މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހަށް ޝައްކު ކުރެވިގެން ގޭގައި މަޑުކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންގުމުން އެ އެންގުމަށް ތަބާނުވި މީހެއްގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭ ދިވެހި ފިރިހެނެއްގެ ބަލަންޖެހޭ ކަންކަން ބަލައި ޓެސްޓު ކުރުމަށްޓަކައި ފަރުކޮޅުފުށި އައިސޮލޭޝަން ފެސިލިޓީއަށް ގެންދިޔުމަށްޓަކައި ގޭގައި މަޑުކުރަން އަންގާފައި ވަނިކޮށް، އެކަމަށް އެއްބާރުލުން ނުދީ އަންގާފައިވާ ގޮތަށް އަމަލުނުކުރި މައްސަލަ މިއަދު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

ފުލުހުން ވިލިމާލެއަށްގޮސް އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މިއަދު މެންދުރު އެޗްޕީއޭއާ ހަވާލުކޮށްފައިވާ ކަމަށް ވެސް އިޒްމިއާ ވިދާޅުވިއެވެ.

އެ މީހާ ގޭގައި މަޑުކުރުމަށް އަންގާފައި ވަނީ ރާއްޖޭގައި ކޮރޯނާ ވައިރަސް ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 33 އަދި 34 ވަނަ މާއްދާގެ ދަށުން ޑިރެކްޓާ އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް ލިބިގެންވާ ގާނޫނީ ބާރުގެ ދަށުންނެވެ.

އިޒްމިއާ ވިދާޅުވީ ގާނޫނުލް އުގޫބާތުގެ 121 ވަނަ މާއްދާގެ ދަށުން އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އިއުލާންކުރުމާ ގުޅިގެން ޑިރެކްޓާ އޮފް ޕަބްލިކް ހެލްތުގެ އެންގުމާ ޚިލާފަށް އަމަލުކުރާ މީހުންގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުންގެ ތަރުޖަމާނު ވިދާޅުވިއެވެ.