12 Dec 2011, 20:57
އިސްލާމްއާބާދު (ޑިސެމްބަރ 12) : ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ތާލިބާނުންނާއެކު ސުލްޙައިގެ ވާހަކަތައް ސަރުކާރުން ނުދައްކާކަމަށް އެޤައުމުގެ ދާޚިލީ ވަޒީރު ރަޙްމާން މާލިކް ވިދާޅުވެއްޖެވެ. މާލިކްއާ ޙަވާލާދީ ޕާކިސްތާނުގެ މީޑިޔާ ބުނިގޮތުގައި ހަތިޔާރު ދޫކޮށް އަމާންނުދޭހާ ހިނދަކު ތާލިބާނުންނާއެކު ސުލްޙައިގެ ވާހަކަތައް ނުދައްކާނެ ކަމުގައެވެ.
މާލިކްގެ އިތުރުން ޕާކިސްތާނުގެ ބޮޑުވަޒީރު ޔޫސުފް ރަޒާ ގީލާނީ ވެސްވަނީ ތާލިބާނުންނާއެކު ސުލްޙައިގެ ވާހަކަތައް ސަރުކާރުން ނުދައްކާކަމަށް ވިދާޅުވެފައެވެ. ސަރުކާރުންތާލިބާނުންނާއެކު ސުލްޙައިގެ ވާހަކަތައް ދައްކަމުން ގެންދާކަމަށް ވިދާޅުވެ ބަޔާނެއް ދެއްވާފައިވަނީ ތާލިބާނުންގެ ނައިބު ލީޑަރު މަވްލަވީ ފަޤީރެވެ.
އޭނާ ވިދާޅުވީ ޕާކިސްތާން ސަރުކާރުން ތާލިބާނުންނާއެކު ސުލްޙައިވެ ވާހަކަތަކެއް ފަށައިގެން މިހާރު ކުރިޔަށް ގެންދާކަމަށާއި މިކަމުގެ ބޭނުމަކީ ޕާކިސްތާން ސަރުކާރާ ދެކޮޅަށް ތާލިބާނުން ކުރިޔަށްގެންދާ ހަނގުރާމަ ނިމުމަކަށް ގެނައުމެވެ.
މިދިޔަ ސެޕްޓެމްބަރމަހު ޕާކިސްތާނު ސަރުކާރުންވަނީ ޤައުމީ ސުލްޙައަށް ފުރްސަތު ދިނުމަށްޓަކައި ތާލިބާނުންނާއެކު ސުލްޙައިގެ ވާހަކަތައް ދެއްކުމަށް ތައްޔާރަށް އޮތްކަން ހާމަކޮށްފައެވެ. (ރޮއިޓާސް)