ރަހުމްތެރި ގައުމުތަކުގެ އެހީއާއިއެކު ރާއްޖެ މިހާރު އޮތް ހާލަތުން އަރައިގަނެވޭނެކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކާއި ރާއްޖޭގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އަންނަނީ ވަރަށް ބޮޑަށް އަސަރުކުރަމުންނެވެ.

އެގޮތުން ގިނަ އަދަދެއްގެ ބުކިންތައް ކެންސަލްވަމުން އަންނައިރު ރާއްޖެެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އިޓަލީއާއި ޔޫރަޕްގެ ބައެއް ގައުމުތަކުގެ އިތުރުން ޗައިނާއިންވެސް ފަތުރުވެރިން އައުން މިހާރު ވަނީ މަނާކޮށްފަ އެވެ. އޭގެ އިތުރުން މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓުހައުސްތަކަށްވެސް ފަތުރުވެރިން ގެނައުން މިހާރު ވަނީ މަނާކޮށްފަ އެވެ.

ފޮރިން މިނިސްޓަރު ޝާހިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަދުގެ ހާލަތު ބަނަވެފައި، ކުރިއަށް ލަފާކުރެވިފައި އޮތީ ނުތަނަވަސްކަން އިހުސާސްވާ ދުވަސްތަކަކަށް ވީނަމަވެސް، ހިތްވަރާއި އަޒުމް އަދި ހިކުމަތްތެރިކަމާ މަސައްކަތްކޮށްގެން މި ހާލަތުން އަރައިގަނެވޭނެ ކަމަށެވެ.

އެކުވެރި ގައުމުތަކުގެ އެހީއާއެކު ﷲގެ ހެޔޮ ރަހުމަތްފުޅުން ދިވެހިން ކުރިންވެސް ސާބިތުކޮށްދީފައިވާ ފަދައިން މިހާލަތު ބަދަލުކުރެވޭނެކަމަށެވެ.

ކޮރޯނާވައިރަހުގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރުތަކާ ބެހޭ ގޮތުން ސީއެންބީސީ އަށް ދެއްވި އިންޓަވިއުއެއްގައި ވެސް މިނިސްޓަރު ވިދާޅުވީ ރޯގާއާއި، ރޯގާގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަނެވޭނީ އެންމެން އެކުގައި މަސައްކަތްކޮށްގެންކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކޮރޯނާވައިރަސްގެ ޕޮޒިޓިވް ކޭސްއެއް ފެނުމުގެ މާކުރިންވެސް ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކުރި ކަމަށާއި، މިހާރުގެ އަންޒާދާތައް ދައްކާ ގޮތުން ފަތުރުވެރިކަމަށް 35 އިންސައްތައިގެ ދަށްވުމެއް އަންނާނެކަމަށެވެ. އަދި މިފަދައިން ކަންތައް ދިމާވެއްޖެނަމަ އޭގެ ސަބަބުން ދައުލަތުގެ އާމްދަނީއިން 446.6 މިލިއަން ޑޮލަރާއި ގާތްކުރާ އަދަދަކަށް ގެއްލުން ވެދާނެކަމުގެ ބިރު އެބައޮތްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން ރާއްޖޭގެ ސިއްހީ ދާއިރާއަށް މި ދަނޑިވަޅުގައިވެސް އިތުރު އެހީތެރިކަން ބޭނުންވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ކޮވިޑްއާ ގުޅިގެން ލިބޭ ގެއްލުން ފޫބެއްދުމަށް ސަރުކާރުން މިހާރު ދަނީ ވަރަށް ބޮޑަށް ހަރަދުކުޑަކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ސިޔާސީ މަގާމުތަކުގައި ތިއްބެވި މީހުންގެ މުސާރައިން 20 ޕަސެންޓް ކުޑަކުރަން މިހާރު ސަރުކާރުން ވަނީ ނިންމައިފައެވެ.

މިހާތަނަށް ރާއްޖެއިން 13 މީހަކު ކޮރޯނާވައިރަހަށް ވަނީ ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރޭގައި މުޅިންވެސް ހިމެނެނީ ބިދޭސީންނެވެ. އެއީ އިޓަލީގެ ނުވަ މީހަކާއި ދެކުނު އެފްރިކާ މީހަކާއި އިނގިރޭސިވިލާތުގެ މީހަކާއި ޖަރުމަނު މީހެއްގެ އިތުރުން ތުރުކީ މީހެކެވެ.