވަދޫ - ޓްވިންޑްރަމް އިން އައި މީހެއް.
  • އއ. އުކުޅަސް - ޓްރިންވިންޑްރަމް އިން އައި މީހެއް.
  • މާލެ - ބެންގަލޫރުން އައި މީހެއް.
  • މާލެ - ލަންކާއިން އައި މީހެއް.
  • ޅ. ހިންނަވަރު - ލަންކާއިން އައި މީހެއް.


މަބްރޫކު އިތުރަށް ވިދާޅުވީ. އެ ހަތް މީހުންގެ އިތުރުން "އައިލެންޑް ސަފާރީ-1" އިން ޕޮޒިޓްވި މީހުންނާ ކޮންޓެކްވި މީހުންގެ ތެރެެއިން މީހަކު ވައިރަހުގެ އަލާމާތްތައް ފެނިގެން ޓެސްޓުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެނާ މިވަގުތު ހުރީ މާލޭގައި ކަމަށް މަބްރޫކު ވިދާޅުވި އެވެ.

"ޓެސްޓު މިކުރަނީ ކުރިއަށް ވުރެ އެއް ގިޔަރު ކުރިއަށް ޖައްސާއލައިގެން. ކިރިޔާވެސް އަލާމާތްތައް ފެންނަންޔާ. ކޮންމެހެން ޓެސްޓުކުރުމުގެ ކެޓަގަރީއެއް ނުފެތުނަސް،" މަބްރޫކު ވިދާޅުވި އެވެ.

ވައިރަހުގެ އަލާމާތްތައް ފެނިގެން ގޭގައި އެކަހެރި ކުރި ގިނަ މީހުންނަކީ އިންޑިއާ އިން އައި މީހުންނަށް ވުމުން އިންޑިއާ މެދު ޓްރެވެލް ރެސްޓިކްޝަން އެޅުމަށް ސަރުކާރުން ނުވިސްވަންތޯ ނޫސްވެރިން ސުވާލު ކުރުމުން މަބްރޫކު ވިދާޅުވީ، އަދި މިހާތަނަށް އެފަދަ ނިންމުމެއް ނިންމާފައި ނުވާ ކަމަށާއި ވަގުތު ޖެހުމުން އަޅަން ޖެހޭ ފިޔަވަޅެއް ސަރުކާރުން އަޅާނެ ކަމަށެވެ.

"އަޅުގަނޑުމެން ކަށަވަރުކޮށްދޭން ވާހަކައަކީ، އެއްވެސް ޑިޒިޝަނެއް ނުނަގާކަށް ނެތިން. މިހާތަނަށް ސަރުކާރުން ނިންމި ނިންމުމަކީ ރާއްޖެއަށް ވަންނަ ފައިސާގެ އަދަދަކަށް ވިސްނާފައި ނިންމި ނިންމުމެއް ނޫން. ސީދާ ދިވެހިންގެ ރައްކާތެރިކަމަށް އަޅަން ޖެހުނު ފިޔަވަޅުތައް އަޅާފައި އެހު ރީ،" މަބްރޫކު ވިދާޅުވި އެވެ.

މާރިޗް 16، 2020: ކޮވިޑް19 އާބެހޭގޮތުން ބާއްވަމުންދާ ސިލްސިލާ ބައްދަދުލުވުމުގެ ތެރެއިން - ސަން ފޮޓޯ/ އަހްމަދު ސައީދު

މަބްރޫކު ވިދާޅުވީ، ރާއްޖޭގައި ބަލި ފެތުރޭ ނިސްބަތަށް ބަލާއިރު، މިހާތަނަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަކީ ރަނގަޅު ފިޔަވަޅުތަކެއް ކަން ހެކިކޮށްދޭ ކަމަށެވެ.

ސަރުކާރުން އެންމެ ފުރަތަމަ ރާއްޖެއަށް މީހުން އައުން މަނާކުރީ ބަލި ފެނުނު ޗައިނާ އިންނެވެ. އޭގެ ފަހުން އިރާންއާއި ކޮރެއާގެ ދެ ސަރައްހަދަކުންވެސް މީހުން އައުން މަނާކުރި އެވެ. އަދި އިޓަލީ އާއި ސްޕެއިން އިން ވެސް މީހުން އައުން ވަނީ މިހާރު މަނާކޮށްފަ އެވެ. އޭގެ އިތުރުން ޖަރުމަން އަދި ފްރާންސްގެ ބައެއް ސިޓީތަކުން ވެސް މީހުން އައުން ވަނީ މަނާކޮށްފަ އެވެ. އަދި މިއަދު ވަނީ މެލޭޝީއާއާއި އިނގިރޭސީ ވިލާތުން މީހުން އައުން ވެސް މަނާކޮށްފަ އެވެ. އިނގިރޭސީވިލާތުން މީހުން އައުން މާނާކުރަން ނިންމި ނިންމުމަށް އަމަލު ކުރަން ފަށާނީ، މިމަހު 19 ވަނަ ދުވަހު މެންދަމު 12:00 އިން ފެށިގެންނެވެ.

ރާއްޖެއިން މިހާތަނަށް ހަތަރު ރިސޯޓަކާއި ސަފާރީއަކުން 13 ބިދޭސީއަކު ވަނީ ވައިރަހަށް ޕޮޒިވެފަ އެވެ. އެ މީހުންގެ ތެރޭގައި ވައިރަސް އެންމެ ފުރަތަމަ ފެނުނު ޗައިނާ ނުހިމެނޭ އިރު، ނުވަ މީހުންނަކީ މިހާރު ހަލުވި ކަމާއެކު ވައިރަސް ފެތުރޭ އިޓަލީ މީހުންނެވެ.

ރާއްޖެއަށް އެންމެ ފުރަތަމަ ކޮރޯނާ ވައިރަސް ފެތުރިގެން ދިޔައީ ކުރެއްދޫއަށް އައި އިޓަލީގެ ފަތުރުވެރިއެއްގެ ފަރާތުންނެވެ. އެ މީހާ ވައިރަހަށް ޕޮޒިޓިވްވި ކަން އެނގުނީ އޭނާ ފުރައިގެން ދިޔަފަހުންނެވެ. އެކަން ފެންމަތިވުމާއެެކު އިޓަލީން ފަތުރުވެރިން އައުން މަނާ ކުރީ މިމަހުގެ ހަތް ވަނަ ދުވަހު އެވެ. އޭގެ ފަހުން، ކުރެއްދޫއިން ފަސް މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ.

އިންޑިއާ މެދު މިހާތަނަށް ފިޔަވަޅެއް އަޅާފައި ނުވާއިރު، ދެކުނު އޭޝިއާގައި ވައިރަސް އެެންމެ ހަލުވިކަމާއެކު ފެތުރެމުންދަނީ ވެސް އިންޑީއާ އިންނެވެ. އެގޮތުން މިއަދު އެކަނިވެސް، އެ ގައުމުން 13 މީހަކި ވައިރަހަށް ޕޮޒިޓިވި އިރު، 140 ވުރެ ގިނަ މީހުން މިހާތަނަށް ވައިރަަހަށް ވަނީ ޕޮޒިޓިވެފަ އެވެ. އަދި ތިން މީހަކު ވަނީ ވައިރަސް ޖެހިގެން މަރުވެސް ވެފަ އެވެ.