ދިވެހީން ގިނަ އަދަދަަކަށް ދިރިއުޅެމުން އަންނަ މެލޭޝިއާ އާއި ރާއްޖެއާ ދެމެދު ކުރާ ފްލައިޓު ދަތުރުތައް ހުއްޓާލަން ސަރުކާރުން ނިންމައފި އެވެ. އަދި އެ ގައުމުން އަންނަ މީހުން 14 ދުވަހުގެ މުއްދަތަކަށް ކަންޓީން ކުރެވޭނެ ކަމަށް ހެލްތް ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފައެވެ.

މެލޭޝިއާ ސަރުކާރުން އިއްޔެ ވަނީ މިއަދުން ފެށިގެން ދެ ހަފުތާގެ މުއްދަތަކަށް އެގައުމު އެއްކޮށް ލޮކްޑައުން ކުރުމަށް ނިންމާފައެވެ.

ދަރުބާރުގޭގައި ގައިމުކޮށްފައިވާ ނޭޝަނަލް އެމަޖެންސީ ރެސްޕޮންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، މެލޭޝިއާ އިން މީހުން އައުން މަނާ ކުރި ނަމަވެސް އެގައުމުގައި ތިބި ދިވެހީންނަށް ރާއްޖެ އާދެވޭނެ ކަމަށެވެ.

އެޗްޕީއޭ އިން މިރޭ ކުރި ޓްވީޓެއްގައި ބުނީ، މިއަދު 18:00 ގެ ފަހުން، މެލޭޝިއާއިން ރާއްޖެއަށް އަދި މެލޭޝިއާ މަގުން ދަތުރުކުރުމަށްފަހު ރާއްޖެ އަންނަ އެންމެހާ ދިވެހީން 14 ދުވަހުގެ މުއްދަތަށް މޮނިޓާ ކުރުމަށް ކަރަންޓީނު ފެސިލިޓީއަކަށް ފޮނުވޭނެ ކަމަށެވެ.

ސަރުކާރުން މިއަދު ވަނީ މަލޭޝިއާގެ އިތުރުން، އިނގިރޭސިވިލާތުންވެސް މީހުން އައުން މަނާކޮށްފައެވެ. އެއަށް އަމަލު ކުރަން ފަށާނީ މި މަހުގެ 19 ވަނަ ދުވަހުގެ 00:00 އިން ފެށިގެންނެވެ.

އެންމެ ފުރަތަމަ ރާއްޖެއަށް މީހުން އައުން މަނާކުރީ ބަލި ފެނުނު ޗައިނާ އިންނެވެ. އޭގެ ފަހުން އިރާންއާއި ކޮރެއާގެ ދެ ސަރައްހަދަކުންވެސް މީހުން އައުން މަނާކުރިއެވެ. އަދި އިޓަލީ އާއި ސްޕެއިން އިން ވެސް މީހުން އައުން ވަނީ މަނާކޮށްފައެވެ.

އޭގެ އިތުރުން ޖަރުމަން އަދި ފްރާންސްގެ ބައެއް ސިޓީތަކުން ވެސް މީހުން އައުން ވަނީ މަނާކޮށްފައެވެ. ފްރާންސްއިން މީހުން އައުން މަނާކުރީ ދެ ސަރަހައްދަކުންނެވެ. އެއީ އެގައުމުގެ ދެ އެޑްމިނިސްޓްރޭޓިވް ރީޖަން ކަމުގައިވާ މެދުތެރޭގެ އިލް ޑޮ ފްރޮންސް (ޕެރިސް ރީޖަން)އާއި އިރު އުތުރުގެ ގްރޯންޑް އެސްޓް ރީޖަންއެވެ.

ޖަރުމަނުން މީހުން މަނާކުރީ ތިން ސްޓޭޓަކުންނެވެ. އެއީ ބެވޭރިއާ، ނޯތު ރައިން-ވެސްޓްފޭލިއާ އަދި ބެޑެން-ވަރޓެމްބާގެވެ. ޖަރުމަނުގެ ބައެއް ބޮޑެތި ސިޓީތައްވެސް މި ސްޓޭޓުތަކުގައި ހިމެނެއެވެ. އެގޮތުން ނޯތު ރައިން-ވެސްޓްފޭލިއާ ސްޓޭޓުގައި ކޮލޯން ސިޓީ، ޑުސެލްޑޯފް ސިޓީ އަދި ޑޯޓްމުންޑް ސިޓީ ހިމެނެއެވެ. އަދި ޖަރުމަނުގެ ސިޓީއެއް ކަމުގައިވާ މިއުނިކް ހިމެނެނީ ބެވޭރިއާ ސްޓޭޓުގައެވެ.

މަލޭޝިއާ އިން މީހުން އައުން މަނާކުރި އިރު، މިހާތަަނަށް އެގައުމުން 500 އަށްވުރެ ގިނަ މީހުން ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ. ރާއްޖެއިން ވައިރަހަށް ޕޮޒިޓިވްވީ 13 ބިދޭސީންނެވެ.