"ރާއްޖޭގެ އެއްވެސް ރައްޔިތެއް ނުމެރޭނެ އަޅުގަނޑު ނުމަރައެއް،" ސަރުކާރު ހިންގާ އެމްޑީޕީން މިރޭ ބޭއްވި ބައްދަލުވުމަކަށް ވަޑައިގެން ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ކަށަވަރުކޮށްދެވި އެވެ.

މ. ފެހިގޭ ކުރިމަތީގައި މި މޭރުމުން ރައީސް ނަޝީދު ވާހަކަފުޅު ދެއްކެވީ "އިސްލާމް ދީނުގެ ހިމާޔަތުގައި ދިވެހިން" މި ނަމުގައި އިދިކޮޅު ޕާޓީތަކާއި މަދަނީ އިއްތިހާދުން ބާއްވަން އިއުލާން ކޮށްފައިވާ މުޒާހަރާއަށާއި އެ މުޒާހަރާއާ ގުޅޭ ގޮތުން އާންމުވި ބައެއް ލިޔުންތަކަށް އިޝާރާތް ކުރައްވަ އެވެ.

ރައީސް ވިދާޅުވީ އަދާލަތު ޕާޓީ އާއި ޕީޕީއެމާއި އެހެން ޖަމާއަތްތައް ގުޅިގެން ކުރަން އުޅޭ މުޒާހަރާގެ ވެބްސައިޓްގައި ރާއްޖޭގެ ރައްޔިތުން މަރާނެކަމަށް އިންޒާރު ދީފައި ވާކަމަށާއި އެކަމާ އެމަނިކުފާނު ކަން ބޮޑުވެވަޑައި ގަންނަވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ އެއްވެސް ރައްޔިތަކު މަރަން އެހެން ރައްޔިތަކަށް ފަތުވާދީ ނުހެދޭނެ ކަމަށާއި އެމަނިކުފާނު އަވަހާރަކޮށްލުމަށް ފަހުގައި ނޫނީ އެއްވެސް ދިވެއްސަކު މަރާ ވެސް ނުލެވޭނެ ކަމަށެވެ.

"ރާއްޖޭގެ އެއްވެސް ރައްޔިތަކު މެރުމަކަށް އެހެން ރައްޔިތަކަށެއް ފަތުވާދީއެއް ނުހެދޭނެ. ރާއްޖޭގެ އެއްވެސް ރައްޔިތެއް ނުމެރޭނެ، އަޅުގަނޑު ނުމަރައެއް. އެކަކުވެސް ނުމެރޭނެ. އެކަކާ ވެސް ގާތެއް ނުވެވޭނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިމަހުގެ 23 ވަނަ ދުވަހު ބާއްވަން އިއުލާން ކޮށްފައިވާ ބޮޑު މުޒާހަރާއަކީ އިންތިޚާބަކުން އެމަނިކުފާނުގެ ސަރުކާރު ބަލިކުރެވެން ނެތްކަން ކަށަވަރު ވުމުން ރަށުތެރެއަށް ނުކުމެ ރަށް ފަސާދަކޮށް ރަށުގައި ހަމަނުޖެހުން އުފައްދަން ކުރާ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރާއި އެމްޑީޕީން ރާއްޖޭގެ ރައްޔިތުންގެ ދިފާއުގައި އަބަދުވެސް ނުކުންނާނެ ކަމަށާއި ރާއްޖޭގެ ހަމަޖެހުން ހޯދައިދޭން އަބަދުވެސް މަސައްކަތް ކުރާނެކަމަށެވެ.

"ސަރުކާރުން ވެސް އަދި އަޅުގަނޑަށް ޔަގީން އަޅުގަނޑު ނިސްބަތްވާ ޕާޓީން ވެސް ރާއްޖޭގެ ރައްޔިތުންގެ ދިފާއުގައި އަބަދުވެސް ނުކުންނާނެ. ރާއްޖޭގެ ހަމަޖެހުން ހޯދައި ދިނުމުގައި އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރާނަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

މާލޭގެ މަގުތަކަކީ އެމްޑީޕީއަށް އާ ތަނެއް ނޫންކަމަށް އިޝާރާތް ކުރައްވާ ވިދާޅުވީ މަގުތަކަށް ނުކުމެ އެމްޑީޕީ އާއި ސަރުކާރާއި ދިމާމާކުރެވޭނެ ބަޔަކު ނުތިބޭނެ ކަމަށެވެ.

"މާލޭ މަގުތަކަކީ އެއްވެސް އިރެއްގައި އަޅުގަނޑު މެންނަށް އާތަނެއް ވެސް ނޫން. މި މަގުތައް މަތީގައި އަޅުގަނޑުމެންނާއި ދިމާކުރެވޭނެ ވަކި އިތުރު ބަޔެއް އުޅޭނެ ކަމަށް އަޅުގަނޑުމެނެއް ނުދެކެން. އަޅުގަނޑުމެން އުޅެ ބޮޑުވި ރަށް އަޅުގަނޑުމެން ވެސް އުޅެ ބޮޑުވީ މިމަގުތައް މަތީގައި.ޑިސެމްބަރު ތޭވީހަކަސް، ސައްބީހަކަސް، ފަންސަވީހަކަސް، ތިރީހަކަސް، މިއިން ކޮންމެ ދުވަހެއް ވެސް އިރުއަރާ އޮއްސި ދާނެ. ދުނިޔެ އެނބުރެމުން ސެނބުރެމުން ދަނީ ވިއްޔާ،" ރައީސް ވިދާޅުވި އެވެ.