17 Mar 2020, 20:04
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަހަށް ވެކްސިންއެއް އުފެއްދުމުގެ މަސައްކަތުގައި އޮސްޓްރޭލިއާގެ ސައިންސްވެރިންތަކެއް ބޮޑެތި ކުރިއެރުންތަކެއް ހޯދައިފިއެވެ.
އޮސްޓްރޭލިއާގެ ޕީޓާ ޑޮހާޓީ އިންސްޓިޓިއުޓްގެ މި ސައިންސްވެރިން ވަނީ އެގައުމުގައި އެންމެ ފުރަތަމަ މި ވައިރަހަށް ޕޮޒިޓިވްވި އެކަކުގެ ލޭގެ ސާމްޕަލްތަކުން ހަށިގަނޑުގެ ދިފާއީ ނިޒާމު މި ވައިރަހުން ސަލާމަތްވުމަށް އަޅާ ފިޔަވަޅުތައް ދެނެގަނެފައެވެ.
އެގޮތުން ދިރާސާތަކުން ދައްކުވައިދިން ގޮތުގައި މި ވައިރަހާ ދެކޮޅަށް ހަށިގަނޑުގެ ދިފާއީ ނިޒާމުން އަޅަނީ އާދައިގެ އަަރިދަފުސް ރޯގާއާ ދެކޮޅަށްވެސް އަޅާފަދަ ފިޔަވަޅެވެ.
މި މަސައްކަތުގެ ބައިވެރިވި މައިކްރޮބަޔޮލޮޖީ އަދި އިމިއުނޮލޮޖީގެ ޕްރޮފެސަރެއްކަމުގައިވާ ކެތެރިން ކެޑްޒިއާސްކާ ވިދާޅުވިގޮތުގައި މި ހޯދުންތަކުގެ ސަބަބުން ބަލިން ފުރާނައަށް ނުރައްކާވާފަދަ ހާލަތްތަކުގައި އެފަދަ ބަލިމީހުންގެ ހަށިގަނޑުގެ ދިފާއީ ނިޒާމުގައި ނެތީ ކޮން ބާރެއްކަން ފަސޭހައިން ދެނެގަނެވޭނެއެވެ.
ބަލިމީހާ ބަލިން ފަސޭހަވާނެ ތާރީޚްވެސް މި ދިރާސާގެ އަލީގައި ސައިންސްވެރިން ހޯދާފައިވާއިރު އޮސްޓްރޭލިއާގެ ހެލްތު މިނިސްޓަރު ވިދާޅުވިގޮތުގައި މި ހޯދުންތަކަކީ ވައިރަހަށް ވެކްސިންއެއް އުފައްދައި ބައްޔަށް ފަރުވާދިނުމަށް ލިބިގެންދިޔަ ބޮޑެތި ކުރިއެރުންތަކެކެވެ.
ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަސް ދުނިޔޭގެ އެކި ކަންކޮޅުތަކުން 160،000 އަށް ވުރެ ގިނަ މީހުންނަށް ޖެހިފައިވާއިރު 6،600 އަށްވުރެ ގިނަ މީހުން ވަނީ މި ބަލީގައި މަރުވެފައެވެ. އޮސްޓްރޭލިއާގައި މި ބަލި ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދަކީ 375 އެވެ. ޕެންޑެމިކްއެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މިހާރު ކަނޑައަޅާފައިވާ މި ބަލި ޖެހިފައިވާ 13 މީހަކު މިހާތަނަށް ވަނީ ރާއްޖެއިން ފެނިފައެވެ.