17 Mar 2020, 18:03
ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ވެސް އައިސޮލޭޝަން ފެސިލިޓީއަކަށް ބަދަލުކޮށް، ކ. ވިލިވަރުގައި ތިބި މީހުން އެތަނަށް ބަދަލުކޮށްފިއެވެ.
ވިލިވަރުގައި ބައިތިއްބާފައި ތިބީ ޓެސްޓުގެ ނަތީޖާ ނެގެޓިވްވާ މީހުންނާއި 14 ދުވަހަށް ކަރަންޓީނަށް ދާންޖެހޭ ފަރާތްތަކެވެ.
ނޭޝަނަލް ރެސްޕޮންސް ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ ވިލިވަރު ފެސިލިޓީގައި ތިބި 15 ފަރާތެއް މިހާރު އެޗްއައިއެޗް އަށް ބަދަލުކޮށްފައިވާ ކަމަށެވެ.
އެއާއެކު މިހާރު ވިލިވަރު ފެސިލިޓީގައި އެއްވެސް މީހަކު ނެތެވެ. ވިލިވަރުގައި ތިބި މީހުން އެޗްއައިއެޗް އަށް ބަދަލުކޮށްފައި ވާއިރު، ވިލިވަރުގެ ޖާގަ 100 އެނަދަށް އިތުރުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެންމެ ފުރަތަމަ އެތަނުގައި ތައްޔާރު ކޮށްފައިވަނީ 30 އެނދެވެ.
މިހާރު ފަރުކޮޅުފުށި އައިސޮލޭޝަން ފެސިލިޓީގައި 23 މީހަކު އެބަ ތިއްބެވެ.
މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކޮވިޑް19 އާ ގުޅިގެން ފަރުވާދޭ އިތުރު ފެސިލިޓީތައް ގާއިމުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިރުޝާދު ދެއްވާފައިވާ ކަމަށެވެ.
އެގޮތުން ކޮރޯނާވައިރަސްއާ ގުޅިގެން އެކަހެރި ކުރާ މީހުންނާއި ކަރަންޓީނު ކުރާ މީހުން ބައިތިއްބަން މާލެ ސަރަހައްދުން އިތުރު 1،000 އެނދު ހާއްސަ ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރުމަށް އއ. ވެލިދޫ ރިސޯޓް ވެސް ވަނީ ތައްޔާރުކޮށްފަ އެވެ. މީގެ ކުރިން ރިސޯޓެއްގެ ގޮތުގައި ހިންގި ވެލިދޫ އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރުމަށް ހަ މަސްދުވަހަށް އެތަން ސަރުކާރަށް ލިބިފައިވާކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މީގެ ކުރިން ވިދާޅުވެފައިވެ އެވެ.
މީގެ އިތުރުން ރާއްޖޭގެ ކަރަންޓީން އަދި އައިސޮލޭޝަން ފެސިލީޓީގެ ގޮތުގައި ޖުމްލަ 641 ޖާގަ މިހާރު ގާއިމްކޮށްފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިިޓިވް ވެފައިވާ 13 މީހަކު ފެނިފައިވާއިރު ބަލި ކޮންޓްރޯލް ކުރުމަށް ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅައިފަ އެވެ.