17 Mar 2020, 17:57
ބަޣްދާދު (17 މާޗް 2020): އިރާގުގެ ރައީސް ބަރްހަމު ސާލިހް އެގައުމުގެ އައު ބޮޑުވަޒީރަކަށް ޕާލަމެންޓް މެންބަރެއްކަމަށްވާ އަދްނާން އައްޒަރަފީ އިޚްތިޔާރު ކުރައްވައި އިރާގުގައި އައު ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް އޭނާއާ ހަވާލުކުރައްވައިފިއެވެ.
އިރާގުގެ ރިޔާސަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބޮޑުވަޒީރުކަމުގެ މަގާމަށް އަދްނާން އައްޒަރަފީ އިޚްތިޔާރު ކުރުމަށްފަހު 30 ދުވަހުގެ ތެރޭގައި އައު ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާ ބަރްހަމު ސާލިހް، އަދްނާން ޒަރަފީ އާ ހަވާލުކުރައްވައިފިކަމުގައެވެ. ޒަރަފީ އަކީ އިރާގުގެ ކުރީގެ ބޮޑުވަޒީރެއްކަމަށްވާ ޙައިދަރުލްއަބާދީގެ ނަސްރު ކޯލިޝަނަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ.
ޒަރަފީ ބޮޑުވަޒީރުކަމަށް އިޚްތިޔާރު ކޮށްފައި މިވަނީ ކުރިން ބޮޑުވަޒީރުކަމަށް އިޚްތިޔާރުކުރި މުހައްމަދު ތަވްފީޤު އަލާވީ އިރާގުގައި އައު ސަރުކާރެއް އެކުލަވާލުމުގައި ނާކާމިޔާބުވެ ވަޑައިގަތުމާ ގުޅިގެންނެވެ. އުމުރުފުޅުން 53 އަހަރުގެ ޒަރަފީ އަކީ އިރާގުގެ މަޝްހޫރު ކޫފާ ޔުނިވާސިޓީން އިސްލާމީ ފިގުހުން މާސްޓާސް ޑިގްރީ އާއި ބަޣްދާދު ޔުނިވާސިޓީން ސެކިއުރިޓީއާއި ސްޓްރެޓީޖިކް ޕްލޭނިންގްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ އިރާގުގެ އެކި ދައުލަތާއި ސަރުކާރުގެ އެކި މަގާމުތަކުގައި އެކި ދުވަސްވަރު ޚިދްމަތް ކުރައްވާފައިވާ ތަޖްރިބާކާރު ބޭފުޅެއްވެސް މެއެވެ. މިގޮތުން ޒަރަފީ އިރާގުގެ ނަޖަފް ސިޓީގެ ގަވަރުނަރު ކަމުގެ މަގާމު އަދާކުރައްވާފައިވެއެވެ.
އިރާގުގައި އައު ސަރުކާރެއް އެކުލަވާލަން ޖެހުނީ އިރާގުގެ ރައްޔިތުން މިދިޔައަހަރުގެ ފަހުކޮޅު ސަރުކާރާ ދެކޮޅަށް ކުރި ދިގުލީ މުޒާހަރާތަކާ ގުޅިގެން އެދުވަސްވަރު ބޮޑުވަޒީރަކަށް ހުންނެވި އާދިލް އަބްދުލްމަހްދީ މދިޔަ ޑިސެމްބަރު މަހު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އެއަށްފަހު އިރާގުގެ ރައީސް ބަރްހަމު ސާލިހް އެގައުމުގެ ބޮޑުވަޒީރު ކަމަށް އިޚްތިޔާރު ކުރެއްވީ އަބްދުލްމަހްދީ ގެ ކޯލިޝަންގެ ބޭފުޅެއްކަމަށްވާ މުހައްމަދު ތަވްފީޤު އަލާވީ އާއެވެ.
އަލާވީވަނީ ސަރުކާރެއް އެކުލަވާލުމުގައި ނާކާމިޔާބުވެ ވަޑައިގެންފައެވެ. ޢައްލާވި އެކަމުގައި ނާކާމިޔާބުވެވަޑައިގަތީ އިރާގުގެ ޕާލަމެންޓްގައި ހިމެނޭ ގިނަ ސިޔާސީ ޕާޓީތަކާއި ކޯލިޝަން ތަކުން އޭނާއަށް ތާއީދު ނުކުރުމުންނާއި އޭނާގެ ސަރުކާރުގައި ބައިވެރި ނުވުމުންނެވެ. މީގެއިތުރުން އިރާގުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރި ފަރާތްތަކުގެ ނުރުހުން އަލާވީ އަށް އޮތުމަކީވެސް ސަރުކާރެއް އެކުލަވާލުމުގައި ނާކާމިޔާބުވެވަޑައިގެންނެވި ސަބަބެކެވެ.
ބޮޑުވަޒީރު ކަމަށް އަލަށް އިޚްތުޔާރު ކުރި ޒަރަފީ އަށްވެސް ސަރުކާރެއް އެކުލަވާލެވޭނީ އެސަރުކާރަށް ޕާލަމެންޓްގެ އަޣްލަބިއްޔަތު ލިބޭވަރަށް ޕާލަމެންޓްގައި ހިމެނޭ ކޯލިޝަންތަކާއި ސިޔާސީ ބްލޮކްތައް އޭނާގެ ސަރުކާރުގައި ބައިވެރިވެއްޖެ ހާލަތެއްގައެވެ. މިކަމަށްޓަކައި ޒަރަފީ މިއަދު އިރާގުގެ ޕާލަމެންޓްގައި ހިމެނޭ ކޯލިޝަންތަކާއި ސިޔާސީ ބްލޮކްތަކުގެ އިސްވެރިންނާ މަޝްވަރާތައް ފައްޓަވާނެއެވެ. (އަލްޖަޒީރާ)